މިސަރުކާރުން ތަފާތު ކުރުމެއްނެތި ހުރިހާ ރަށަކަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

ފ. ދަރަނބޫދޫ ބަނދަރު ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ރަށްރަށުގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގަމުން ގެންދިޔައީ ސަރުުކާރު ހިންގާ ޕާޓީގެ މަޖިލިސް މެމްބަރެއް މިނިސްޓަރެއް ނުވަތަ ކައުންސިލަށް އެޕާޓީގެ މެޖޯރިޓީ ލިބިއްޖެނަމަ ކަމަށެވެ.

ނަމަވެސް މި ސަރުކާރުގެ ވިސްނުމަކީ އެއްވެސް ތަފާތުކުރުމެއްނެތި ތަރައްޤީގެ މަޝްރޫޢުތައް ރަށްރަށުގައި ކުރިއަށް ގެންދިއުން ކަމަށް ރައީސް ޞާލިޙް މިއަދު ވިދާޅުވިއެވެ. އެގޮތުން 400 އެއްހާ މީހުން ދިރިއުޅޭ ދަރަނބޫދޫ ބަނދަރަކީ އެކަމުގެ އަލިގަދަ ހެއްކެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުން ސަރުކާރެއް ހޮވަނީ އެއްވެސް ތަފާތު ކުރުމެއް ނެތި ރައްޔިތުން ބޭނުންވާ ކަންކަން ހުރިހާ ރަށަކަށް ކޮށްދިނުމަށް ކަމަށެވެ. އެގޮތުން ދަރަނބޫދޫގެ ގިނަ ރައްޔިތުންނަކީ އެމްޑީޕީ މެމްބަރުން ނޫން ނަމަވެސް އެއްވެސް ތަފާތު ކުރުމެއް ނެތި ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ދިރިއުޅޭ ރަށެއް ފިކުރު ހުރިގޮތެއް ބެލުމެއް ނެތި ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދޭނަން." ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ދަރަނބޫދޫގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ. އެގޮތުން ފެނާ ނަރުދަމާ ޤާއިމްކުރުމާއި، ސިއްޙީ ޚިދުމަތް ތަރައްޤީކޮށް ދަތުރުފަތުރުގެ ޤައުމީ ނިޒާމުން ގުޅުވާލަން މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ރައީސް ވިދާޅުވިއެވެ.

ދަރަނބޫދޫގައި ކުރިން ބޭނުން ކުރަމުން އައީ 2007 ވަނަ އަހަރު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ގާއިމް ކުރި ބަނދަރެކެވެ.

ދަރަނބޫދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ ދަށުން 46600 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް، 253 މީޓަރުގެ އެއްގަމުތޮށިލައި، 410 މީޓަރުގެ ބޭރުތޮށިލައި، 64 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ވަނީ ޖަހައިފަ އެވެ.

ރައީސް ޞާލިޙް މިއަދުވަނީ ރަސްމީކޮށް އެބަނދަރު އިފްތިތާޙް ކޮށްދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން