އިޓަލީ ސަރުކާރުންދޭ ހިތްވަރުގަދަކަމުގެ އެންމެ މަތީ ޝަރަފު މަރުޙޫމް މުޙައްމަދު މަހުދީއަށް އެރުވުން، ފޮޓޯ ޕީއެސްއެމް
އިޓަލީ ސަރުކާރުންދޭ ހިތްވަރުގަދަކަމުގެ އެންމެ މަތީ ޝަރަފު މަރުޙޫމް މުޙައްމަދު މަހުދީއަށް އެރުވުން، ފޮޓޯ ޕީއެސްއެމް
ވ. އަތޮޅު ކަނޑުއަޑީގެ ހޮހަޅައަކަށް ގެއްލުނު އިޓަލީ ފަތުރުވެރިންތަކެއް ސަލާމަތްކުރުމުގެ އޮޕަރޭޝަނުގައި އުޅުނު، އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީގެ ހަނދާނަށް، އިޓަލީ ސަރުކާރުން ދޭ ހިތްވަރުގަދަކަމުގެ އެންމެ މަތީ ޝަރަފު ކަމަށްވާ "ގޯލްޑް މެޑަލް ފޯ ސިވިލް ވެލާ އަރުވައިފިއެވެ.

މި އެވޯޑު މަހުދީގެ ހަނދާނަށް އަރުވާފައިވަނީ، ދިވެހިރާއްޖެއާއި އިޓަލީއާ ދެމެދު އޮތް ޚާރިޖީ ގުޅުމަށް 60 އަހަރު ފުރުމާއި، އެ ޤައުމުގެ 80 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމަށް ހޮޓެލް ބާސެލޯ ނަސަންދުރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި އެވޯޑު މަރުޙޫމް މުޙައްމަދު މަހުދީގެ އާއިލާ އާއި ހަވާލުކޮށްދެއްވީ އިޓަލީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑެމިއާނޯ ފްރެޑްރިޗްއާއި، އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ.މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ސަޢީދު ވަނީ މި އަހަރުގެ މެއި މަހު ހިނގި އެ ހިތާމަވެރި ހާދިސާގައި މަހުދީ ދެއްކެވި އާދަޔާޚިލާފު ހިތްވަރާއި ޤުރުބާނީ ފާހަގަކުރައްވައި، އޭނާގެ އާއިލާއަށް ތަޢުޒިޔާ ވިދާޅުވެފައެވެ. އަދި އެ ހިތާމަވެރި ދަނޑިވަޅުގައި އިޓަލީ ސަރުކާރާއި ރައްޔިތުން ދެއްކެވި އެއްބައިވަންތަކަމަށް ޝުކުރު އަދާކުރެއްވިއެވެ.

މަރުޙޫމް މަހުދީ އަށް އިޓަލީގެ ސަރުކާރުން ދޭ އެންމެ މަތީ ޝަރަފު އަރުވާފައިވާއިރު އޭނާގެ އާއިލާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ކޮލަމްބޯގައި ހުންނަ އިޓަލީ އެމްބަސީއާއި މާލޭގައި ހުންނަ އެ ޤައުމުގެ އޮނަރަރީ ކޮންސިއުލާ އެޖެންސީ ގުޅިގެން ޚާއްސަ ފަންޑްރެއިޒިންގ ހަރަކާތެއްވެސް ވަނީ ފަށާފައެވެ.

ދިވެހިރާއްޖެއާއި އިޓަލީވިލާތާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 1966 ވަނަ އަހަރުއެވެ.



ކިޔުންތެރިންގެ ހިޔާލު