ސައުދީ ލީގްގެ އައް ތާއީއަށް ކުޅޭ ޖަރުމަނުގެ ފުޓްބޯޅަ ކުޅުންތެރިއަކު އިސްލާމް ވެއްޖެއެވެ.

އުމުރުން 28 އަހަރުގެ ރޮބާޓް ބައުއާ އިސްލާމްވީކަން ހާމަކުރީ އިންސްޓަގްރާމް މެދުވެރިކޮށެވެ. ބައުއާ ބުނީ މީގެ އަހަރުތަކެއް ކުރިން އޭނާ ޝަހާދަތުގެ ދެ ކަލިމަ ކީ އޭނާގެ މުސްލިމް އަންހެނުންނާއި ކައިވެނިކުރުމަށްޓަކައި ކަމަށެވެ. ނަމަވެސް، އޭނާގެ އަންހެނުންގެ އާއިލާގެ އެހީތެރިކަމާއި އެއްކޮށް މިހާރު އިސްލާމްދީން ހިތުގެ އަޑިން ގަބޫލުކުރަން ފެށުނު ކަމަށް އޭނާ ބުންޏެވެ.

ބައުއާގެ އަނބިމީހާއަކީ ޓަންޒޭނިއާ ބައްޕައަކާއި އީރާނާއި ތުރުކީއަށް ނިސްބަތްވާ މަންމައަކަށް އުފަން މީހެކެވެ. އަދި ރޮބާޓްއަކީ ކަޒަކިސްތާން ނަސާރާ ދެމީހަކަށް ލިބުނު ޖަރުމަނަށް އުފަން މީހެކެވެ.

"އަހަރެން މީގެ އެތައް އަހަރެއް ކުރިން ދުބާއީގައި އަހަރެމެން ކައިވެނި ކުރިއިރު ޝަހާދަތުގެ ދެކަލިމަ ކިއިން. ނަމަވެސް ހަގީގަތުގައި ދީނާއި ބެހޭ މާބޮޑު އެއްޗެއް ނޭނގުނު. ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް އަހަރެންނަށް މަޑުމަޑުން ދީން ދަސްވި ނަމަވެސް މިހާރު ސައުދީއަށް އައުމަށްފަހު އިސްލާމްދީނުގެ މަތިވެރިކަން އިހުސާސް ކުރެވި އަނެއްކާވެސް ޝަހާދަތް ކިޔައި، ޤުރުއާން ކިޔަވައިގެން ދީނަށް އުޅެން ފެށީ." އޭނާ ބުނެފަވެއެވެ.

ބައުއާ ސައުދީ ލީގަށް ކުޅެން ފެށީ މި އަހަރުގެ މެއި މަހުން ފެށިގެންނެވެ. އޭނާއާއި އެ ކްލަބާއި ދެމެދު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތަކީ އެއް އަހަރެވެ. އޭގެ ކުރިން ޖަރުމަން ބުންޑެސްލިގާ ގައި ވާޑާ ބްރޭމަން އާއި އެފްސީ ނޫންބާގްއަށްވެސް އޭނާ ކުޅެފައިވެއެވެ. އެއަށްފަހު ބެލްޖިއަމްއާއި ރަޝިޔާ ލީގަށްވެސް ކުޅެފައިވެއެވެ.

2015 ވަނަ އަހަރު ނިއުޒީލެންޑްގައި ބޭއްވި 20 އަހަރުން ދަށުގެ ފީފާ ވޯލްޑް ކަޕްގައި ޖަރުމަނު ތަމްސީލުކުރި ބައުއާ ވަނީ 2016 ވަނަ އަހަރުގެ ސަމަރ އޮލިމްޕިކްސްގެ ސްކޮޑުގައި ބައިވެރިވެފައެވެ. އެ ސްކޮޑް ވަނީ ސަމަރ އޮލިމްފިކްސްގައި ޖަރުމަނަށް ރިހި މެޑަލްއެއްވެސް ކާމިޔާބުކޮށްދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން