ރައީސް ޞާލިޙް ކަންކަން ކުރައްވަނީ ރައްޔިތުންގެ އަޑުއައްސަވައިގެންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބުރައީސް މި މޭރުމުން ވިދާޅުވީ ރ. އިންނަމާދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި، ރަށުގެ މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ކަންކަން ކުރައްވަނީ ރައްޔިތުންގެ އަޑުއަހައިގެން ރައްޔިތުން އެންމެ ބޭނުންވާ ކަންކަމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެންކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކުދިންނަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލާއި، އ.ތ.މ. ކޮމެޓީއާއި އަދި، މުއައްސަސާތަކުގެ ވެރިން ވަނީ އެރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާއި، ކުރިމަތިވާ ބައެއް ދަތިތައް ފާހަގަކުރައްވާފައެވެ.

އެގޮތުން، މި ބައްދަލުވުމުގެ ބައިވެރިން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ރަށުގެ ފެނުގެ ނިޒާމާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތާއި ގުޅިގެން ހުރި ކަންބޮޑުވުންތަކާއި، ބަނދަރު އަޕްގްރޭޑްކުރަން ބޭނުންވާކަމާއި، އަދި ބަނދަރާއި ގުޅިގެން ހުރި ކަންބޮޑުވުންތަކާއި، ސްކޫލްގެ ޖާގައިގެ ދަތިތަކާއި، އަދި ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތެއްގެ މުހިންމުކަން ހިމެނެއެވެ.

މީގެ އިތުރުން ރަށްގިރުމުގެ މައްސަލައާއި، ރަށުގެ ސިނާޢީ މަސައްކަތްކުރާ ފަރާތްތަކަށް އެމަސައްކަތްތައް ކުރުމަށް ވަންދޫއިން ބިން ހަމަޖެއްސުމާއި ބެހޭގޮތުންނާއި، ރަށުގައި ޕޮލިސް ޕޯސްޓެއް ޤާއިމުކުރުމާއި، ރަށުގައި ކުނިމެނޭޓްކުރުމުގައި ކުރިމަތިވާ ދަތިތައް މި ބައްދަލުކުރެއްވުމުގެ ބައިވެރިން ފާހަގަކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި އ.ތ.މ. ކޮމެޓީން ވަނީ ރަށުގައި ފަތާ ފެންގަޑެއް އަދި ކުޑަކުދިންގެ ޕާކެއް ޤާއިމުކުރުމަށް ބޭނުންވާކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގެކުރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އިންނަމާދޫ ޞިއްޙީ މަރުކަޒަށް ޒިޔާރަތްކުރައްވައި، ޞިއްޙީ މަރުކަޒުގެ ޙާލަތު ބައްލަވާލައްވައި، ޞިއްޙީ މަރުކަޒުގެ މުވައްޒަފުންނާ މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުން ރ. އިންނަމާދުއަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކުރެއްވި ދަތުރުފުޅުގެ ކުރިން އެމަނިކުފާނު ވަނީ، ރ. ވަންދޫއަށް ވެސް ޒިޔާރަތް ކުރައްވައި، އެރަށުގައި ކުރިޔަށްގެންދާ ރީޖަނަލް ވޭސްޓް މެނޭޖްމެންޓް ފެސިލިޓީގެ މަސައްކަތްތައް ބައްލަވާލައްވައި އެކަމާގުޅޭ މަޢުލޫމާތު ވެމްކޯގެ މުވައްޒަފުންގެ ފަރާތުން ހޯއްދަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން