ސަރުކާރުން ދަނީ ސިއްޙީދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް ގެންނަވަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަން މިޢްވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.

ސްޕޯކްސްޕަރސަން މިޢްވާން މިމޭރުމުން ވިދާޅުވީ ސަރުކާރުން ކުރައްވަމުން ގެންދަވާ ކަންކަމާއި ގުޅޭގޮތުން ރާއްޖޭގެ މީޑިއާތަކަށް މަޢުލޫމާތު ދެއްވުމަށް ބާއްވަވާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިޢްވާން ވިދާޅުވީ، ޞިއްޙީ ޚިދުމަތްތައް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތަރައްޤީކުރުމަށް ކުރާ މަސައްކަތުގެ ދަށުން ބައެއް ސަރަހައްދީ ހޮސްޕިޓަލްތަކުގައި އާ ޚިދުމަތްތައް ތަޢާރަފްކުރަމުން ގެންދާކަމަށެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޞިއްޙީމަރުކަޒުތަކަށް ސަރުކާރުން ޢައްޔަންކުރައްވާފައިވާ އިސްފަރާތްތަކާއެކު މިދިޔަ އަހަރުގެ ފަހުކޮޅު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މިއަހަރު އެންމެބޮޑު އިސްކަމެއް ދެއްވާނެކަމަކީ ޞިއްޙީ ދާއިރާގެ ކަންކަން އިތުރަށް ރަނގަޅުކޮށް ޞިއްޙީދާއިރާ އިތުރަށް ހަރުދަނާކުރެއްވުމަށް ކަމުގައި ވިދާޅުވެފައެވެ.

ސަރަޙައްދީ ހޮސްޕިޓަލްތަކުގައި ތަޢާރަފް ކުރައްވާފައިވާ ބައެއް އާ ޚިދުމަތްތަކަށް އަލިއަޅުވާލައްވަމުން މިޢްވާން ވަނީ ޑރ. ޢަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި މިހާރު ލެޕްރޮސްކޯޕިކް ސާރޖަރީ ގެ ޚިދުމަތާއި، އެޑްވާންސް ވޫންޑް ކެއަރ ގެ ޚިދުމަތާއި ކީމޯ ތެރަޕީގެ ޚިދުމަތް ފަށާފައިވާކަމަށް ވިދާޅުވެފައެވެ. އަދި ކީމޯގެ ޚިދުމަތް މިހާރު ތިނަދޫގައި ފަށާފައިވާކަމަށާ ލެޕްރޮސްކޯޕިކް ސާރޖަރީ ޚިދުމަތް ފެށުމަށް ބޭނުންވާ މެޝިނަރީޒް ވެސް މިހާރު ތިނަދޫގައި ޤާއިމުކޮށްފައިވާކަން މިޢްވާން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ލެބޯޓްރީ ޤާއިމުކޮށްފައިވާ 112 ޞިއްޙީ މަރުކަޒުތަކުން ދޭ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް ލޭއެޅުމަށް ބޭނުންވާ ތަކެތި ރަށްތަކާއި ހަވާލުކުރުމުގެ މަސައްކަތް ފެށިގެން ކުރިޔަށްދާކަންވެސް މިޢްވާން ފާހަގަކުރެއްވިއެވެ.

މިއަދުގެ ޕްރެސްކޮންފަރެސްގައި މިޢްވާން ވަނީ ވޭތުވެދިޔަ ހަފްތާގައި ސަރުކާރުން ކުރިޔަށްގެންދިޔަ މުހިންމުކަންކަމުގެ މަޢުލޫމާތައް ޙިއްޞާކުރައްވައި ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން