އައްޑޫ ފްލައިން ސްކޫލަށް ޙައްލެއް ހޯދުމަށް ސަރުކާރުން މިހާތަނަށް ކުރެވުނު ކަމަކީ އެސްކޫލު ހިންގާ އޭޝިއަން އެކަޑެމީ އޮފް އޭރޮނޯޓިކްސް (އޭއޭއޭ) ގެ ހެޑް، ސުރަންޖަން ޑި ސިލްވާއަށް ދޫކޮށްފައިވާ ހުއްދަ އަތުލުމެވެ. އިތުރު އެއްވެސް ފިޔަވަޅެއް އޭނައާއި ދޭތެރޭ ނުވަތަ އެސްކޫލާއި ދޭތެރޭ ނޭޅުނީ ހަގީގަތުގައިވެސް އެސްކޫލުގައި އެތަކެއް ޚަރަދެއްކޮށްގެން ކިޔަވަމުން އަންނަ ދަރިވަރުންނަށް ޙައްލެއް ހޯދޭނެ ހަމަ އެންމެ މަގެއްވެސް ނެތީމަތޯއެވެ؟

ސުރުކާރުގެ ފަރާތުން އެކަމުގައި އެންމެ އިސްކޮށް މަސައްކަތް ކުރައްވާ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ އެކަމަށް އޮތް ޙައްލަކީ އައު ފްލައިން ސްކޫލެއް އައްޑޫގައި ހުޅުވުންކަމަށެވެ. ނަމަވެސް ލޯނު ނަގައިގެންނާއި އަދި އެހެނިހެން ގޮތްގޮތުން ފައިސާ ހޯދައިގެން އެސްކޫލުގައި ކިޔެވުމަށް ފައިސާ ދައްކާފައިވާ 173 ދަރިވަރުންނަކަށް، އެސްކޫލުގެ ހެޑްގެ ހުއްދަ އަތުލުމަކުން ލިބުނު އެއްވެސް މޮޅެއް ނެތެވެ. އެކުދިންގެ މައިންބަފައިން އެކަމަށް ކުރި ޚަރަދު ބޭކާރުވެ އެކުދިންގެ އެތަކެއް ވަގުތެއް ގެއްލިގެން ދާއިރު ސަރުކާރުން މިހާތަނަށް އެކަމަކަށް މާބޮޑުކަމެއް ކޮށްދެވިފައި ނެތުމަކީ ނިހާޔަތަށް ހިތާމަ ކުރަން ޖެހޭ ކަމަކެވެ.


ކަމާއި ބެހޭ މިންސްޓްރީއިން އައު ފްލައިން ސްކޫލެއް ހުޅުވުމަށް މަސައްކަތްތައް އެބަކުރައެވެ. ނަމަވެސް އެވުޒާރާގެ މިނިސްޓަރު ވިދާޅުވާ ގޮތުން އެކަމަކަށް އަދި އެއްވެސް ކުރިމަގެއް ނެތެވެ. ހަމަ ދެކެވެނީ ވާހަކަ ތަކެކެވެ. ބައެއްގެ ޙައްގެއް ގެއްލިގެން ދާއިރުވެސް އޭއޭއޭ އިން އެކުދިންގެ ކޯސް ފުރިހަމަކޮށްދިނުމަށް އެވުޒާރާއަކުންވެސް އަދި ސަރުކާރުންވެސް ނަތީޖާއެއް ނެރެވޭފަދަ އެއްކަމެއްވެސް މިއަދާއި ހަމައަށް ކުރެވިފައި ނެތެވެ. އަދި ދެކެވެނީ ހަމަ ހުސް ވާހަކައެވެ. ކުރެވެނީ މޮޅެތި ޚިޔާލު ތަކެވެ.

މިކަމާއި ގުޅިގެން އައްޑޫ ސިޓީގެ ކައުންސިލުންވެސް އަދި އައްޑޫއަށް ނިސްބަތްވާ މަޖިލީސް މެމްބަރަކަށްވެސް އެކުދިންގެ ޙައްގުގައި ދޭތެރެއަކުން މޮޅު ވާހަކައެއް ބުނުންނޫން އިތުރު ކަމެއް ކުރެވިފައެއް ނެތެވެ. އެސްކޫލުގެ ސުރަންޖަން އަކީ ސަރުކާރަށްވުރެވެސް ބާރުގަދަ މީހެއް ކަމަށް ލަފާ އެބަކުރެވެ އެވެ.

އެކުދިންގެ ޙައްގުގައި މިހާލަތުގައި ބަހެއް ބުނެލަން މިކެރިވަޑައިގަތީ ނިމިދިޔަ ކައުންސިލް އިންތިޚާބުގައި އައްޑޫ ސިޓީގެ މޭޔަރުކަމަށް ވާދަ ކުރެއްވި ނަމަވެސް ނާކާމިޔާބުވި މުޙައްމަދު ލަތީފަށެވެ. އެބޭފުޅާގެ ޓްވީޓްގައި ވިދާޅުވެފައި ވަނީ "އައްޑޫ ފްލައިން ސްކޫލު ހިންގަން އައު ބަޔަކު ހޯދުމަކީ ވަރަށް ރަނގަޅު ކަމެއް. ކަމަނާ (މިނިސްޓަރ ނަހުލާ) އަށް އެކަން ނުވާނެ މިސަރުކާރުގަ. މިހާރު ކިޔަވާ ދިވެހި ކުދިންނަށްއޮތް އަވަސް ޙައްލަކީ ސަރުކާރުގެ ޚަރަދުގައި އެކުދިން ކޯސް ފުރިހަމަ ކުރަން ރާއްޖެއިން ބޭރަށް ފޮނުވުން،" ކަމަށް ނަހުލާއަށް ޓެގް ކުރައްވާ ލަތީފު ޓްވިޓާގައި ވިދާޅުވެފައި ވެއެވެ.

ހަގީގަތުގައިވެސް އެކުދިންނަށް އެފަދަ ޙައްލެއް ސަރުކާރުން ހޯދާނުދެވޭނަމަ އެކުދިންގެ ވަގުތު ގެއްލި އަދި މާލީގޮތުން އެކުދިންގެ ބެލެނިވެރިންނަށް އިއާދަ ނުކުރެވޭ ވަރުގެ ގެއްލުން ލިބޭނެއެވެ. މިހާރުވެސް އެތަކެއް ދުވަހެއް ބޭކާރުވެ، އެކުދިން އެތިބީ ވާނުވާ ނޭގިފައެވެ. މިފަދަ ކަމެއް މިހެން ހިނގާއިރު އެކަމުގައި އިހުމާލުވާނެ ބަޔެއްވެސް ނެތެވެ. އެއީ ހަމަ އެކަން އޮންނަން ޖެހޭ ގޮތްތޯއެވެ؟

އެކުދިންގެ ކޯސް ވީހާވެސް އަވަހަށް ފުރިހަމަ ވުމަކީ މިހާރަށް އެންމެ އިސްކަމެއް ދީގެން ސަރުކާރުން ކުރަންވީ މަސައްކަތެވެ. އައު ސްކޫލެއް ހުޅުވޭނެ އެއްވެސް އަލިމަގެއް މިހާރު މިދެކެވޭ ވާހަކަ ތަކަކުން އަދި ނުފެނެއެވެ. އެކަން ކުރުމަށް އަދި ވަގުތުވެސް ނަގާނެއެވެ. ސަރުކާރަށް ކަންކަން ވާނީ ސަރުކާރަށް ވެސް ވާވަރަކުން ތާއެވެ؟ އެހެން ކަމުން އެކުދިންގެ ކޯސް ފުރިހަމަ ކުރުމަށް ސަރުކާރުން އެކުދިން ރާއްޖެއިން ބޭރަށް ފޮނުވުން ވަރަށް މުހިއްމެވެ. ބައެއް ކުދިން ނަގާފައިވާ ލޯނު ދެއްކުން ސަރުކާރުން ފަސްކޮށްދިން ނަމަވެސް ކިޔެވުން މެދު ކެނޑުމަކީ އެކުދިންގެ ކިޔެވުމަށް ނިހާޔަތަށް އަސަރު ކުރާނެ ކަމަކެވެ. މިކަމާއި ކަންބޮޑުވާނެ ބަޔަކު ނެތީތޯއެވެ؟ ދިވެހި ފަސްގަނޑުގައި ދިވެހި ކިޔަވާ ކުދިންގެ ޙައްގު ތަކެއް ގެއްލިގެން މިދަނީއެވެ. ބެލެނިވެރިން ހާސްވެ ކަންބޮޑުވެފައި ތިބުންނޫން ކަމެއް ނެތެވެ. ހުސްވާހަކަ ނުދައްކައި ސަރުކާރުގެ ސްޕީޑް އެބަ ބާރުކުރަން ޖެހެއެވެ. ބަސް މަދުކޮށް އަމަލު ގިނަ ކުރަން އެބަޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު