އެންމެން ގޮވައިގެން ކުރިއަށް ދިއުމުގެ ވިސްނުމާއި ޤާބިލުކަންހުރި ހަމައެކަނި ކެންޑިޑޭޓަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ގަދަވެފައިވާއިރު މޫކޭ އަކީ ރައީސް ޞާލިޙަށް ވަރަށްބޮޑަށް ތާޢީދު ކުރަށްވަމުން ގެންދަވާ ބޭފުޅެކެވެ. އެގޮތުން ވާދަވެރި ކެންޑިޑޭޓު ރައީސް ނަޝީދު ވިދާޅުވާ ބައެއް ބަސްފުޅުތަކަށް ރައީސް ޞާލިޙްގެ ދިފާޢުގައި މޫކޭ ގެންދަވަނީ ރައްދު ދެއްވަމުންނެވެ.

ރައީސް ނަޝީދުގެ ކެމްޕޭނުގެ ހަވާސާގައި ރާއްޖޭގެ އޮންލައިން މީޑިއާއަކަށް ދާދިފަހުން ދެއްވި ބަސްދީގަތުމެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ރިޔާސީ ޕްރައިމަރީ އިންތިޚާބު ކާމިޔާބު ކުރުމަށްފަހު ވެސް ރައީސް ޞާލިޙްގެ ތާއީދު ބޭނުންފުޅު ނުވާ ކަމަށެވެ. އަދި ރައީސް ޞާލިޙް ތާއީދުކޮށްގެން ލިބޭ ވޯޓް ވާނީ މަދުކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެކަމާގުޅިގެން ރައީސް ނަޝީދަށް ރައްދު ދެއްވަމުން މޫކޭ ވިދާޅުވީ ރައީސް ނަޝީދުގެ އެވާހަކަފުޅުން އެނގި ކަށަވަރުވެގެން ދިޔައީ އެންމެން ގޮވައިގެން ކުރިޔަށްދިއުމުގެ ވިސްނުމާއި ކުޅަދާނަކަން ހުރި ހަމައެކަނި ކެންޑިޑޭޓަކީ ރައީސް ޞާލިޙްކަން ކަމަށެވެ.

“އެމްޑީޕީ މަގުމަތި ކޮށްލުމުގެ ވިސްނުންނޫން އިތުރު އެއްވެސް ވިސްނުމެއް އަދި އުންމީދެއް ފުރަތަމަ ދުވަހުން ފެށިގެންވެސް އެ ކެމްޕޭނުން ނުފެންނަ ކަމީ ހިތާމައެއް.” މޫކޭ ވިދާޅުވެފައިވެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. ރިޔާސީ ޓިކެޓް ހޯއްދެވުމަށް ރައީސް ޞާލިޙާއި ރައީސް ނަޝީދު ގެންދަވަނީ ވާދަވެރި ކެމްޕޭނެއް ކުރަށްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން