ޤާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ހ) އަށް ގެންނަން ހުށަހަޅާފައިވާ އިޞްލާޙަކީ އެ މާއްދާގެ އަސްލު މަޤްޞަދާ ފުށުއަރާ ބަދަލެއް ކަމަށް ޤާނޫނީ ވަކީލު އަލްއުސްތާޛު މުޙައްމަދު ޖިނާޙް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޖިނާޙް ފާހަގަކުރެއްވި ގޮތުގައި، ޤާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލީހުގެ ދައުރަކީ 5 އަހަރު ދުވަސް ކަމަށް ވަރަށް ސާފުކޮށް ބަޔާންކޮށްފައި އޮންނަނީ ވަކި މަޤްޞަދެއްގައެވެ. އެހެންކަމުން، އެ މާއްދާއަކީ އެއްވެސް ހާލެއްގައި މަޖިލީހުގެ އުމުރު ކުރުކޮށްލުމުގެ ނުވަތަ މަޖިލިސް އުވާލުމުގެ ބާރުދޭ މާއްދާއެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ޤާނޫނުއަސާސީގެ ފެންވަރުގައި ވަކި ތާރީޚުތަކެއް ނުވަތަ "ކަލަންޑަރު" ބަދަލުތަކެއް ހިމެނުމަކީ ކުރަންޖެހޭ ކަމެއް ނޫން ކަމަށް ޖިނާޙް ސިފަކުރެއްވިއެވެ.

އޭނާ ވިދާޅުވީ އާންމުކޮށް ތާރީޚުތަކާއި މުއްދަތުތައް ބަޔާންކޮށްފައި ހުންނަނީ އިންތިޤާލީ މަރުހަލާގެ ބާބުތަކުގައި ކަމަށާއި، ރާއްޖޭގެ އިންތިޤާލީ މަރުހަލާ ނިމި ކަންކަން ކަށަވަރުވެފައިވާތާ މިހާރު 14 އަހަރު ވެފައިވާ ކަމަށެވެ. މިފަދަ އިދާރީ ތާރީޚުތަކަކީ ޤާނޫނުއަސާސީގެ ބަދަލުގައި ސާކިއުލާ ފަދަ ލިޔުންތަކުގައި ހުންނަންޖެހޭ ކަންކަން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޖިނާޙް އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ދައުރާއި އުމުރު ފަދަ ޤާނޫނުއަސާސީގެ އަސާސީ ސިފަތަކަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ ސީދާ ވޯޓަކުން (ރިފަރެންޑަމް) ކަމަށެވެ.

އިންތިޚާބުތައް އެއްކޮށްލުމާމެދު އޭނާގެ އަމިއްލަ ކަންބޮޑުވުމެއް ނެތް ނަމަވެސް، ޤާނޫނުއަސާސީއަށް މިފަދަ ބޮޑެތި ބަދަލުތައް ގެންނަންވާނީ މުޅި ޤައުމީ ފެންވަރުގައި ރައްޔިތުންގެ ފުޅާ މަޝްވަރާއާއެކު ޖުމްލަ ބަދަލެއްގެ ގޮތުގައި ކަމަށް ޖިނާޙް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު