ދިވެހި ރާއްޖޭގެ ހައިކޯޓު-
ދިވެހި ރާއްޖޭގެ ހައިކޯޓު-
ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމަށާއި، ފެމިލީ ކޯޓުގެ އިސް ގާޒީގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލަައިފިއެވެ.

ޖޭއެސްސީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އެ ކޯޓުގެ ފަނޑިޔާރުންނަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި ފެމިލީ ކޯޓުގެ އިސް ގާޒީ ކަމަށް ހުޅުވާލާފައިވަނީ އެ ކޯޓުގައި މިވަގުތު ތިއްބެވި ގާޒީންނަށެވެ.

ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި ފަނޑިޔާރު ހުސައިން ޝަހީދު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަން ކުރެއްވުމާ ގުޅިގެންނެވެ. އޭގެ ފަހުން އެ މަގާމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި، އޭރު ހައި ކޯޓުގައި ހުންނެވި ފަނޑިޔާރު މުހައްމަދު ފައިސަލް ކުރިމަތިލެއްވުމުން އޭނާއަށް އެ މަގާމު ދިނުމަށް ޖޭއެސްސީން ނިންމިއެވެ.

ނަމަވެސް، ފަނޑިޔާރު ފައިސަލްގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވި، އެ މައްސަލަ ބަލަން ފެށުމާއެކު އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. ފައިސަލް އިސްތިއުފާ ދެއްވިއިރުވެސް، އިސް ފަނޑިޔާރުގެ މަގާމުގެ ފަތްކޮޅު ރަސްމީކޮށް އޭނާއާ ހަވާލެއް ނުކުރެއެވެ. އެހެންނަމަވެސް، އިސްތިއުފާ ދެއްވަންދެން ކޯޓު ވަގުތީގޮތުން ހިންގަވަމުން ގެންދެވީ އޭނާއެވެ.

މިވަގުތު ހައި ކޯޓުގައި 11 ފަނޑިޔާރުން ތިއްބެވިއިރު، އެ ކޯޓު ވަގުތީ ގޮތުން ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވީ

ފަނޑިޔާރު އަބްދުﷲ ޖަމީލު މޫސާއެވެ.

ފެމިލީ ކޯޓުގެ އިސް ގާޒީގެ މަގާމު ހުސްވެފައިވަނީ، އެ މަގާމުގައި ހުންނެވި އިބްރާހިމް މާހިރު، ހައި ކޯޓުގެ ފަނޑިޔާރެއްގެ މަގާމަށް އައްޔަން ކުރެއްވުމާ ގުޅިގެންނެވެ. ފެމިލީ ކޯޓުގައި މިވަގުތު ހަތް ގާޒީން ތިއްބަވައެވެ.



ކިޔުންތެރިންގެ ހިޔާލު