އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް
އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ތުއްތުކުދިން ފޮސްޓަރކުރާ ނުވަތަ އާއިލީ ވެށީގައި ބަލައިބޮޑުކުރުމަށް ހަވާލުވާ ފަރާތްތަކަށް، އަންހެނުން ވިހެމުން ލިބޭ ފަދަ ޚާއްސަ ޗުއްޓީއެއް ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ، ސިވިލް ސަރވިސްގެ މުވައްޒަފުންގެ ތެރެއިން ކުދިން ފޮސްޓަރކުރާ ފަރާތްތަކަށް މި ޗުއްޓީ ލިބޭނެ އިންތިޒާމް އަންނަ އޭޕްރީލް މަހުން ފެށިގެން ހަމަޖެހިގެންދާނެ ކަމަށެވެ.

މި ނިންމުމަކީ ފޮސްޓަރކުރާ އާއިލާތަކަށް އެ ކުދިންނާ އެކު ވަގުތު ހޭދަކޮށް، ގާތް ގުޅުމެއް އުފެއްދުމަށް ފުރުޞަތު ދިނުމުގެ ގޮތުން ނިންމި ނިންމުމެކެވެ. މީގެ އިތުރުން، ކުދިން ފޮސްޓަރކުރާ އާއިލާތަކުގެ ތެރެއިން މާލީ އެހީތެރިކަން ބޭނުންވާ އާއިލާތަކަށް، ކޮންމެ ކުއްޖަކަށް މަހަކު 5،000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވެސް ވަނީ ހަމަޖައްސާފައެވެ.

"ކޮންމެ ކުއްޖަކަށް އާއިލާއެއް" ޕްރޮގްރާމްގެ ދަށުން މިހާތަނަށް 111 ކުއްޖަކު އާއިލާތަކާ ހަވާލުކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މި ބަދަލުތަކާއެކު، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން އާއިލީ ވެށީގައި ބޮޑުވުމަށް އޮތް ފުރުޞަތުތައް އިތުރަށް ފަހިވެގެންދާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު