2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު ހުށަހަޅާފައި ނުވާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން މޯލްޑިވްސް ރިފޯމް މޫވްމަންޓް، އެމްއާރުއެމް ޖޫރިމަނާކޮށްފައިވަނީ ގާނޫނާއި ހިލާފަށް ކަމަށް އެ ޕާޓީން ބުނެފި އެވެ.

އެމްއާރްއެމުން މިއަދު ބުނެފައި ވަނީ އެ ޕާޓީ ރަޖިސްޓްރީ ކޮށްފައިވަނީ 20 ނޮވެމްބަރު 2019 ގައި ކަމަށާއި، އެ އަހަރުގެ 42 ދުވަހުގެ ހިސާބު 2020 ވަނަ އަހަރުގެ ހިސާބާއި އެއްކޮށް ހުށަހެޅުމުގެ ހުއްދަ އަށް އެދި އިލެކްޝަންސް ކޮމިޝަނަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

އެމްއާރްއެމުން ބުނީ 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު ހުށަހެޅުން ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނުން ފަސްކުރެވިފައި ވީހިނދު، އެމްއާރްއެމުން 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު، 2020 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާ އެކު، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމުގެ ކުރިން، 31 މާރިޗު 2021 ގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާނެ ކަމަށެވެ.

އެހެން ނަމަވެސް، އެ ޕާޓީން 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު ހުށަނާޅާ ކަމަށް ބުނެ، ޖޫރިމަނާކުރި ކަމަށް އަންގާ، 29 ޑިސެމްބަރ 2022 ގައި ފޮނުއްވާފައިވާ ސިޓީ އާއި އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް ޓުވިޓާގެ ޒަރީއްޔާއިން ސޯޝަލްމީޑިއާއަށް މިކަން ހާމާކުރައްވާފައިވާ ޓުވީޓަކީ އިލެކްޝަންސް ކޮމިޝަނުން ކަންކަން ބައްލަވަންޖެހޭ މިންވަރަށް ނުބައްލަވާ ކޮށްފައިވާ ކަމެއް ކަމަށް އެމްއާރްއެމްގެ ބަޔާނުގައިވެއެވެ.

.

“މި ޕާޓީ ވިހިހާސް ރުފިޔާއިން ޖޫރިމަނާކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށްވެސް މިޕާޓީން ދެކެމެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ ނިންމުން މުރާޖަޢާކޮށްދެއްވުމަށްވެސް މިޕާޓީން ގޮވާލަމެވެ.” އެމްއާރުއެމްގެ ބަޔާނުގައިވެއެވެ.

އެމްއާރުއެމުން ވަނީ 2021 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްވެސް ހުށައަޅާފައިކަމަށާއި 2022 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ތައްޔާރު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް އެމްއާރުއެމުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން