ބޯޑަރުގައި ހަރަކާތްތެރިވާ ޔަހޫދީ ސިފައިން
ބޯޑަރުގައި ހަރަކާތްތެރިވާ ޔަހޫދީ ސިފައިން
އިޒްރޭލާއި ފަލަސްޠީނާ ވީ ފަރާތުން މިސްރުގެ ސަރަހައްދާ އެއްވެސް ޔަހޫދީއަކު ކައިރިވާނަމަ އެމީހަކަށް ދިމާވާ ކަމަށް ޒިންމާ ވާން ޖެހޭނީ އަމިއްލައަށް ކަމަށް ބުނެ މިސްރުން ހަރުކަށި އިންޒާރެއް ދީފިއެވެ.

މި އިންޒާރު ދީފައި ވަނީ މިސްރުގެ ސީނާއީ ޕްރޮވިންސްގެ ގަވަރުނަރުއެވެ.

ސިނާއީގެ ގަވަރުނަރު މޭޖާ ޖެނެރަލް ޚާލިދު މުޣާވަރީ ބުނީ ބޯޑަރާ ކައިރިވާން ކުރާ ކޮންމެ މަސައްކަތަކަށް މިސްރު ސިފައިންގެ "ސިއްސުވާލަނިވި ކުއްލި ޖަވާބެއް" ލިބޭނެ ކަމަށެވެ. އަދި މިވާހަކައަކީ ސާފު ސުވާލަކަށް ދޭ ސާފު ޖަވާބެއް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އޭނާ އިތުރަށް ބުނީ މިސްރުގެ ހާލަތު އިތުރަށް ގޯސްވެއްޖެ ނަމަ އެކަމާ ކުރިމަތިލާން ތައްޔާށް ތިބި ކަމަށެވެ.

ޔަހޫދީން ފަށާފައިވާ ހޮލޮކޯސްޓާ ގުޅިގެން މިސްރުން މިފަހުން ދައްކާފައިވާ ވާހަކަތަކާއެކު އިޒްރޭލާއި މިސްރުގެ ގުޅުން ވަނީ ގޯސްވެފައެވެ.

މިދިޔަ އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިސްރުގެ ރައީސް އަބްދުލް ފައްތާހު އައްސީސީ ވަނީ ޣައްޒާގައި ހިނގަމުންދާ ޖަރީމާއަކީ "ބަނޑަށް ޖެއްސުމާއި ނަސްލު ނައްތާލުމާއި ފަލަސްތީނުގެ މައްސަލަ ވުޖޫދުން ފޮހެލުމުގެ ހަނގުރާމައެއް" ކަމަށް ސިފަކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު