ހޮނިހިރުދުވަހު ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ ހދ.ކުޅުދުއްފުށީގެ ބިން ހިއްކެން އޮތް އެންމެ ބޮޑަކަށް ބިން ހިއްކައި އެރަށުގެ ހުރިހާމަގެއް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ރަށުގައި ޔޮޓް މެރީނާއެއް ތަރައްޤީކުރައްވާނެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ހދ. ކުޅުދުއްފުށި ސިޓީއަށް އިއްޔެ ވަޑައިގެން ރަށުގެ ރައްޔިތުންނާ މުޚާޠަބުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މުޅި ބޮޑުތިލަދުންމަތީގެ ތަރައްޤީއާއެކު ކުޅުދުއްފުއްޓަށް ބޮޑު ބަދަލެއް އަންނަންޖެހޭކަމަށެވެ. އެގޮތުން ވެރިކަމުގެ ދެވަނަ ދައުރަކަށް އިންތިޚާބު ވެއްޖެނަމަ ކުޅުދުއްފުއްޓަށް ގިނަ ކަންކަން ކުރައްވާނެކަމަށް ރައީސް ވަނީ ވަޢުދުވެވަޑައިގެންފައެވެ. އެގޮތުން ކުޅުދުއްފުށީގައި މިހާރު 1000 ހައުސިން ޔުނިޓް ޢިމާރާތްކުރުމުގެ މަސައްކަތް މިހާރު ހަމަޖެހި ވަރަށް އަވަހަށް ފަށަން ތައްޔާރުވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކުޅުދުއްފުށި އިތުރަށް ހިއްކެން އޮތީ ކިހާ މިންވަރަކަށްތޯ ބަލައި ހިއްކެން އޮތް އެންމެ ބޮޑަކަށް ބިންހިއްކައިދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ބައިނަލްއަގުވާމީ ރިކްރިއޭޝަނަލް ސެންޓަރެއް ޤާއިމުކޮށްދެއްވާނެކަމަށާ، ކޮމާޝަލް ބަނދަރެއް ހައްދަވައިދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ހދ. ކުނބުރުދުއަކީ އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ކުޅުދުއްފުށީގެ ރައްޔިތުންނަށް ބޭނުންކުރެވޭނެ ތަނަކަށް ހައްދަވައިދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިހް އިތުރަށް ވިދާޅުވީ ކުޅުދުއްފުށީގައި ޔޮޓް މެރީނާއެއް ހައްދަވާނެ ކަމަށެވެ. އަދި ކުޅުދުއްދުއްޓަށް ޚާއްސަ ޕިކްނިކް އައިލެންޑެއް ހައްދަވައިދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ. މީގެއިތުރުން ލޯކަލް ޓުއަރިޒަމް ތަރައްގީކުރުމަށް އެ ސަރަހައްދަށް ޚާއްސަ ސްކީމެއް ތައާރަފްކުރައްވާނެކަމަށާ، އަމާޒަކީ ބޮޑު ތިލަދުންމަތީގައި 5000 އެނދު ތަރައްގީކުރުންކަމަށް ރައީސް ވިދާޅުވިއެވެ. ލޯކަލް ޓުއަރިޒަމް ފުޅާކުރުމަށް ކުރާ މަސައްކަތަކާއެކު ހެޔޮ ބޮޑު ބަދަލެއް އަންނާނެކަމަށް ރައީސް ޞާލިހް ވިދާޅުވިއެވެ.

ކެމްޕެއިން ދަތުރުފުޅުގައި ރައީސް ކުޅުދުއްފުއްޓަށް ވަޑައިގަތުމުން އެސިޓީގެ ގިނަ ޢަދަދެއްގެ ރައްޔިތުން ވަނީ އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް އެއްވެފައެވެ. އެސިޓީން އެމަނިކުފާނަށް ބޮޑު ތަރުޙީބެއް ލިބުނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން