ކޮމިޝަނަރު އޮފް ޕޮލިސް (ސީޕީ) ގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވަނީ، ފުލުހުންގެ މުއައްސަސާގެ ތެރެއަށް ސިޔާސީ އޮއިވަރު ވަދެފައި އޮތުމުން ކަމަށް ކުރީގެ އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް އަލްއުސްތާޒު މުޙައްމަދު ޖިނާޙް ވިދާޅުވެއްޖެއެވެ.

މީޑިއާއަކަށް ދެއްވި ބަސްދީގަތުމެއްގައި ކުރީގެ އޭސީޕީ ޖިނާހު ވިދާޅުވީ، ސީޕީގެ މަގާމަށް ކުރިމަތިލާނެ މީހަކު ނުވުމަކީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. ފުލުހުންގެ ތެރޭގައި އެ މަގާމަށް ގާބިލު، ޒަމާނީ ތައުލީމު ލިބިފައިވާ އަދި އޭސީޕީ ރޭންކުގެ ބޭފުޅުން ތިއްބެވި ނަމަވެސް، އެ މަގާމަށް ކުރިމަތިލުމުގެ ޝައުގުވެރިކަން އެ ބޭފުޅުންގެ ކިބައިގައި މިހާރު ނެތްކަން ޖިނާހު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޖިނާހު ވިދާޅުވި ގޮތުގައި، ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ބޮޑު ޒިންމާއެއް ނަގަން އުނދަގޫވެގެން މިއުޅެނީ ފުލުހުންގެ އޮޕަރޭޝަނަލް މަސައްކަތްތަކުގެ ތެރެއަށް ސިޔާސީ ނުފޫޒާއި އޮއިވަރު އާދަޔާ ހިލާފަށް ވަދެފައި އޮތުމުންނެވެ.

"މާނައަކީ އެތަން ހިންގަން ބޭނުންވާ މީހުންނަށް އެތަން ހިންގުމުގެ ފަސޭހަ ފުރިހަމަ މިނިވަންކަމެއް ނޯވޭ، އެއީ ހަގީގަތަކީ،" ޖިނާހު ވިދާޅުވިއެވެ.

މީގެ އިތުރުން ޖިނާހު ވިދާޅުވީ، މިއީ ޒަމާނުއްސުރެ ހިފެހެއްޓިފައި ހުރި ކަންތައްތަކެއް މަޑުމަޑުން ދޫވެގެން ގޮސް، ލީޑަރެއް ނެތުމުގެ ސަބަބުން މެދުވެރިވެފައިވާ ހާލަތެއް ކަމަށެވެ. އަދި މިފަދަ މަގާމަކަށް ކުރިމަތިލުމުގެ ޝައުގުވެރިކަން ކެނޑެނީ މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ނެތުމުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ސީޕީގެ މަގާމު ހުސްކޮށް އޮތް ނަމަވެސް، އެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމަށް އެކްޓިން ކޮމިޝަނަރެއް ހުންނަވާނެ ކަމަށާއި، ފުލުހުންގެ އޮޕަރޭޝަންތައް މެދުނުކެނޑި ކުރިއަށްދާނެ ކަމަށް ވެސް ޖިނާހު ވިދާޅުވިއެވެ.

ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން، މިދިޔަ މަހުގެ 18 ވަނަ ދުވަހު ފުލުހުންގެ ޚިދުމަތުން ރިޓަޔާ ކުރެއްވުމާ ގުޅިގެން އެ މަގާމު ވަނީ ހުސްވެފައެވެ. ނަމަވެސް، ހުސްވެފައިވާ ސީޕީގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ، އެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު މިހާރު ވަނީ އިތުރުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު