ހިނގަމުންދާ ރައްޔިތުންގެ މަޖިލީހެއް އުވާލުމާއި، މަޖިލީހުގެ ދައުރުގެ މުއްދަތަށް ބަދަލު ގެނައުމަކީ މުޅިން ތަފާތު ދެ ކަމެއްކަން ފާހަގަކުރައްވައި، ރެފަރެންޑަމްގައި ރައްޔިތުންނާ ކުރާ ސުވާލުގެ ސާފު ކަމާމެދު ކުރީގެ އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް އަލްއުސްތާޒު މުޙައްމަދު ޖިނާޙް ސުވާލު އުފައްދަވައިފިއެވެ.

ސޯޝަލް މީޑިއާގައި ވާހަކަދައްކަވަމުން ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މަގާމު ފުރުއްވި މަޝްހޫރު ޤާނޫނީ ވަކީލެއް ކަމަށް ޖިނާޙް ވިދާޅުވީ މި ދެ މައްސަލައަކީ ތަފާތު ދެ މަފްހޫމަކަށް ވީހިނދު، ފެންނަ ނުފެންނަ ވޯޓުގައި ސުވާލު ފަރުމާކޮށްފައިވަނީ އެންމެ އެކަށީގެންވާ ގޮތަކަށް ނޫން ކަމަށެވެ. ޖިނާހު ވިދާޅުވީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށާއި ހިނގަމުން މިދާ 20 ވަނަ މަޖިލީހުގެ އުމުރާއި ގުޅޭގޮތުން މިހާރު ހުށަހަޅާފައިވާ އަށްވަނަ އިސްލާހުގެ ދަށުން ޤާނޫނުއަސާސީއަށް އާ މާއްދާ އެއްް އިތުރުވާކަމަށް ޖިނާހު ވިދާޅުވިއެވެ.

ޖިނާޙް ފާހަގަކުރެއްވި އެންމެ ބޮޑު އެއް މައްސަލައަކީ މަޖިލީހުގެ އުމުރާ ގުޅޭ ސުވާލެވެ. އޭނާ ވިދާޅުވީ ފެންނަ ނުފެންނަ ވޯޓަކަށް އަހަންޖެހެނީ މަޖިލީހުގެ އުމުރު ކުރުކުރަންވީތޯ ނުވަތަ ދިގުކުރަންވީތޯ ކަމަށެވެ. ނަމަވެސް މިހާރު މިގެންނަ އިސްލާހުގައި އުމުރު ގުނާ އުސޫލަށް ބަދަލު ގެނައި ކަމުގައިވިޔަސް، 79 ވަނަ މާއްދާގެ (ހ) ގައިވާ ފަސް އަހަރުގެ މުއްދަތަށް ބަދަލެއް ނާންނަ ކަން އޭނާ ފާހަގަކުރެއްވިއެެވެ.

މީގެ އިތުރުން، މިހާރު ހިނގަމުންދާ މަޖިލިސް އުވާލުމާ ގުޅޭ ގޮތުން ވެސް އައްޑު އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ ޖިނާޙް ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އޭނާ ވިދާޅުވީ މަޖިލިސް އުވާލާ ނަމަ އެކަން ކުރަންވާނީ ޤާނޫނުއަސާސީއަށް އިތުރުކުރެވޭ މާއްދާއަކުން ނުވަތަ މަޖިލީހުން ފާސްކުރެވޭ ވަކި ޤާނޫނަކުން ކަމަށެވެ.

"ރައްޔިތުންގެ މަޖިލިސް އުވާލާ ކަމަށް ވަންޏާ ޤާނޫނު އަސާސީ އަށް އެބައި އިތުރުކުރަންޖެހޭ ނުވަތަ ޤާނޫނަކުން އެކަން ފާސްކޮށްގެން ރައްޔިތުންގެ މަޖިލިސް އުވާލަންވާނީ އެގޭތޯ، ސަބަބަކީ ޤާނޫނު އަސާސީގެ 79 ވަނަަ މާއްދާގެ (ހ )އަށް މި ގެންނަ އިސްލާހަކުން ނެތް އެއްވެސް ބަދަލެއް އެ މާއްދާ އަކަށް (މަޖިލީހުގެ އުމުރު ބަޔާންކުރާ މާއްދާ) އޭގެ ޒާތުގައެެއް ނާދޭ އުމުރު އޮތީ ހަމަ 5 އަހަރުގެ ގޮތުގައި އެއަަކަށް ބަދަލެއް ނާދޭ, އެހެންވީމަ އެއީކީ މި އިސްލާހު ހަޤީޤަތުގައި ހިމަނައިގެން ފެންނަ ނުފެންނަ ވޯޓު އެހޭނެ ޖާގަ އެއް އޮތް ކަމަކަށް އަޅުގަނޑެެއް ނުދެކެން،" ޖިނާހު ވިދާޅުވިއެވެ.

މީގެ އިތުރުން ފެންނަ ނުފެންނަ ވޯޓަކަށް އަހަންޖެހޭ ކަންކަމާއި ނުޖެހޭ ކަންކަން މިހާރު ރައްޔިތުންނާއި ކޮށްފައިވާ ސުވާލު އޮތްގޮތުން މަސްހުނިވެފައިވާކަމަށް ޖިނާހު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޤާނޫނުއަސާސީގެ ދަށުން ރައްޔިތުންނަށް ލިބިދޭ އެއްވެސް ހައްގަކަށް ބަދަލު އަންނަ ނަމަ، އެ ކުރެވޭ ސުވާލަކީ ވަރަށް ސާފު ސީދާ ސުވާލަކަށް ވާންޖެހޭނެ ކަމަށެވެ.

"މި ކުރެވޭ ސުވާލުގައި މިއޮންނަނީ ރައީސުލްޖުމްހޫރިއްޔާ މި ބިލް ތަސްދީގު ކުރައްވާނެތޯ ނުވަތަ ނޫންތޯ. ތަސްދީގު ކުރުމަކީ ރައީސްގެ ކަމެއް. އެކަމަކު އޭގެ ކުރިން އަހަންޖެހެނީ މި ބަދަލަށް ރައްޔިތުން ރުހޭތޯ ނުވަތަ ނޫންތޯ،" ފުންނާބު އުސް ގާނޫނީ ވަކީލެއް ކަމަށްވާ ޖިނާޙް ވިދާޅުވިއެވެ.

މީގެ އިތުރުން އުސްތާޒު ޖިނާޙް ވިދާޅުވީ ރައްޔިތުންގެ އަގުލަބިއްޔަތު ލިބިއްޖެނަމަ ރައީސަށް ތަސްދީގު ކުރަން މަޖުބޫރުވާނެތީ، ތަސްދީގު ކުރުމާ ބެހޭގޮތުން ސުވާލު ކުރުމަކީ އޭގެ ޒާތުގައި ކުރަންޖެހޭ ކަމެއްނޫން ކަމަށެވެ.

"އެސުވާލުގައި އޮތީ ޤާނޫނު އަސާސީ އަށް ގެންނަ އަށްވަނަ އިސްލާހުގެ ވާހަކަ، އަށްވަނަ އިސްލާހަކީ އެއީ ދެގަނޑުގެ ބޮޑު ގާނޫނެއް. އޭގެ ތެރޭގައި އެބަހުރި ބައިވަރު އެހެން ވާހަކަތަކެއް އޭގެތެރެއިން އެއްކަމަކީ މި ދެންނެވި ގޮތަށް މިހާރު ހިނގަ ހިނގާ އޮތް މަޖިލިސް އުވާލުން ވެސް،" ކުރީގެ ރައީސް ސާލިޙްގެ ސަރުކާރުގައި ޖަރުމަންގެ ޑެޕިއުޓީ އެމްބެސެޑަރުކަންވެސް އަދާކުރެއްވި ޖިނާޙް ވިދާޅުވިއެވެ.

މި އިސްލާހުތައް މަޖިލީހުގެ ބޮޑު އަގުލަބިއްޔަތަކުން ފާސްކުރި ނަމަވެސް، މިއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ވިދާޅުވެ ޖިނާޙް ވަނީ ދަސްތޫރީ ގޮތުން ހުރި ކަންބޮޑުވުންތައް ތަކުރާރު ކުރައްވާފައެވެ.

ޖިނާހު މިހެން ވިދާޅުވެފައިވާއިރު ފެންނަ ނުފެންނަ ވޯޓުގެ ސުވާލު ބިނާވެފައިވަނީ، ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރުމާ މެދު ރައްޔިތުންގެ ފެންނަ ގޮތެއް ބެލުމުގެ މައްޗަށެވެ. ނަމަވެސް، އެ އިސްލާހުގައި ހިމެނޭ ވަކިވަކި ކަންކަމާމެދު ރައްޔިތުންގެ ރުހުން އޮތްތޯ ބެލުމުގެ ފުރުސަތެއް މި ސުވާލަކުން ނުލިބެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ މުއްދަތު ގާނޫނުއަސާސީގެ 79 ވަނަ މާއްދާގައި ކަނޑައަޅާފައިވަނީ ފަސް އަހަރު ދުވަހަށެވެ. އެއީ އިންތިހާބަށްފަހު ބާއްވާ ފުރަތަމަ ޖަލްސާއިން ފެށިގެން ގުނާގޮތަށެވެ. އެހެންނަމަވެސް، ގާނޫނުއަސާސީއަށް ހުށަހެޅި އަށްވަނަ އިސްލާހުގައިވަނީ މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކުރުމަށް ނިންމާފައެވެ.

އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި އެކު ނަގާ ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުންނާއި ކުރާ ސުވާލަކީ "ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ގާނޫނުއަސާސީ އަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވަން ފެނޭ ހެއްޔެވެ؟" މި ސުވާލެވެ.



ކިޔުންތެރިންގެ ހިޔާލު