އެސްޑީއެމް ފާމުގެ ވެރިޔާ: ސައްދާމް
އެސްޑީއެމް ފާމުގެ ވެރިޔާ: ސައްދާމް
ރާއްޖޭގެ ބްލޫ އިކޮނޮމީ ނުވަތަ ކަނޑުގެ އިގްތިސާދު ސާމާނުކޮށް ފުޅާކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، ގާފު އަލިފު ކޮލަމާފުއްޓަށް ނިސްބަތްވާ "އެސްޑީއެމް" ފާމުން، ކަނޑުފަރުގެ ދިރުންތައް ނުވަތަ ސީވީޑް ހައްދަން ޝައުގުވެރިވާ ފަރާތްތަކަށް ހިލޭ ކޮންސަލްޓޭޝަނާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިނިޝިއޭޓިވްއެއް އިއުލާންކޮށްފިއެވެ.

ކޮލަމާފުށީގެ ޒުވާނެއް ކަމަށްވާ ސައްދާމް އަލީގެ އިސްނެގުމުގެ ދަށުން ހިންގާ މި ކެމްޕޭނުގައި މައިގަނޑު ގޮތެއްގައި އިސްކަންދެނީ ދުނިޔޭގެ ބާޒާރުގައި އެންމެ އަގު ބޮޑު ބަވަތެއް ކަމަށްވާ ރަތް ސީވީޑްގެ ބާވަތެއް އާލާކުރުމަށެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސްގެ ތާއީދާއެކު ކުރިއަށްގެންދާ މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ، އަލަށް މި ދާއިރާއަށް ވަންނަން ބޭނުންވާ ދަނޑުވެރިންނަށް ފުރުސަތުތައް ހުޅުވާލައި، ރާއްޖޭގެ މެރިކަލްޗާ ދާއިރާއަކީ ކުރިއަރާފައިވާ ގައުމީ ސިނާއަތަކަށް ހެދުމެވެ.

މި ކެމްޕޭނުގެ އަސާސީ ފަލްސަފާއަކީ އެންމެ ފާމަކުން އިސްނަގައިގެން ސިނާއަތެއްގެ ބިންގާ އެޅިދާނެ ކަމުގައި ވިޔަސް، ދެމެހެއްޓެނިވި ގޮތެއްގައި މި ވިޔަފާރި ކުރިއަށްގެންދެވޭނީ ގިނަ ރަށްތަކެއްގެ ދަނޑުވެރިން ހިމެނޭ ވަރުގަދަ ނެޓްވޯކެއް އުފެދިގެން ކަމަށް ގަބޫލުކުރުމެވެ.

އެހެންކަމުން، ސީވީޑް ހެއްދުން ވަކިވަކި ރަށްތަކަކަށް އެކަނި މަހުދޫދުކުރުމުގެ ބަދަލުގައި، މުޅި ރާއްޖޭގެ ރަށްރަށުގެ އާބާދީތަކުން މިކަމުގައި ބައިވެރިވުމަށް އެސްޑީއެމްއިން ބާރުއަޅައެވެ.

އެކި އަތޮޅުތަކަށް ސީވީޑް އާލާކުރުން ފުޅާކުރުމުން ގައުމީ އުފެއްދުންތެރިކަން އިތުރުވެ، ސީވީޑް އުފައްދާ ސަރަހައްދީ ބޮޑު ބާރަކަށް ރާއްޖެ ވެގެންދާނެއެވެ.

އަންދާޒާ ކުރެވޭ ގޮތުގައި، ހިކިފަސްތަނުގައި ފަސޭހަ ކަމާއެކު އަވަހަށް ހެދޭ ސީވީޑްގެ ރޯ މެޓީރިއަލް ބޮޑު އަދަދަކުން އުފެއްދުމަކީ ހަމައެކަނި އެކްސްޕޯޓް ކުރުމުގެ އިތުރުން، ރާއްޖޭގައި އަމިއްލައަށް އުފެއްދުންތައް ތައްޔާރުކުރާ ޕްރޮސެސިން ފެސިލިޓީތައް ގާއިމުކުރުމަށް މަގުފަހިވެގެންދާނެ ކަމެކެވެ.

މިފަދަ ސީވީޑްއިން ކެރޭޖީނަން އެކްސްޓްރެކްޓްކޮށް، އޯގަނިކް ގަސްކާނާއާއި، ކޮސްމެޓިކްސް އަދި ކާބޯތަކެތީގެ އެޑިޓިވްސް ފަދަ މަތީ އަގުހުރި އުފެއްދުންތައް ރާއްޖޭގައި އުފެއްދޭނެއެވެ.

މިގޮތަށް ރޯ މެޓީރިއަލް އެކްސްޕޯޓްކުރުމަށް ތައްޔާރުކުރެވިފައިވާ މުދަލަށް ބަދަލުކުރުމުން، ރާއްޖޭގެ ސަޕްލައި ޗެއިންގެ ދެމެހެއްޓެނިވިކަން ވަރުގަދަވެ، ރަށްރަށުގައި ވަޒީފާގެ ފުރުސަތުތައް އުފެދި، އައްސޭރިފަށުގެ މުޖުތަމައުތަކަށް އިގްތިސާދީގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު