އީގަލް ހިލްސްއިން ހުޅުމާލޭގައި ހިންގާ ހައުސިން މަޝްޜޫޢުގެ ކުރެހުމެއް
އީގަލް ހިލްސްއިން ހުޅުމާލޭގައި ހިންގާ ހައުސިން މަޝްޜޫޢުގެ ކުރެހުމެއް
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އަބޫދާބީގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސްއިން ހުޅުމާލޭގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ 500 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 7.7 ބިލިއަން ރުފިޔާ) ގެ ބިޔަ ހައުސިންގ މަޝްރޫޢުގެ ކޮންސެޕްޓް ކުރެހުންތައް ޢާންމުކޮށް ދައްކާލައިފިއެވެ.

ދިވެހިރާއްޖޭގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ އަދި ފުރިހަމަ ޙައްލެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ތަފްސީލީ ކުރެހުންތައް ޢާންމުކުރެއްވީ، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބެވެ.

މި މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި ޖުމްލަ 5,000 ޒަމާނީ ހައުސިންގ ޔުނިޓް އެޅުމަށް ވަނީ ކަނޑައެޅިފައެވެ. ސަރުކާރުން ހާމަކުރައްވާފައިވާ ގޮތުގައި، މި މަޝްރޫޢަކީ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ވަރަށް ބޮޑު ތަސައްލީއެއް ލިބި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު އެތައް ގުނައަކަށް އުފުލިގެންދާނެ އިންޤިލާބީ މަޝްރޫޢެކެވެ.

ހުޅުމާލެ ފޭސް 3 ވިޝަން މާސްޓަރޕްލޭންގެ ދަށުން މި މަޝްރޫޢު ފަރުމާކޮށްފައިވަނީ ސިންގަޕޫރުގެ ދުނިޔޭގެ ފެންވަރުގެ ކުންފުންޏެއް ކަމަށްވާ 'ވާއު އާކިޓެކްޓްސް / ވާނަރ ވޮންގ ޑިޒައިން' އިންނެވެ. މި ފަރުމާގައި ހިމެނެނީ ހަމައެކަނި ބޯހިޔާވަހިކަމުގެ އިމާރާތްތަކެއް ނޫނެވެ. އޭގެ ބަދަލުގައި، ހިތްގައިމު އުސް ރެސިޑެންޝަލް ޓަވަރުތަކާއި، މޫދުގެ ހިތްގައިމު މަންޒަރު ފެންނަ ވޯޓަރފްރަންޓް ޓައުންހޯމްތަކުގެ އިތުރުން ދިރިއުޅުމަށް ބޭނުންވާ އެންމެހައި ޒަމާނީ ޚިދުމަތްތައް އެއްފުރާޅެއްގެ ދަށުން ލިބޭނެހެން ވަނީ އިންތިޒާމުކޮށްފައެވެ. އޭގެ ތެރޭގައި ކުޅިވަރު ކުޅޭނެ ތަފާތު ދަނޑުތަކާއި ސަރަޙައްދުތައް، ކެފޭ އަދި ރެސްޓޯރަންޓްތައް، ވިޔަފާރިކުރާނެ ފިހާރަތައް، އަދި ރައްކާތެރިކަމާއެކު މޫދަށް އެރިލެވޭނެ ބީޗް އޭރިއާތައް ހިމެނެއެވެ. މީގެއިތުރުން، އިސްލާމީ ވަންތަކަން ރަމްޒުކޮށްދޭ ބޮޑު ޖަމާޢަތުގެ މިސްކިތެއްވެސް މި ސަރަޙައްދުގައި ޤާއިމުކުރުމަށް ވަނީ ހިމަނާފައެވެ.





ހުޅުމާލޭގެ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް 2027 ވަނަ އަހަރުގެ ކުރީކޮޅު ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ. މީގެ އިތުރުންވެސް، ރާއްޖޭގެ ތާރީޚުގައި ހިންގޭ އެންމެ ބޮޑު އުމްރާނީ ތަރައްޤީގެ އެއް ބިޔަ މަޝްރޫޢު ކަމަށްވާ 'ރަސްމާލެ' ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، 20 ބިލިއަން ޑޮލަރުގެ އަގުހުރި ވޯޓަރފްރަންޓް އަދި މެރީނާ ޕްރޮޖެކްޓެއް ކުރިއަށްގެންދިއުމަށްވެސް ސަރުކާރުން ވަނީ އީގަލް ހިލްސްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު