އަހުމަދު މަސްނޫމް   25 ސެޕްޓެމްބަރު 2022 - 19:8
ވ. އާރަށް ވިއްކާލައިގެން ލިބުނު ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއި ކުރީގެ މަޖިލިސް މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ދައުވާގެ ހެކި ބަސް ނަގާ ނިންމާލައިފިއެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވަނީ ރިސޯޓެއްގެ ގޮތުގައި އާރަށް ތަރައްގީ ކުރުމުގެ ބޭނުމުގައި އެމްއެމްޕީއާރުސީއާއި ޔޫސުފް ނައީމް ހިންގި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި، ވ. ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމުގެ އަތުން، ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެެވެ.

ރައީސް ޔާމީނާއެކު، އާރަށުގެ މުއާމަލާތުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ޔޫސުފް ނައީމްގެ މައްޗަށް ވެސް ރިޝްވަތު ދިނުމުގެ ދައުވާ ދައުލަތުން ވަނީ ކޮށްފައެެވެ.

މިމައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ދިފާއު ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ވަނީ ނަގާ ނިންމާފައެވެ. ދިފާއުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން މިމައްސަލާގައި ހުށަހަޅާފައިވަނީ 7 ހެކިންނެވެ. މިއަދު ހެކިބަސް ދީފައިވަނީ ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދާއި، ރައީސް އޮފީހުގެ ކުރީގެ ސްޓޭޓް މިނިސްޓަރ މުޖުތާޒުގެ އިތުރުން ކުރީގެ ޔޫތު މިނިސްޓަރ އަޙްމަދު ޒުހޫރެވެ.

ހެކި ބަސް ނަގާ ނިމުމުން މައްސަލަ ބައްލަވާ ގާޒީ ވަނީ ހެއްކާ ގުޅޭގޮތުން ވާހަކަ ދެއްކުމަށް ބާއްވާ އަޑުއެހުން މިމަހުގެ 29ވަނަ ދުވަހު ބާއްވާނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިމުއްދަތަކީ މާ ކުރު މުއްދަތެއްކަމަށް ދިފާއީ ވަކީލުން ވަނީ ފާހަގަކޮށްފައެވެ.

ނަމަވެސް މިޝަރީއަތަކީ ދުރާލައި ހެއްކާއި ގުޅޭގޮތުން ވާހަކަ ދައްކާނެ ދުވަހަކާއި، ޚުލާސާ ބަޔާން އިއްވާނެ ދުވަހާއި، ހުކުމްކުރާނެ ދުވަސްވެސް ކަނޑައަޅައި ދައުލަތާއި، ދިފާއުންވެސް އެއްބަސްވެފައިވާ ދުވަސް ތަކެއްކަން މިމައްސަލަ ބައްލަވާ ޤާޒީ ޝަކީލް ވަނީ ވިދާޅުވެފައެވެ.

ގާޒީ ވަނީ ހެއްކާއި ގުޅޭގޮތުން ވާހަކަ ދެއްކުމަށް ބާއްވާ އަޑުއެހުން ފަސްކުރެވޭނަމަ އެކަން ކުރީބައިގައި ޝަރީއަތުން އަންގާނެކަމަށް ވިދާޅުވެފައެވެ.

ފަޅުރަށެއްގެ ގޮތުގައި އޮތް ވ. އާރަށަކީ ކުރިން ޑީއާރްޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ ހިއްސާ އޮންނަ ރަށެކެވެ. ނަމަވެސް 2015 ވަނަ އަހަރު ސަރުކާރުން ވަނީ އެރަށް ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ ކުންފުންޏަކަށް ދީފައެވެ. އަދި ޔޫސުފް ނައީމްގެ ކުންފުނިން ވަނީ އެރަށް ބޭރުގެ ކުންފުންޏަކަށް 1 މިލިއަން ޑޮލަރަށް ވިއްކާލާފައެވެ. މައްސަލަ އުފެދިގެން އުޅެނީ އެ އެއް މިލިއަން ޑޮލަރު ރައީސް ޔާމީން އެޗުއެސްބީސީގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރިކަމަށް ބުނާ މައްސަލައަކާއި ގުޅިގެންނެވެ.

މި މައްސަލާގައި ރައީސް ޔާމިނަށް މަނީލޯންޑަރިންގެ ދައުވާއެއް އުފުލާފައިވާއިރު، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ރައީސް ޔާމިންގެ މައްޗަށް މީގެކުރިން އިއްވި ހުކުމް ސުޕްރީން ކޯޓުން ވަނީ ބާތިލްކޮށްފައެވެ. އޭގެ އިތުރުން ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ވެސް އެމަނިކުފާނުގެ މައްޗަށް ވަނީ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން