ލ. ގަމުގެ ޔޫޓިލިޓީ ހިދުމަތްތަކާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވުން، ފޮޓޯ: ސްޓެލްކޯ
ލ. ގަމުގެ ޔޫޓިލިޓީ ހިދުމަތްތަކާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވުން، ފޮޓޯ: ސްޓެލްކޯ
ލ. އަތޮޅުގައި ފޯރުކޮށްދެމުންދާ ޔުޓިލިޓީ ޚިދުމަތްތައް ހަރުދަނާކޮށް، އެ ޚިދުމަތްތަކާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ރަސްމީކޮށް ޙަވާލުވުމުގެ މަސައްކަތުގެ ތެރެއިން، އެ އަތޮޅު ގަމުގައި ޔޫޓިލިޓީ ޚިދުމަތް ދިނުމާ އެ ކުންފުނިން ރަސްމީކޮށް ޙަވާލުވެއްޖެއެވެ.

ލ. ގަމުގައި މި ޚިދުމަތްތައް ރަސްމީކޮށް ފެށުމުގެ ގޮތުން މިއަދު އެ ރަށުގައި ވަނީ ޚާއްޞަ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައިދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރެވެ. އަދި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ނާޡިރެވެ.

ޚިދުމަތްތަކާ ރަސްމީކޮށް ހަވާލުވެވަޑައިގަތުމަށްފަހު، އެމްޑީ ޑރ. ޢަލީ އަޒްވަރާއި ކުންފުނީގެ އިސްވެރިންގެ ވަފުދެއް ވަނީ ގަމުގައި ހުންނަ ސްޓެލްކޯ އޮފީހަށާއި، އިންޖީނުގެ އަދި ފެން ޕްލާންޓަށް ޒިޔާރަތްކުރައްވާފައެވެ.

މި ޒިޔާރަތުގައި އެ ތަންތަނުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ތަފްޞީލުކޮށް ބައްލަވާލައްވައި، މުވައްޒަފުންނާ ވަނީ ބައްދަލުކުރައްވާފައެވެ. އަދި ޔުޓިލިޓީގެ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތަކާއި ގޮންޖެހުންތައް އޮޅުންފިލުއްވައި، އެ ކަންކަން ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މުވައްޒަފުންނާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.

ރަށްރަށުގައި ފެނަކަ ކޯޕަރޭޝަނުން ދެމުންދިޔަ ޔުޓިލިޓީގެ ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދާއިރު، ފެނަކަ އުވާލުމަށް ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ މިދިޔަ އޮގަސްޓު މަހު އިޢުލާނުކުރައްވާފައެވެ. އެހެންނަމަވެސް، އެކަން އިޢުލާން ކުރުމުގެ ކުރިންވެސް، ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ހަރުދަނާ ނިޒާމެއްގެ ތެރެއަށް ގެނައުމަށްޓަކައި ފެނަކައިގެ ޔުޓިލިޓީ ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތްތައް ސަރުކާރުން ދިޔައީ ކުރަމުންނެވެ.

ސްޓެލްކޯއިން ހާމަކުރި ގޮތުގައި އެ ކުންފުނީގެ މައިގަނޑު އަމާޒަކީ ލ. އަތޮޅުގެ ރައްޔިތުންނަށް އިތުބާރު ހުރި، ދެމެހެއްޓެނިވި އަދި ފެންވަރު ރަނގަޅު ޔުޓިލިޓީ ޚިދުމަތްތަކެއް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމެވެ.



ކިޔުންތެރިންގެ ހިޔާލު