އިސްރާއީލުން މިސްރާއި ރަފާހް ގުޅޭ ބޯޑަރު ސަރަހައްދު ހިފައިފިއެވެ.

އިސްރާއީލުން މި ބޯޑަރު ހިފުމާއިއެކު، ޣައްޒާއަށް އެހީ ވަންނަ މައި ދޮރާށި އެމީހުންގެ އަތްދަށަށް ދިޔައީއެވެ. މިއީ 2005 ގައި އިސްރާއީލުން އެ ސަރަހައްދު ދޫކޮށްދިއުމަށްފަހު މި ސަރަހައްދު ހިފި ފުރަތަމަ ފަހަރެވެ.

އ.ދ އިންވަނީ ރަފާހްގައި އިސްރާއީލުން ހިންގަމުންދާ އަސްކަރީ އޮޕަރޭޝަނާއި ގުޅިގެން ޣައްޒާގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށް ދަތިވަމުންދާކަމަށް ބުނެފައެވެ. އަދި ޣައްޒާ ވަނީ ހަނަފަސްކަމުގެ ތެރެއަށް ދިއުމުގެ މަގުމަތީގައި ކަމަށްވެސް ބުނެއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ރަފާހްގައި އަސްކަރީ ހަރަކާތް ނުހިންގުމަށް އިންޒާރު ދީފައެވެ. އެކަމަކު ނަތަންޔާހޫގެ ސަރުކާރުގެ ކޯލިޝަން ޕާރޓްނަރުން ވަނީ އެ އަސްކަރީ ހަރަކާތް ކުރިއަށް ގެންދިއުމަށް ބާރުއަޅާފައެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ދިން ކުއްލި ހަމަލާ އަކާއި ގުޅިގެން ހުއްޓުމެއް ނެތި އިސްރާއީލުން ދެމުންދާ ހަމަލާ ތަކުގައި މިހާތަނަށް ފަލަސްތީނުގެ 34000 އަށްވުރެ ގިނަ މީހުންވަނީ ޝަހީދުކޮށްލާފައެވެ. އަދި އެތަކެއް ބަޔަކު ވަނީ ބޭސްފަރުވާ އާއި ކާބޯތަކެއްޗަށްވެސް ޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން