މަރްޔަމް ނަހްދާ ވަޙީދު   29 އޮކްޓޯބަރު 2026 - 14:26
11 ރަށެއްގެ މަގު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކުރުން، ފޮޓޯ: އެމްޓީސީސީ
11 ރަށެއްގެ މަގު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކުރުން، ފޮޓޯ: އެމްޓީސީސީ
ރާއްޖޭގެ 11 ރަށެއްގައި އުމްރާނީ ތަރައްގީގެ މުހިންމު މަޝްރޫއުތަކެއް ހިންގުމަށް ސަރުކާރާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ދެމެދު މިއަދު އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދެވެ.

ޖުމްލަ 912.15 މިލިއަން ރުފިޔާގެ މި މަޝްރޫއުތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އއ. ފެރިދޫ، އއ. މަތިވެރި، ނ. މަގޫދޫ، ރ. އިންނަމާދޫ، ރ. ރަސްގެތީމު، ށ. ބިލެތްފަހި، ށ. މަގޫދޫ، ބ. ދަރަވަންދޫ، ބ. ކެންދޫ، ފ. ފީއަލީ އަދި ކ. ދިއްފުށީގައެވެ.

11 ރަށެއްގެ މަގު ހެދުމުގެ މަޝްރޫޢުތައް އެމްޓީސީއާ ހަވާލުކުރުމުގެ ތެރެއިން، ފޮޓޯ: އެމްޓީސީސީ


މި މަޝްރޫއުތަކުގެ ތެރެއިން ގިނަ ރަށްރަށުގައި ތާރުއަޅައިގެން ޒަމާނީ ފެންވަރަށް މަގުތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އއ. ފެރިދޫގައި 2.1 ކިލޯމީޓަރު، ނ. މަގޫދޫގައި 2.1118 ކިލޯމީޓަރު، ރ. އިންނަމާދޫގައި 2.6 ކިލޯމީޓަރު، ރ. ރަސްގެތީމުގައި 2.1 ކިލޯމީޓަރު، ށ. ބިލެތްފަހީގައި 2.4 ކިލޯމީޓަރު، ށ. މަގޫދޫގައި 3.2 ކިލޯމީޓަރު، ބ. ދަރަވަންދޫގައި 2.55 ކިލޯމީޓަރު އަދި ފ. ފީއަލީގައި 2.46 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމަށް ވަނީ ނިންމާފައެވެ.

މީގެއިތުރުން އއ. މަތިވެރީގައި 2.3 ކިލޯމީޓަރު އަދި ބ. ކެންދޫގައި 2.4 ކިލޯމީޓަރުގެ ވެލިމަގު ހެދުމަށް ހަމަޖެހިފައިވާއިރު، ކ. ދިއްފުށީގައި ވެލިމަގާއި ތާރުމަގު ހިމެނޭހެން 2.3 ކިލޯމީޓަރުގެ މަގު ހެދުމަށް ވަނީ ކަނޑައަޅާފައެވެ. މި ހުރިހާ ރަށެއްގައިވެސް މަގުތަކުގައި ފެންހިންދާ ނިޒާމު ގާއިމުކުރުމާއި، މަގުބައްތި ޖެހުމުގެ މަސައްކަތް މި އެއްބަސްވުންތަކުގެ ދަށުން ކުރިއަށްދާނެއެވެ.

11 ރަށެއްގެ މަގު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއަށް، ފޮޓޯ: އެމްޓީސީސީ


މި މަޝްރޫއުތައް ނިމުމުން އެ ރަށްރަށުގެ ރައްޔިތުންނަށް ޒަމާނީ ފެންވަރުގެ މަގުތަކެއް ލިބިގެންދާނެއެވެ. އަދި ވިއްސާރަ މޫސުމުގައި މަގުތަކުގައި ފެންބޮޑުވެ، ޗަކަވުމުގެ ސަބަބުން ދަތުރުފަތުރުކުރާ ފަރާތްތަކަށާއި ހިނގާބިނގާވެ އުޅޭ އާންމުންނަށް ކުރިމަތިވާ ތަކުލީފުތަކަށް ދާއިމީ ހައްލެއް ލިބި، ރަށްރަށުގެ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ހާމަކުރެއެވެ.

އަހަރު 1980 ގައި އުފެދުނު އެމްޓީސީސީން ވޭތުވެދިޔަ 45 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމް

ރާނީ އަދި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގެ އެތައް މަޝްރޫއެއް ވަނީ ކާމިޔާބުކަމާއެކު ނިންމައި، ގައުމުގެ ތަރައްގީގެ ދަތުރުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު