ގިރާވަރުފަޅުން ބިން ހިއްކުމުގެ މަޝްރޫޢުގެ ބޮޑުބައެއް ނިމިފައިވާކަމަށް އެ މަސައްކަތް ހަވާލުވެފައިވާ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.

މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އިން މިރޭ ބުނީ މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ގިރާވަރުފަޅުން މިހާތަނަށް 115 ހެކްޓަރުގެ ބިން ހިއްކައި ނިމިފައިވާކަމަށެވެ. މިއީ އެ ފަޅުން ހިއްކަންޖެހޭ ޖުމްލަ 167.15 ހެކްޓަރުގެ ބިމުގެ 68 އިންސައްތައެވެ. މި މަޝްރޫޢުގެ ދަށުން، ކުރިން ނުހިއްކާ އޮތް 97.15 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކުރީ މިއަހަރުގެ ޖެނުއަރީ މަހުއެވެ.



މި މަސައްކަތް އަވަސްކުރުމުގެ ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ކަމަށްވާ "ކުއީން އޮފް ނެދަލޭންޑްސް" ގެ އިތުރުން "އޮރެންޖް" ޑްރެޖަރު ބޭނުންކުރަމުންދާއިރު، މީގެ ތެރެއިން "ކުއީން އޮފް ނެދަލޭންޑްސް" އިން އަންނަނީ މި މަޝްރޫޢުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރަމުންދާކަން ފާހަގަކުރެވެއެވެ.

މީގެ ކުރިން މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) ގެ ދަށުން ހިންގުނު ފުރަތަމަ ފިޔަވަހީގައި 70 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. ސަރުކާރުގެ އަމާޒަކީ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލުތަކާއެކު ޖުމްލަ 4،072 ގޯތި އެ ސަރަޙައްދުން ދޫކުރުމެވެ.

ގިރާވަރުފަޅުން ދޫކުރުމަށް ހަމަޖެހިފައިވާ ޖުމްލަ 4،072 ގޯތީގެ ތަފްސީލަށް ބަލާއިރު، އޭގެ ތެރޭގައި ހިމެނެނީ 1،250 އަކަފޫޓުގެ 2،605 ގޯއްޗާއި، 1،650 އަކަފޫޓުގެ 1،213 ގޯއްޗާއި، 2،050 އަކަފޫޓުގެ 253 ގޯތީގެ އިތުރުން، 2،450 އަކަފޫޓުގެ 1 ގޯއްޗެވެ.



ކިޔުންތެރިންގެ ހިޔާލު