ތިލަމާލެ ބްރިޖް މަޝްރޫޢުގެ 37 އިންސައްތަ މަސައްކަތް ނިިމިއްޖެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ނާޝިދު ވިދާޅުވީ މިދިޔަ ސަރުކާރުގެ 5 އަހަރު ދުވަހުގެ ތެރޭގައި ބްރިޖް މަޝްރޫޢުގައި ނިންމިފައިވަނީ 27 އިންސައްތަ މަސައްކަތް ކަމަށެވެ.

ނަމަވެސް މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން 5 މަސް ތެރޭގައި ބްރިޖްގެ 8 ޕަސެންޓް މަސައްކަތް ނިންމާފައިވާ ކަމަށާއި މިހާރު ބްރިޖް މަސައްކަތުގެ 37 ޕަސެންޓް މަސައްކަތް ނިމިފައިވާކަމަށް ނާޝިދު ވިދާޅުވިއެވެ.

އިންޑިޔާގެ އެފްކޮންސް ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ ތިލަމާލެ ބްރިޖްގެ މަޝްރޫއުގެ ދަށުން، 6.695 ކިލޯ މީޓަރުގެ ބްރިޖާއި ކޯޒްވޭއެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

މި ބްރިޖަކީ ފުން ހިސާބުތަކުގައި 141 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، އަދި ތިލަ ހިސާބުތަކުގައި އަދި އެއްގަމުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، އަދި 2.96 ކިލޯމީޓަރުގެ އެޓް-ގްރޭޑް މަގުތަކެއް ހިމެނޭހެން ހަތަރު ރަށުގެ މެދުގައިވާ ކަނޑުގެ ސަރަހައްދުގައި ހަދާ 140 މީޓަރުގެ ދިގު ނެވިގޭޝަން ބްރިޖެކެވެ.

މާލެ, ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލާ ބްރިޖުގެ މަސައްކަތް ފެށުމަށް އިންޑިއާގެ އެފްކޯންސް އިންފްރާސްޓްރަކްޗާ ކުންފުންޏާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ އޮގަސްޓު 26، 2021 ގައެވެ. އަދި ބްރިޖުގެ އަމަަލީ މަސައްކަތް ފަށާފައި ވަނީ އޮގަސްޓް 2، 2022 ގައެވެ.

މި ސަރުކާރުން ތިލަމާލެ ބްރިޖް މަޝްރޫޢުއާއި ހަވާލުވީފަހުން ވަނީ މި މަޝްރޫޢުގެ މަސައްކަތް 2026 ވަނަ އަހަރުގެ ފަހުކޮޅާއި ހަމައަށް ނިންމާލެވޭނެ ކަމަށް ލަފާކޮށްފައެވެ. އެގޮތުން މިހާރު ކަނޑައަޅާފައިވާ ޝެޑިއުލްއާ އެއްގޮތަށް މަސައްކަތް ކުރިއަށްދާނަމަ، އަންނަ އަހަރު ފެބްރުއަރީގެ ނިޔަލަށް މާލެއާއި ވިލިމާލެ ގުޅާލެވޭނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން މަޢުލޫމާތު ދީފައި ވެއެވެ.

ތިލަމާލެ ބްރިޖަކީ 500 މިލިއަން ޑޮލަރުގެ އަގުހުރި މަޝްރޫއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން