މި މަހުގެ 23 ވަނަ ދުވަހުގެ ކުރިން ރާއްޖެއަށް އެތެރެވެފައިވާ މީހުންގެ ތެރެއިން ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކާއި ޕޮޒިޓިވްވެ، ރަނގަޅުވިތާ 60 ދުވަސް ނުވާ މީހުން ކަރަންޓީނުން ދޫކޮށްލުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.

އެޗްޕީއޭއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ 23 ޖުލައި 2021 ގެ ކުރިން ރާއްޖެއަށް އެތެރެވެފައިވާ މީހުންގެ ތެރެއިން ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށް 14 ދުވަހުގެ މުއްދަތު ހަމަވުމަށްފަހު ރާއްޖެ އައިސް ކަރަންޓީނުގައި މިވަގުތު ތިބި މީހުންނާއި އަދި 23 ޖުލައި 2021 ގެ ކުރިން ރާއްޖެއަށް އެތެރެވެފައިވާ މީހުންގެ ތެރެއިން ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެ، 60 ދުވަސް ނުވާ މީހުން ކަރަންޓީނުން ދޫކޮށްލުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އިމަރޖެންސީ ޔޫސްއަށް ލިސްޓްކޮށްފައިވާ ވެކްސިނެއް ނުވަތަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބޭނުންކުރުމަށް ހުއްދަދީފައިވާ ކޮވިޑް-19 ގެ ވެކްސިނެއްގެ ޑޯޒްތައް ފުރިހަމަކޮށް، 14 ދުވަހުގެ މުއްދަތު (ރާއްޖެ އައި ދުވަހާ ހަމައަށް) ހަމަވެފައިވާ މީހުންގެ ތެރެއިން ރާއްޖެ އައިސް 7 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ހަމަވެފައިވާ މީހުން ކަރަންޓީނުން ދޫކޮށްލުމަށް ނިއްމާފައިވާ ކަމަށް އިއުލާންގައި ބުނެފައިވެއެވެ.

އަދި މި މީހުންނާއެކުގައި ދަތުރުކޮށް ރާއްޖެ އައިސްފައިވާ، ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިން ވެސް ކަރަންޓީން ދޫކޮށްލެވޭނެ ކަމަށް އިއުލާންގައިވެއެެވެ.

ވެކްސިން ނުޖެހޭ ކުޑަކުދިން ކަރަންޓީނުން ދޫކުރުމަށް ނިންމާފައިވަނީ ޕީސީއާރ ޓެސްޓު ހެދުމަށްފަހުއެވެ. އެ ކުދިން ރާއްޖެ އެތެރެވިތާ 5 ދުވަހާއި 7 ދުވަހާ ދެމެދުގެ މުއްދަތު ހަމަވެފައިވާނަމަ ވަގުތުން ޕީސީއާރު ޓެސްޓު ހެދުމަށް އެޗްޕީއޭއިން ނެރުނު އިއުލާންގައި އަންގާފައިވެއެވެ. އަދި ރާއްޖެ އެތެރެވިފަހުން 5 ދުވަސް ފުރިހަމަނުވާ ފަރާތްތަކުން، 5 ދުވަސް ފުރިހަމަވުމުން ޓެސްޓު ހެދުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ބަލިން ފަސޭހަވެފައިވާ މީހުންގެ ތެރެއިން 60 ދުވަސް ހަމަނުވާ (ސާމްޕަލް ނެގި ތާރީޚުން ފެށިގެން ރާއްޖެ އައި ދުވަހާ ހަމައަށް) މީހުން ކަރަންޓީނުން ދޫކޮށްލުމަށް ވެސް ވަނީ ނިންމާފައެވެ. އަދި މި މީހުންނާއެކުގައި ދަތުރުކޮށްފައިވާ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިން ވެސް ކަރަންޓީނުން ދޫކޮށްލެވޭނެ ކަމަށް އެޗްޕީއޭއިން ބުނެ އެވެެ.

މި މީހުންނާ އެކުގައި ދަތުރުކޮށް ރާއްޖެއަށް އެތެރެވެފައިވާ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިން ރާއްޖެއަށް އެތެރެވިތާ 5 ނުވަތަ 7 ދުވަހާ ދެމެދުގެ މުއްދަތު ހަމަވެފައިވާނަމަ ވަގުތުން ޕީސީއާރު ޓެސްޓު ހެދުމާއި، ރާއްޖެއަށް އެތެރެވިތާ 5 ދުވަސް ފުރިހަމަނުވާ ފަރާތްތަކުން ރާއްޖެއަށް އެތެރެވިތާ 5 ނުވަތަ 7 ދުވަހާ ދެމެދުގެ ތެރޭގައި ޕީސީއާރު ޓެސްޓު ހެދުމަށްފަހު ނެގެޓިވް ނަތީޖާއެކު ދޫކޮށްލުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

އެހެންނަމަވެސް ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިނުވާ މީހުންނާއި، މީގެ ކުރިން ކޮވިޑަށް ޕޮޒިޓިވްވެފައިނުވާ އަދި ކޮވިޑަށް ޕޮޒިޓިވްވި ފަހުން 60 ދުވަސް ހަމަވެފައިވާ މީހުން 14 ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަކުރަންޖެހޭނެ ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެެވެ. 14 ދުވަހުގެ ކަރަންޓީން މުއްދަތު ނިމުމުން އެމީހުންގެ ސާމްޕަލް ނަގައި، ނަތީޖާ ނެގެޓިވް ވުމުން ކަރަންޓީނުން ދޫކޮށްލާނެ ކަމަށް އެޗްޕީއޭއިންއިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން