އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ޞާލިޙް ހޮވައިގެން ނޫނީ ޤައުމަށް ހަމަޖެހުމެއްނެތް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ސައުދުﷲ އަޙްމަދު ވިދާޅުވެއްޖެއެވެ.

ސަރުކާރު ކޯލިޝަންގެ ޖުމްހޫރީ ޕާޓީގެ މެންބަރު ސަޢުދު މި މޭރުމުން ވިދާޅުވެފައިވާއިރު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕޭނަށް އެޕާޓީގައި ނުހިމެނޭ ފަރާތްތަކުގެ ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަށްވާކަމަށް ކެމްޕޭން ޓީމްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.

އެގޮތުން ރައީސް ނަޝީދުގެ ކެމްޕޭނަށް އިދިކޮޅު ޕީޕީއެމުން އެހީތެރިވާކަމަށް ރައީސް ޞާލިޙްގެ އަރިސް ބޭފުޅުންވަނީ ތުހުމަތު ކުރަށްވާފައެވެ. އަދި ރައީސް ޞާލިޙްގެ ކެމްޕޭނަށް ސަރުކާރު ކޯލިޝަންގެ ބައެއް ޕާޓީތަކުން ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަށްވާކަމަށް ރައީސް ނަޝީދުގެ ކެމްޕޭން ޓީމުން ތުހުމަތު ކުރަށްވައެވެ.

މިފަދަ ދަނޑިވަޅެއްގައި ސަޢުދު ވިދާޅުވީ އިންތިޚާބުތަކުގެ ކެމްޕޭން ދުވަސްވަރަކީ ސިޔާސީވެރިން ޑްރާމާކުޅެ ރައްޔިތުން ވާވައްދާ ދުވަސްކޮޅެއް ކަމަށެވެ. އެހެންކަމުން އެފަދަ ޑްރާމާއަށް ވިސްނުންތެރިކަމާއެކު ޖަވާބުދޭން ޖެހޭނެކަމަށް ސަޢުދު ވިދާޅުވިއެވެ.

“މި އިންތިޚާބުގައި ބޮޑުތަނުން ރައީސް ޞާލިޙް ހޮވައިގެން ނޫނީ ހަމަޖެހުމެއް އޮތްކަމަކަށް ނުދެކެން.” ސަޢުދު ވިދާޅުވިއެވެ.



ހަމައެއާއެކު ފެންނަ މަންޒަރަށްވުރެ ބޮޑަށް މާޒީން ލިބުނު ތަޖުރިބާއަށް ވިސްނުމަށް ސަޢުދު ވަނީ ގޮވާލަށްވާފައެވެ.

ރައީސް ޞާލިޙާއި ރައީސް ނަޝީދު ވާދަކުރަށްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން އޮންނާނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން