ސަމަރުބްލޫ އިބްރާހީމް މަނިކު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، އެމަނިކުފާނުގެ ހަނދާނުގައި ދިވެހިރާއްޖޭގެ އަޑުގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ސޮއިކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ ތަޢުޒިޔާގެ ދަފުތަރުގައި ރައީސުލްޖުމްހޫރިއްޔާ ލިޔުއްވި ބަޔާނުގައި ސަމަރުބްލޫ އިބްރާހީމް މަނިކު އަވަހާރަވުމަކީ ދިވެހިރާއްޖެއަށް ލިބުނު ނުހަނު ބޮޑު ދެރައެއްކަމުގައި ފާހަގަކުރައްވާފައިވާކަމަށެވެ.

ވަކިން ޚާއްޞަކޮށް ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގައި ސަމަރުބްލޫ އިބްރާހީމް މަނިކު ޚިދުމަތްކުރެއްވި 27 އަހަރަށްވުރެ ދިގު މުއްދަތުގައި އެމަނިކުފާނު ވަނީ ވަރަށް ރިވެތި ނަމޫނާއެއް ދައްކަވައިފައިކަމަށް ރައީސް ލިޔުއްވާފައިވެއެވެ. އޭގެއިތުރުން އިބްރާހިމް މަނިކު ވަނީ އަމިއްލަ ޝައުޤުވެރިކަމާއެކު ޚިދުމަތުގައި ދެމިހުރެއްޖެނަމަ އެކަމެއްގެ ފޮނި ނަތީޖާ ނެރެވޭނެކަން ސާބިތުކޮށްދެެއްވާފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ބަޔާނުގައި ލިޔުއްވާފައި ވެއެވެ.

މީގެ އިތުރުން ކުޅިވަރާއި މުނިފޫހިފިލުމުގެ ދާއިރާއިން ދިވެހި ފަންނާނުން އުފެއްދުމުގައި ސަމަރުބްލޫ އިބްރާހީމް މަނިކުގެ ޙިއްސާ ވަރަށް ބޮޑުކަމަށާއި، އެމަނިކުފާނު ވަނީ ރޭޑިއޯ އާއި ޓީވީގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަށް ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވާފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި ލިޔުއްވާފައި ވެއެވެ.

ސަމަރުބްލޫ އިބްރާހީމް މަނިކު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހު، ހުސްވި ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ހެނދުނު އިންޑިއާގެ ބެންގަލޯރުގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ، 72 އަހަރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން