ދައުލަތުގެ ސިއްރުތަކެއް ލީކް ކުރި ކަމަށް ބުނާ މައްސަލައެއްގައި ޕާކިސްތާންގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާންގެ މައްޗަށް ޕާކިސްތާންގެ ކޯޓަކުން 10 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

ކުރީގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ޚާންއާއި އަރިސް ބޭފުޅެއް ކަމުގައިވާ ޝާހް މަހްމޫދު ގުރޭޝީގެ މައްޗަށް ވެސް މި މައްސަލައިގައި ވަނީ 10 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ދައުލަތުގެ ރަސްމީ ސިއްރުތަކާ ބެހޭ ގާނޫނުގެ ދަށުން ކޯޓުން ޚާންގެ މައްޗަށް އުފުލާފައިވަނީ އެމެރިކާއަށް ޕާކިސްތާނުގެ ކުރީގެ ސަފީރަކު ފޮނުވި ސިއްރު ކޭބަލް ނަހަމަ ގޮތުގައި ބޭނުން ހިފުމުގެ ދައުވާއެވެ.

ޚާން ވަނީ ތަކުރާރުކޮށް އެ ދައުވާއަށް އިންކާރު ކުރަށްވާފައެވެ. އަދި، މިއީ 2022 ވަނަ އަހަރު ބޮޑުވަޒީރުކަމުން އޭނާ ވަކިކުރުމަށް އެމެރިކާގެ އެހީތެރިކަމާއެކު ޕާކިސްތާންގެ އިދިކޮޅު ޕާޓީއާއި އަސްކަރިއްޔާއިން ރޭވި ރޭވުމެއް ކަމަށް ޚާން ތުހުމަތު ކުރައްވާފައި ވެއެވެ. އެމެރިކާއާއި ޕާކިސްތާނުގެ އަސްކަރިއްޔާއިން ވަނީ އެ ތުހުމަތު ދޮގުކޮށްފައެވެ.

އޮގަސްޓް 2018 އިން 2022 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ޕާކިސްތާނުގެ ބޮޑުވަޒީރުކަން ކުރެއްވި ޚާން މަޤާމުން ދުރުކުރެވުނީ ޕާކިސްތާންގެ ޤާނޫނު ހަދާ މަޖިލީހުން އޭނާގެ އިތުބާރުނެތް ކަމުގެ ވޯޓެއް ނަގައިގެންނެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން އޭނާ ޖަލުގައި ހުންނެވިއިރު، ޚާންއާއި ދެކޮޅަށް އެތައް މައްސަލައެއްގައި ދައުވާ ކޮށްފައިވެއެވެ.

ޚާންގެ ޕާކިސްތާން ތަހްރީކް އިންސާފް (ޕީޓީއައި) ޕާޓީގެ ތަރުޖަމާނު ސައިދު ޒުލްފިގާރު ބުޚާރީ އަލްޖަޒީރާއަށް ވިދާޅުވީ ޕީޓީއައި އިން ކޯޓުގެ ނިންމުމަށް ގޮންޖަހާނެ ކަމަށެވެ.

"ޚާންގެ ޤާނޫނީ ޓީމަށް ހެކިވެރިންނާއި ސުވާލުކުރުމުގެ ފުރުޞަތުވެސް ދީފައިނުވޭ. އަދި ކޯޓުގައި އޭނާ ތަމްސީލުކުރުމުގެ ފުރުޞަތުވެސް ވަކީލުންނަށް ދީފައިނުވޭ. ޝަރީއަތް ކުރިއަށްގެންދަނީ ހަމައެކަނި ކަންދެއްކުމަށް. ނޫސްވެރިންނަށް ޝަރީއަތް ކަވަރ ކުރުމުގެ ފުރުޞަތުވެސް ނުދޭ." ބުޚާރީ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން