ޗައިނާގެ ހިލޭ އެހީގެ ދަށުން ރާއްޖެއަށް 880 ސޯލާ މަގުބައްތި ހަދިޔާކުރުން، ފޮޓޯ: މިނިސްޓްރީ
ޗައިނާގެ ހިލޭ އެހީގެ ދަށުން ރާއްޖެއަށް 880 ސޯލާ މަގުބައްތި ހަދިޔާކުރުން، ފޮޓޯ: މިނިސްޓްރީ
ދިވެހިރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖެއަށް 880 ސޯލާ މަގުބައްތި ހަދިޔާކޮށްފިއެވެ.

މި ތަކެތި ރާއްޖެއާ ރަސްމީކޮށް ހަވާލުކުރުމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، މިކަމާ ގުޅޭ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާއެވެ.

މި އެހީއަކީ ރާއްޖެއިން ތިމާވެއްޓާ ރައްޓެހި ފެހި ހަކަތައަށް ކުރާ ދަތުރަށް އެހީތެރިވުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ "ޗައިނާ ސޯލާ ލައިޓްސް މޯލްޑިވްސް" މަޝްރޫޢުގެ ދަށުން ލިބުނު އެހީއެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޗައިނާގެ ސަފީރު ކޮންގް ޝިއަންހުއާ ވިދާޅުވީ، ރާއްޖެއަށް މި މަގުބައްތިތައް ފޯރުކޮށްދިނުމަށް ނިންމާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ޤައުމުގެ ރައީސާއެކު ބޭއްވެވި މަތީ ފަންތީގެ މަޝްވަރާތަކުގެ ތެރެއިން ކަމަށެވެ. އަދި ޗައިނާއަކީ އަބަދުވެސް ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްގެ އިތުރުން ގާތް އެކުވެރިއެއްކަން ސަފީރު ހާމަކުރެއްވިއެވެ.

ސަފީރު އިތުރަށް ވިދާޅުވީ، މީގެ ކުރިން ޗައިނާއިން ހަދިޔާކުރި މިފަދަ މަގުބައްތިތައް ރާއްޖޭގެ 3 ރަށެއްގައި ކާމިޔާބުކަމާއެކު ބޭނުންކުރަމުން އަންނަ ކަމަށެވެ. އަދި މިފަހަރު ލިބުނު 880 ބައްތިއާއެކު އިތުރު ގިނަ ރަށްތަކެއް އަލިވެގެންދާނެ ކަމަށާއި، މީގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށް އުފާވެރި ހެޔޮ ބަދަލުތަކެއް އައުމުގެ އިތުރުން ސަރުކާރުގެ ތިމާވެށީގެ ސިޔާސަތުތައް ހާސިލުކުރުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރު އަންނަންވާއިރު ރާއްޖޭގައި ބޭނުންކުރާ ޖުމްލަ ހަކަތައިގެ %33 އަކީ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމެވެ.



ކިޔުންތެރިންގެ ހިޔާލު