ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ނިލަންދެ އަތޮޅު އުތުރުބުރީގެ ހުރިހާ ރަށަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަންނަވާނީ، ފ. ނިލަންދޫއަށް ކަމަށް ރައީސް އޮފީހުން މަޢުލޫމާތުދެއެވެ. އޭގެފަހުން އެއަތޮޅު ދަރަނބޫދޫ އަށާއި، މަގޫދޫ އަދި ބިލެތްދޫގެ އިތުރުން ފީއައްޔަށް ވަޑައިގަންނަވާނެއެވެ.

މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އެރަށްރަށުގެ ކައުންސިލާއި، އ.ތ.މ ކޮމިޓީގެ މެމްބަރުންނާއި އަދި އާންމު ރައްޔިތުންނާ ވެސް ބައްދަލުކުރައްވާނެއެވެ.

މީގެ އިތުރުން އެރަށްރަށުގައި ސަރުކާރުން ހިންގައި ނިމިފައިވާ މަޝްރޫޢުތައް އިފްތިތާޙްކޮށްދެއްވުމަށާއި، ކުރިޔަށްދާ ބައެއް މަޝްރޫޢުތަކުގެ މަސައްކަތް ކުރިޔަށްދާގޮތް ވެސް ބައްލަވައިލެއްވުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން، ފ. އަތޮޅު ހޮސްޕިޓަލަށް ޒިޔާރަތް ކުރެއްވުމާއި، ފ. މަގޫދޫގައި އަޅަމުންދާ އެއަރޕޯޓްގެ މަސައްކަތް ކުރިޔަށްދާގޮތްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލައްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފ. އަތޮޅުގެ ރަށްތަކަށް މި ފެއްޓެވި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވާ ކަމަށް ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން