ރާއްޖެ ތަރައްޤީ ކުރެވޭނީ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް އުއްމީދެއް ހޯދައިދީގެންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

ފ. ނިލަންދުއަށް ކުރަށްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ނިލަންދޫ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމުގައި ރައީސް ޞާލިޙް ވިދާޅުވީ ރާއްޖެ ތަރައްޤީ ކުރެވޭނީ އަތޮޅުތަކުގެ ރަށްތައް ތަރައްޤީކުރެވި، ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް އުއްމީދެއް ހޯދައިދެވިގެން ކަމަށެވެ.

ރައީސް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ އެއްވެސް ރަށެއް ބާކީނުކޮށް ހުރިހާ ރަށެއްވެސް ތަރައްޤީ ކުރުން ކަމަށެވެ. އޭގެ ނަތީޖާ ރަށްރަށުން ފެންނަމުންދާ ކަމަށާއި، އެކަން ރާއްޖޭގެ ސިޔާސީ ބޭފުޅުންވެސް ޤަބޫލުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވިއެވެ.

ސަރުކާރުގެ އެންމެ ބޮޑު އެއްއަމާޒަކީ އަތޮޅުތެރޭގެ ރައްޔިތުން ތަފާތު ބޭނުންތަކުގައި މާލެއަށް ދާންޖެހޭ މިންވަރު މަދުކޮށް، ރަށްރަށުގައި އަސާސީ ގިނަ ހިދުމަތްތައް ލިބޭނެ ގޮތް ހެދުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ނިލަންދޫއަށް ވަޑައިގެންނެވި އިރު ނިލަންދޫ ރައްޔިތުން އެމަނިކުފާނަށް ދަންނަވާފައިވާ ކަންކަމުގެ ތެރެއިން ގިނަ މަޝްރޫޢުތަކެއްނިމި އަދި ބައެއް މަޝްރޫޢުތައް މިހާރު ހިނގަމުންދާކަމަށެވެ.

މިބައްދަލުކުރެއްވުމުގައި ނިލަންދޫ ރައްޔިތުން ވަނީ، މިވަގުތަށް ރައްޔިތުންނަށް ބޭނުންވެފައިވާ މުހިއްމު ކަންކަމާއި، އަދި ދަތިވެފައިވާ ކަންކަމުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް ޙިއްޞާ ކުރައްވާފައެވެ. މިގޮތުން، ރަށުގެ މަގުހެދުމާއި، ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި، ހޮސްޕިޓަލްގެ ތަރައްޤީއަށާއި، ސްކޫލުގެ ތަރައްޤީއަށް އަދި ކުޅިވަރުގެ ދާއިރާއިން ރައްޔިތުން ބޭނުންވެފައިވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ނިލަންދޫގެ ރައްޔިތުންނާއި އެކު ބޭއްވެވި މިބައްދަލުކުރެއްވުމުގައި ރައްޔިތުން ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯއްދަވައި ދެއްވުމަށް ސަރުކާރުގެ ކަމާއި ގުޅުންހުރި އިދާރާތަކާއި އެކުގައި މަސައްކަތް ކޮށްދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފ. އަތޮޅުގެ ރަށްތަކަށް ފެއްޓެވި މިރަސްމީ ދަތުރުފުޅުގައި އެދެކަނބަލުންގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން