އެމެރިކާއާ އެކު ކުރިއަށްދާ މަޝްވަރާތަކުގައި ބައިވެރިވާ އީރާނުގެ އިސް މަންދޫބު އަދި އެ ޤައުމުގެ ޕާލަމެންޓުގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފް
އެމެރިކާއާ އެކު ކުރިއަށްދާ މަޝްވަރާތަކުގައި ބައިވެރިވާ އީރާނުގެ އިސް މަންދޫބު އަދި އެ ޤައުމުގެ ޕާލަމެންޓުގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފް
އެމެރިކާގެ މިޑްޓާމް އިންތިޚާބުގައި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި ބޮޑު ނާކާމިޔާބީއާ ގުޅިގެން، އެމެރިކާގެ ރައްޔިތުން ވޯޓު ދިނީ "ހަނގުރާމައާ ދެކޮޅަށް" ކަމަށް އެމެރިކާއާ އެކު ކުރިއަށްދާ މަޝްވަރާތަކުގައި ބައިވެރިވާ އީރާނުގެ އިސް މަންދޫބު އަދި އެ ޤައުމުގެ ޕާލަމެންޓުގެ ރައީސް މުޙައްމަދު ބަޤަރު ޤަލީބާފް ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅޭގޮތުން ޤަލީބާފް އެކްސްގައި ލިޔުއްވި މެސެޖެއްގައި ވިދާޅުވީ، އެމެރިކާގެ ރައްޔިތުން ދިން މި މެސެޖަށް އީރާނުން ފުރިހަމައަށް ތާއީދުކުރާ ކަމަށެވެ. އަދި ބައިނަލްއަޤްވާމީ ފަރާތްތަކުގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެމެރިކާ ސަރުކާރުން ރައްޔިތުންގެ ނިންމުމަށް ޚިޔާނާތްތެރިވެއްޖެނަމަ، އީރާނުން ދޭނެ "ނޫނެކޭ" ގެ ޖަވާބު ވެގެންދާނީ ބިރުވެރި ހުވަފެނަކަށް ކަމަށް ވިދާޅުވެ އޭނާ އިންޒާރު ދެއްވިއެވެ.

އިންތިޚާބުން ލިބުނު ނާކާމިޔާބީއާ ގުޅިގެން ޓްރަމްޕް ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އެއްބަސްވެވަޑައިގެންނެވި ގޮތުގައި، މި ނަތީޖާގެ ބައެއް ގުޅިފައިވަނީ އީރާނުގެ ހަނގުރާމައާއި އޭގެ ސަބަބުން ތެލުގެ އަގު އުފުލިގެން ދިއުމާއެވެ. ނަމަވެސް، ފާއިތުވި ފެބްރުއަރީ މަހު އިސްރާއީލާ ގުޅިގެން އީރާނަށް ދިން ހަމަލާތަކާމެދު ހިތާމަނުކުރައްވާ ކަމަށާއި، މި ހަނގުރާމަ ނިމުމަކަށް އަންނާނީ އެމަނިކުފާނު އެކަން އިޢުލާން ކުރެއްވުމުން ކަމަށް ސީބީއެސް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވިއެވެ.

މީގެއިތުރުން އެމެރިކާގެ މިޑްޓާމް އިންތިޚާބުގައި ފެނިގެން ދިޔަ ނަތީޖާއަށްފަހު ވެސް އެމެރިކާގެ ސިޔާސަތަށް ބަދަލެއް އަންނާނެ ކަމަށް ނުދެކޭ ކަމަށް އީރާނުގެ ރޫޙީ ލީޑަރުގެ ފަރާތްޕުޅުން މުޖުތަބާ ޚާމަނާއީ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވެއެވެ. އޭނާ ވިދާޅުވީ އީރާނާ ދެކޮޅަށް އެމެރިކާއިން ގެންގުޅޭ ދެކޮޅުވެރިކަން ބަދަލުވާނެ ކަމަށް ހީކުރުމަކީ ބޮޑު ކުށްހީއެއް ކަމަށެވެ.

މަޝްވަރާތަކުގެ ތެރެއިން މި މައްސަލައަށް ހައްލެއް ހޯދުމަށް އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއާން ގޮވާލައްވަމުން ގެންދެވި ނަމަވެސް، ހޮރްމުޒް ކަނޑުއޮޅީގައި އޮތް އަސްކަރީ ނުތަނަވަސްކަން ދަނީ އިތުރުވަމުންނެވެ. އެގޮތުން އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައިއާރުޖީސީ) އިން ބުދަ ދުވަހު ބުނެފައިވަނީ ކަނޑުއޮޅީގައި އަޅާފައިވާ މައިންތަކެއްގައި ޖެހި ތެޔޮ އުފުލާ ހަތަރު ބޯޓެއްގައި އަލިފާން ރޯވެފައިވާ ކަމަށާއި، އަދި އެމެރިކާގެ އެމްކިއު-9 މަރުކާގެ ޑްރޯނެއް ވައްޓާލާފައިވާ ކަމަށެވެ. މީގެ އިތުރުން އޮމާން ކައިރިން ވެސް އުޅަނދުފަހަރަށް ހަމަލާތައް އަމާޒުވެ، މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ދުނިޔޭގެ ތެލުގެ ބޮޑު ބައެއް ދަތުރުކުރާ މި މުހިންމު ކަނޑުއޮޅީގެ ކޮންޓްރޯލް ދޫކޮށްނުލާނެ ކަމަށް އީރާނުން ބުނަމުންދާއިރު، ސަރަހައްދުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް އެމެރިކާގެ އަސްކަރިއްޔާއިން ދަނީ ތެޔޮ ބޯޓުތަކަށް ހިމާޔަތް ދެމުންނެވެ. ހަނގުރާމަ ހުއްޓުވުމަށް ޤަޠަރު މެދުވެރިވެގެން ކުރިއަށްގެންދާ ނުސީދާ މަޝްވަރާތައް ހުއްޓުމަކަށް އައިސްފައިވާއިރު، އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނާ ދެކޮޅަށް ފުރިހަމަ ހަނގުރާމައެއް ފަށައިފާނެ ކަމުގެ ބިރުވެރިކަން އަދިވެސް އޮތީ ބޮޑުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު