ރާއްޖޭގައި މިއަދު އަދުލު އިންސާފު އޮތް ގޮތުގެ ވާހަކަދައްކަން ލަދުގަންނަންޖެހޭކަމަށާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ވެރިކަމެއްގައި ފަނޑިޔާރުންނަކީ ސިޔާސީ މީހުންދެކެ ބިރު ނުގަންނަ ބަޔަކަށް ހައްދަވާނެކަމަށް އެ ޕާޓީގެ ރައީސް ކާނަލް ރިޓަޔަރޑް މުހައްމަދު ނާޒިމު ވިދާޅުވެއްޖެއެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު އަދި އެމްއެންޕީގެ ރައީސް ނާޒިމް މިހެން ވިދާޅުވީ އެމްއެންޕީން ކާމިޔާބުކަމާއެކު ކުރިއަށް ގެންދިޔަ އެ ޕާޓީގެ ގައުމީ ޖަލްސާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މިޖަލްސާގައި ވާހަކަދައްކަވަމުން ނާޒިމު ވިދާޅުވީ ޖުޑީޝަލް ސާވިސް ކޮމިޝަން މިއަދުވެސް ފެންނަނީ ވަރަށް ބޮޑަށް ސިޔާސީވެފައި އޮތް ތަނެއްގެ ގޮތުގައިކަމަށެވެ. އެހެންކަމުން އެމްއެންޕީގެ ވެރިކަމެއްގައި ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކޮށް، ފަނޑިޔާރުންނަކީ ކިޔެވި ފޮތާއި އެއްގޮތަށް ރާއްޖޭގެ ގާނޫނުއަސާސީއާ އެއްގޮތަށް ހުކުމް ކުރެވޭނެ ބަޔަކަށް ހައްދަވާނެކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ކޮންމެ ރިޔާސީ ދައުރަކާއެކު އިންތިހާބުވާ ރައީސުލްޖުމްހުރިއްޔާ ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވައި، ފަނޑިޔާރުން ވަކިކޮށް، ޖޭއެސްސީ ބަދަލުކުރުމަކީ ބަލައިގަނެވޭނޭކަމެއް ނޫންކަމަށެވެ. އެހެންކަމުން އެމްއެންޕީގެ ވެރިކަމެއްގައި ޖޭއެސްސީ މިނިވަންކޮށް ފަނޑިޔާރުންނަށް އިތުބާރު ހޯދައިދޭނެ ކަމުގެ ޔަގީންކަން ނާޒިމް ވަނީ ދެއްވާފައެވެ.

"ދިވެހިރާއްޖޭގައި އަދުލު އިންސާފުގެ ވާހަކަ އަޅުގަނޑުމެން މިއަދު ދައްކަން ލަދުވެސް ގަންނަންޖެހޭ. އިންސާފު ނުލިބި އިނގޭތޯ އެތައް ބަޔަކު މިދިޔަ ސަރުކާރުން ވާނުވާ ނުޖަހަން ވިދާޅުވެ ވަޑައިގެން ވާނުވާ ޖަހާ އަދަދު ގިނަވީ އެއީތޯ ހައްގުވާ ވަރަކީ." ނާޒިމު ވިދާޅުވިއެވެ.



މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފުރަތަމަ ޤައުމީ ޖަލްސާ ރޭ ނިންމާލިއިރު ޤައުމީ ޖަލްސާގައިވަނީ އެޕާޓީގެ މައިގަނޑު ސިޔާސަތުތަކާއި އަސާސީ ގަވައިދަށް ހުށަހެޅުނު އިސްލާހުތައް ފާސްކޮށްފައެެވެ. އަދި އެޕާޓީގެ އެކި މަޤާމުތަކަށާއި، ކޮމެޓީތަކަށް މެމްބަރުން ވަނީ އިންތިޚާބު ކޮށްފައެވެ. މީގެ އިތުރުން ކުރިއަށް އޮތް ފަސް އަހަރަށް ކަނޑައެޅި އެ ޕާޓީގެ ސިޔާސަތުތައްވެސް ވަނީ ފާސްކޮށްފައެވެ.

ތާޖުއްދީން ސްކޫލްގައި ކުރިޔަށްދިޔަ، ޤައުމީ ޖަލްސާގައި އެޕާޓީގެ 270 އަށްވުރެ ގިނަ މަންދޫވުން ވަނީ ބައިވެރިވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން