މައިންބަފައިން ދަރީންނަށް ރުޅިއިސްކޮށް، އެމީހުންގެ ދިރިއުޅުމާއި ދަރީންގެ ދިރިއުޅުން އަޅާކިޔުމަކީ އެއްވެސް ހާލެއްގައި ކޮށްގެންވާނެ ކަމެއްނޫން
މައިންބަފައިން ދަރީންނަށް ރުޅިއިސްކޮށް، އެމީހުންގެ ދިރިއުޅުމާއި ދަރީންގެ ދިރިއުޅުން އަޅާކިޔުމަކީ އެއްވެސް ހާލެއްގައި ކޮށްގެންވާނެ ކަމެއްނޫން
މައިންބަފައިން ނުވަތަ ބެލެނިވެރިންނަކީ ދަރީންނަށް އަޅާލުމައި އޯގާތެރިކަމާއި އެހީތެރިކަމާއި އެއްބާރުލުންދިގެން އެ ދަރިންނަށް އުޅެންވާ ގޮތް ދަސްކޮށްދީ، މަގު ދައްކަން ތިބޭ ބައެކެވެ. އެދަރީން ހެޔޮގުތުގައި ތަރުބިއްޔަތުކޮށް، ރަނގަޅު އަޚުލާޤެއްގެ ވެރިޔަކަށް ހަދައި މުޖުތަމަޢަށް ބޭނުން ހިފޭ މީހުންނަށް ހެދުމަށްޓަކައި ރެއާއި ދުވާލު ނުހަނު ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ އެކުދީންގެ އިޙްތިރާމާއި ލޯބި ލިބިގެންވާ ބައެކެވެ.

މައިންބަފައިން ދަރިން ތަރުބިއްޔަތު ކުރުމުގައި ކިތަންމެ ބުރަކޮށް މަސައްކަތް ކުރި ނަމަވެސް ގިނަ މައިންބަފައިންނަށް ދަރީންތަރުބިޔަތު ކުރުމުގައި އެކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަކީ ކިހާވަރެެއްގެ މުހިއްމުކަމެއްކަން ވިސްނިފައެއް ނުވެއެވެ. އަދި ދަރީންގެ ނަފްސާނީ ދުޅަހެޔޮކަަން މުޙިއްމުވީނަމަވެސް ބައެއް ބެލެނިވެރިން ގެންގުޅޭ އުސޫލުތަކުގެ ސަބަބުން ނޭނގިވެސް ދަރިންނަށް އޭގެ ނޭދެވޭ އަސަރު ކުރެއެވެ.

ތިރީގައި އެވަނީ ދަރިންގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރުވާ، މައިންބަފައިން އެކުދިން ތަރުބިއްޔަތު ކުރުމުގައި ގެންގުޅެވޭ ގޯސް އާދަތަކެވެ. ބެލެނިވެރިއެއްގެ މަޤާމުގައި ހުރެ ތިމާއަށް މިއިން އެއްވެސް ގޮތަކަށް ޢަމަލު ކުރެވޭނަމަ އެކަން ވީހާވެސް އަވަހަކަށް ރަނގަޅު ކޮށްލާށެވެ. އޭރުން ދަރިފުޅާއި ދެމެދު އޮންނަންޖެހޭ އިތުބާރު ދެމެހެއްޓި ދަރިން ތިބާއަށް ކިޔަމަންގަންނަ މިންވަރު އިތުރުވެ ލޯތްބާއި ކުލުނު އިތުރުވާނެއެވެ.

1. އެކުދިންގެ ދިރިއުޅުން މާފަސޭހަކަމަށް ބުނުން:

ދަރިންނާއި ދިމާލަށް ތިމަންމެން އުޅުނު އިރު މިހެނޭ، އެހެނޭ އެވަނި އެއްޗެއް ނުހުރެއޭ ތިކުދިންނަކަށް އެހެން އުޅެން ޖެހިއްޖެނަމަ ނޫޅެވުނީހޭ ބުނެ އަބަދުހެން އެއްވާހަކައަކަށް އެވާހަކަތައް ނަގައިގެން ދެއްކުމަކީ، އެކުދިންނަށް ފަސޭހަތަކެއް ލިބިފައިވުމުން އެކުދިން ދެރަކޮށްލުމުވެ. އެއްވެސް ހާލަތެއްގައި މައިންބަފައިންނާއި ދަރިންނަކީ މިގޮތަށް އަޅާކިޔެންވާނެ ބައެއް ނޫނެވެ. މައިންބަފައިންގެ ވާޖިބަކީ އެކުދިންގެ ދިރިއުޅުން ހަރުދަނާކޮށް ދިރުއުޅުން އުޖާލާކޮށްދިނުމަށް މަސައްކަތް ކުރުމެވެ.

2. ކުދިންގެ ސިއްރުތައް ބޭރުކުރުން:

ކުދިންގެ ދިރިއުޅުމަކީ މުހިންމު ދިރިއުޅުމެއް ކަމުގައި ނުދެކި އެކުދިންގެ އިހުސާސްތަކަކީވެސް ބޮޑެތި މީހުންނާއި އެއްފަދަ އިހުސާސްތަކެއް ކަމުގައި ނުދެކި އެކުދިންގެ ފަރާތުން ފެންނަ ލަދުވެތި ކަންކަން ނަގައި މުޅި އާއިލާއާއި އެކުދިންގެ ރައްޓެހިން ތިބޭ ތަންތަނުގައި ދެއްކުމުން އެކުދީން މައިންބަފައިންނަށް ކުރާ އިތުބާރު ގެއްލި، ރައްކާތެރިކަން ދޭންތިބޭ ބެލެނިވެރިންނަކީ އެކުދީންނަށް ރައްކަލެއް ނޫންކަމުގެ އިހުސާސް އެކުދީންނަށް ކުރެވޭނެ ކަމެކެވެ. އަދި އެކުދިން ނުބުނާށޭ ބުނާ ކަންކަންވެސް މިގޮތަށް ހިއްސާކުރުމަކީ ސީދާ އެކުދިންގެ އިތުބާރު ބެލެނިވެރިންނަށް ގެއްލޭ ކަމެކެވެ.

3. ހުރހާ ކަމަކަށް ފާޑުކިއުން:

ކުދިންނާއި ކަންކަން ހަވާލު ކުރުމުން ބައެއް ފަހަރު ރަނގަޅަށްވެސް ކުރެއެވެ. އަނެއް ބައިފަހަރު ރަނގަޅަށް ނުކުރާ ފަހަރުވެސް އާދެއެވެ. އެހެންނަމަވެސް ކޮންމެ ކޮންމެ ފަހަރަކު، އެކަމެއް ގޯސްނުވިޔަސް އެކަން ކުރަނީ އެމީހަކު ކުރާގޮތް ނޫން އެހެންގޮތަކަށް އެކުދިން އެކަން ކުރާނަމަ ބަލަންހުރެ އެކަންކަމަށް ފާޑު ކިޔާނަމަ އެކުދިންނަކީ އެއްވެސް ކަމެއް ރަނގަޅަށް ނުކުރެވޭ ބައެއް ކަމުގެ އިޙުސާސް ކުރެވި އަމިއްލަ ނަފްސަށް ކުރަންޖެހޭ އިތުބާރު ގެއްލޭގޮތް މެދުވެރިވެއެވެ.

4. ސްކޫލްއިން ގެނައި ނަތީޖާއާއި މެދު ރުޅިއިސްކުރުން:

ދަރިންނަށް މަދަރުސީ ތައުލީމުން ލިބޭ ނަތީޖާއަކުން އެކަނި ދިރިއުޅުމެއް އާރާސްތު ނުކުރެވޭނެއެވެ. އެހެންކަމުން ދަރިފުޅަށް 'ސީ' އެއް ލިބުމުން އެކަން ނަގައި މުޅި އާއިލާއާއި އެންމެންގެ ތެރޭ ފަޟީހަތް ނުކުރާށެވެ. އެހެން ނޫނީ އެކުދިންނަށް ކުރިއަށް ދެވެން ހުރި އެހެން ރޮނގުތަކުންވެސް ކުރިއަށް ދިއުމުގެ ވިސްނުމާއި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ގެއްލިދާނެއެވެ.

5. އެކުދިންގެ 'ބައުންޑްރީ'ތަކަށް އިޙްތިރާމް ނުކުރުން:

ކޮންމެ މީހަކުވެސް އެދޭ ކަންކަމާއި ނޭދޭ ކަންކަން ހުންނަ ފަދައިން ބޮޑުވަމުން އަންނަ ދަރިންގެ ކިބައިގައިވެސް އެކުދިން ބޭނުންވާ ކަންކަމާއި ބޭނުން ނުވާ ކަންކަން ދެނެގަތުމުގެ ޤާބިލިއްޔަތު ކުދީންގެ ކިބައިގައި ހުންނާނެއެވެ. އެހެންކަމުން ގަދަކަމުން ހުރިހާ ކަމެއް ކުރުވުމަކީ ރަނގަޅު ކަމެއް ނޫނެނެވެ. އޭރުން އެކުދިންނަށް ދަސްކޮށް އެދެވެނީ ދެން ހުންނަ މީހާ ނުރުހުނަސް ތިމާ އެދޭގޮތަކަށް ގޮތް ނިންމުމަށް އެގޮތަށް "ޕުޝް' ކުރުމަކީ މައްސަލައެއް ނޫންކަމަށެވެ.

6. ހުރިހާ ސްޓްރެސް ކުދިންނަށް ބޭލުން:

މައިންބަފައިންނަކީ ދިރިއުޅުމުގައި ދިމާވާ އެކިކަންކަމުގައި ހާސްވެ ފިކުރު ބޮޑުވާ ބައެކެވެ. މިގޮތަށް ފިކުރުބޮޑުވާ ވަގުތުތަކުގައި ހުރިހާ ސްޓްރެސް އެއް ދަރީންނަށް ބާލާފަހަރު އާދެއެވެ. އެކުދީންގެ އެއްވެސް ކުށެއްނެތިއެވެ. މިގޮތަށް ސްޓެރެސްވެ އެބޭރުކޮށްލާ ވަގުތު ރުޅިގަދަވެ އެއްޗެހިތައް ބާރަށް ބަހައްޓައި ބާރަށް ދޮރު ލައްޕައި ހެދުމުން އެކުދިންނަށް އެދައްކުވައިދެވެނީ ބޮޑުތި މީހުން ސްޓްރެސް ވުމުން ކަންތައް ކުރާ ގޮތެވެ. އަދި އެގޮތަށް މާދަމާ އެކުދިން އަމަލު ކުރާނެއެވެ. އަދި މިގޮތަށް އަމަލު ކުރުމުން ބަލަން ހުންނަ ކުޑަ ކުއްޖާ ހީކުރާނީ އޭނާއަށް ގޯސްކޮށް ކަމެއް ކުރެވުނީ ކަމަށެވެ.

7. ދަރިންނަށްވުރެ ތިމާ މޮޅުކަމަށް ބުނުން:

ތިމާ އަކީ ބެލެނިވެރިޔާއަށް ވުމުން ދަރިންނާއި މިގޮތަށް އަޅާ ކިޔުމަކީ ރަނގަޅު ކަމެއް ނޫނެވެ. އަދި ގަބޫލުކުރަންޖެހޭ ހަގީގަތަކީ މިޒަމާނުގައި އެކުދިންނަކީ އަހަރުމެންނަށް ނޭނގޭ އެތައް ކަމެއް ދަންނަ ބައެކެވެ. އެހެން ކަމުން އެކުދިންނަށް އެފަދަ ބަސްބުނެ ކުޑަކޮށްލުމުން އެކުދިންގެ ވިސްނުމާއި ހުނަރުތައް ތަރައްޤީ ކުރުމުގެ ހިއްވަރު އެކުދީންނަށް ގެއްލިގެންދެއެވެ.

8. އެއްކުއްޖަކު އަނެއް ކުއްޖަކާއި އަޅާ ކިޔުން:

ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެކެވެ. ބޮޑު ކުއްޖާ ކިޔެވި ގޮތަށް ކުޑަ ކުއްޖާ ކިޔަވާނެ ކަމަށް ނިންމުމަކީ ކުށްހީއެކެވެ. ދެކުދިންނަކީވެސް ތަފާތު ދެކުދިންނެވެ. އެކެއްގެ ދެދަރިންނަށް ވީނަމަވެސްއެވެ. މިގޮތަށް ކަންތައް ކުރުމުން ކުދިންނަށް، އެކުދިންނަށް ދުވަހަކުވެސް ރަނގަޅަށް ކަމެއް ނުކުވޭ ކަމުގެ އިހުސާސް އަށަގަނެ އަމިއްލަ ނަފްސަށް އޮންނަންވާ އިތުބާރު ގެއްލިދެއެވެ.

9. އަނިޔާ ކުރުން:

އެއްވެސް ގޮތަކަށް ކުދީންގައިގައި ޖެހުމަކީ ކުދިންނަށް އަނިޔާ ކުރުމެވެ. ނަމަވެސް ބައެއް މައިންބަފައިން ދެކޭގޮތުގައި އަދި ޤަބޫލުކުރާ ގޮތުގައި ދަރިންތަރުބިއްޔަތު ކުރެވޭނީ ތަޅައި އަނިޔާކޮށްގެންނެވެ. މިގޮތަށް ރުޅިއަންނަ ވަގުތުތަކުގައި ތިމަންނަމެންވެސް ބަލާބޮޑުކޮށްފައިވަނީ ތަޅައި އަނިކޮށްގެންކަމަށާއި މިހެންމިވަނީ އަހަރުމެން ތަޅައި އަނިޔާނުކުރާތީ ކަމަށް އަންނަ ރުޅީގައި ޚުދު ދަރީންކައިރީގައި އެބަ ބުނެވެއެވެ. ޖިސްމާނީ ގޮތުން މިހެން އަނިޔާ ނުކުރިނަމަވެސް ދަރިން ތަރުބިއްޔަތު ކުރެވިދާނެއެވެ. ދަރިން ގައިގައި ޖެހުމުން އެކުދިންނަށް ނަފްސާނީ ގޮތުންވެސް ނޭދެވޭ އަސަރުކުރެއެވެ. އެގޮތުން އެކުދީން މައިންބަފައިން ފެނުނަސް ބިރުގަންނަ ގޮތް ދިމާވެއެވެ. މުހިންމީ ދަރިން ތިމަންނަ ދެކެ ބިރުގެންނެވުމެއް ނޫނެވެ. މުހިއްމީ އެކުދިން ބޭނުންވެގެން އަމިއްލަޔަށް ކިޔަމަންތެރިވުމެވެ. ގަދަބާރުން ބިރުދައްކައިގެންނެއް ނޫނެވެ.

އެހެންކަމާއެކު، މިދެންނެވުނު އެއްވެސް ކަމެއް ދަރިން ބެލުމުގައި ތިމާއަށް ގެންގުޅެވޭނަމަ، ވިސްނާށެވެ! އަމިއްލަ މައިންބަފައިން ކަންކުރިގޮތްތައް ތިމާ ތަކުރާރުކުރުމަކީ އެއީ އަދި އެންމެ ރަނގަޅުގޮތް ކަމުގައި ނުދެކޭށެވެ. އޭރުގައި މައިންބަފައިވެސް ކަންތައްކޮށްފައި ހުންނާނީ އޭރުގެ ޒަމާނާއެއްގޮތަށެވެ. ޒަމާންމިވަނީ ބަދަލުވެފައެވެ. އޭރާއި މިހާރު މިފެންނަ މަންޒަރުތަކާއި އިވޭއަޑުތައްވެސް މިވަނީ އުޑާމިމާހާ ތަފާތުވެފައެވެ. ވިސްނަވާށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން