ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ޤައުމުގެ ހައްޤުގައި ޝަހީދުވެދިޔަ އަދި އަނިޔާ ލިބުނު ހުރިހާ ބަތަލުންގެ ހަނދާނާއި ޒިކުރާ އާކުރަށްވާ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ފަޚުރުވެރި 38 ވަނަ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޞާލިޙް ވަނީ ނަޞްރުގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސް ކުރަށްވާފައެވެ.

އެމަނިކުފާނުގެ ޕޯސްޓުގައި، 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ދިން ނުރައްކާތެރި އުދުވާނީ ހަމަލާގައި ދިވެހި ޤައުމުގެ މިނިވަންކަމާއި ސިޔާދަތުގެ ހައްޤުގައި ޝަހީދުވެދިޔަ ފަރާތްތަކާއި އަނިޔާ ލިބުނު ހުރިހާ ބަތަލުންގެ ޤުރުބާނީގެ ހަނދާން އާކުރަށްވާފައިވެއެވެ. އަދި ދިވެހިރާއްޖޭގެ މިނިވަންކަން އަބަދަށްމެ ލަހައްޓަވައި، ޤައުމަށް އަމާންކަމާއި ކުރިއެރުން މިންވަރު ކޮށްދެއްވުން އެދި އެމަނިކުފާނު ވަނީ މާތް ﷲ ގެ ހަޟްރަތުގައި ދުޢާ ދަންނަވާފައެވެ.

ނޮވެމްބަރު 3، 1988 ގައި ވެރިރަށް މާލެއަށް ދިން މި ނުރައްކާތެރި އުދުވާނީ ހަމަލާއަކީ ސްރީލަންކާގެ ހަތިޔާރުއެޅި ނިރުބަވެރި ޖަމާޢަތެއް ކަމަށްވާ ޕީޕަލްސް ލިބަރޭޝަން އޯގަނައިޒޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް) އާއި ހެންވޭރު ހާޖަރާގޭ ޢަބްދުﷲ ލުޠުފީ އިސްވެތިބެ، ދުރާލައި ރާވައިގެން ރާއްޖޭގެ މިނިވަންކަން ނަގާލައި ވެރިކަން ވައްޓާލުމަށް ދިން ވަރަށް ފިނޑި އަދި ބިރުވެރި ހަމަލާއެކެވެ.

މި ހިތާމަވެރި ޢުދުވާނުގައި ދިވެހި ޤައުމާއި މާތްވެގެންވާ އިސްލާމްދީނުގެ ދިފާޢުގައި ހިތްވަރާއެކު ހަނގުރާމަކުރި ދިވެހި ސިފައިންގެ 8 ބޭކަލަކާއި، ޢާންމު ރައްޔިތުންގެ ތެރެއިން 11 މީހަކު ހިމެނޭހެން ޖުމްލަ 19 ދިވެހި ދަރިން ވަނީ މި ފަސްގަނޑަށް ޝަހީދުވެ ގޮސްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް