ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން މާލެ ސަރަޙައްދުން ފްލެޓާއި ގޯއްޗަށް އެދި ހުށަހެޅުމަށް ހުޅުވާލާފައިވާ ފުރުޞަތު ހައުސިން މިނިސްޓްރީން އަނެއްކާވެސް އިތުރުކޮށްފިއެވެ.

މިނިސްޓްރީން މިއަދު ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، މާލެ ސަރަޙައްދުގައި މިވަގުތު ކުރިޔަށްދާ ބޯހިޔާވަހިކަމުގެ ގިނަ ސްކީމުތަކަށް ފޯމު ހުށަހެޅުމުގެ މުއްދަތު ކުރިން ހަމަވާގޮތަށް އޮތީ މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. ނަމަވެސް، މި ދުވަސްވަރަކީ އަޟްޙާ ޢީދުގެ ބަންދާ ގުޅިގެން ގިނަ ބަޔަކު ޢާއިލާއާއެކު ޗުއްޓީ ހޭދަކުރުމަށް ރަށުން ބޭރަށް ގޮސްފައިވާ ދުވަސްވަރަކަށް ވުމާއި، ސަރުކާރު ބަންދުވުމުގެ ސަބަބުން ލިޔެކިއުންތައް ހަމަކުރުމުގައި ގިނަ ބަޔަކަށް ދަތިތަކެއް ކުރިމަތިވަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް މިނިސްޓްރީން ހާމަކުރިއެވެ.

އެހެންކަމުން، ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، މާލެ ސަރަހައްދުން ފުލެޓާއި ގޯއްޗަށް އެދި ހުޅުވާލާފައިވާ ހުރިހާ ސްކީމުތަކަށް ފޯމު ހުށަހެޅުމުގެ ސުންގަޑި މިނިސްޓްރީން މިހާރު ވަނީ 15 ޖޫން ވާ ހޯމަ ދުވަހުގެ 23:59 އާ ހަމައަށް އިތުރުކޮށްފައެވެ.

މިނިސްޓްރީން އިތުރަށް ބުނެފައިވަނީ ފޯމު ހުށަހެޅުމުގެ ކުރިން އެ މީހަކު އެދެން ބޭނުންވާ ވަކި ސްކީމެއްގެ ފޯމުތޯއާއި، ބޭނުންވާ ހުރިހާ މަޢުލޫމާތަކާއި ލިޔެކިއުމެއް ފުރިހަމައަށް ހުރިތޯ ރަނގަޅަށް ކަށަވަރުކުރަންޖެހޭނެ ކަމަށެވެ. އަދި ފޯމު ހުށަހެޅުމަށްފަހު، އެޕްލިކޭޝަން ޕޯޓަލަށް ރަނގަޅަށް ވަދެފައިވާކަން ޔަޤީންކުރުމަށްވެސް ހުރިހާ ރައްޔިތުންނަށް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" މަޝްރޫޢުގެ ދަށުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ދިރިއުޅުމުގެ އެކި ޙާލަތްތަކަށް ރިޢާޔަތްކޮށް، ތަފާތު ކެޓަގަރީތަކެއް ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި މާލޭގެ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންގެ އިތުރުން، ޚާއްޞަ ކެޓަގަރީތަކަކަށް ބަހާލައިގެން 2,400 ފްލެޓް ވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރުން، މިހާރު އިޖުތިމާޢީ ބޯހިޔާވަހިކަމުގެ ދަށުން ދެ ކޮޓަރީގެ ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން، ދެ ޖިންސުގެ ދަރިން ތިބޭ ޢާއިލާތަކަށް ތިން ކޮޓަރީގެ ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތުވެސް ވަނީ ފަހިކޮށްދީފައެވެ. ގޯތި ދޫކުރުމުގެ ސިޔާސަތުގެ ދަށުން، މާލޭގައި މައިމުޅަވެފައިވާ މީހުންނާއި، ހަނި ގޯޅިތަކުގައި ހުރި ކުދި ގޯތިތައް ދޫކޮށްލާ ފަރާތްތަކަށް ޚާއްޞަކޮށްގެން 1,500 ގޯތި ވަނީ ކަނޑައަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު