ހުޅުޖަހައި ތަންތަން ލޫޓުވަން ގޮވާލި ޖުމާން-
ހުޅުޖަހައި ތަންތަން ލޫޓުވަން ގޮވާލި ޖުމާން-
ރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުތަކުގައި ހުޅުޖަހައި، ވިޔަފާރި މަރުކަޒެއް ލޫޓުވުމަށް ސޯޝަލް މީޑިއާގައި ގޮވާލި މައްސަލައިގައި ހައްޔަރުކޮށްފައިވާ ޒުވާނާގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްދީފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބަންދުގައި ހުރީ ހއ. ބާރަށު، ކުއްޅަވައްގޭ، އުމުރުން 25 އަހަރުގެ ޢަލީ ޖުމާންއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

ފުލުހުންގެ ތަހުގީގަށް އޭނާ އެންމެ ފުރަތަމަ ބަންދުކުރަން ކޯޓުން ދިން 12 ދުވަހުގެ މުއްދަތު ހަމަވުމާ ގުޅިގެން، ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ އިތުރު 15 ދުވަހަށް އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. ކޯޓުގެ ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި ފުލުހުން އޭނާގެ މައްޗަށް ކުރަނީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމާއި، އެފަދަ ކަމަކަށް ހިތްވަރު ދިނުމުގެ ތުހުމަތެވެ.

ޖުމާން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ސަރުކާރުން ޔަހޫދީންނަށް ބިންތައް ދޫކުރާތަން ބަލަން ނުތިބެވޭނެ ކަމަށެވެ. އަދި އެކަމާ ދެކޮޅަށް އިމާރާތްތަކާއި ދަތުރުފަތުރުކުރާ އުޅަނދުފަހަރުގައި ރޯކޮށް، ގައުމުގައި ބޮޑެތި ހަމަނުޖެހުންތައް ހިންގައި މަގުތަކަށް ނުކުމެ ވަރުގަދަ މުޒާހަރާތައް ކުރަންޖެހޭ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ. މީގެއިތުރުން، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމްގެ މަސްލަހަތު އޮންނަ "ރެޑްވޭވް" ފިހާރަ ލޫޓުވާލުމަށް ވެސް އޭނާ ވަނީ އެ ޕޯސްޓުގައި ސީދާ ގޮވާލާފައެވެ.

އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ގޮތަށް އަދި ޓެރަރިޒަމަށް މަގުފަހިވާ ގޮތަށް އިންޓަނެޓް މެދުވެރިކޮށް ހިންގާ މިފަދަ އަމަލުތައް ފުލުހުން ދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު