ތިއީ މަކުނެކޭ ބުނެ ފިރިމީހާ ކުރި ސަމާސާއެއްގެ ސަބަބުން ހިތްދަތިވެ، އުމުރުން 20 އަހަރުގެ އަނބިމީހާ އަމިއްލައަށް މަރުވެއްޖެއެވެ.

އިންޑިއާގެ ނޫސްތަކުގެ ބޮޑު ސަމާލުކަމެއް ހުއްޓިފައިވާ މިހާދިސާ ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ އަންހެންމީހާ ސޯޝަލް މީޑިއާ އަށް "ރީލްސް" އެއް ކުޅެން އުޅުމުގެ ތެރޭގައި ފިރިމީހާ އޭނާއާ ދިމާލަށް "މަކުނެކޭ" އޭ ކިޔައި މަލާމާތް ކުރުމުންނެވެ.

ފިރިމީހާ ބުނި ގޮތުގައި އޭނާ އެ ލަފުޒު ބޭނުންކުރީ ހަމައެކަނި ސަމާސާއަކަށެވެ. ނަމަވެސް، މި ކަމާ ގުޅިގެން ދެމަފިރިންގެ ދެމެދުގައި ބޮޑު ދެބަސްވުމެއް ހިނގައިފައެވެ. އަދި އޭގެފަހުންވެސް އަންހެންމީހާ ހުރީ ވަރަށް ބޮޑަށް ދެރަވެފައި ކަމަށްވެސް ފިރިހެން މީހާ ބުނެފައިވެއެވެ. އެ ދުވަހު ފިރިމީހާ ވަޒީފާގައި އުޅުމަށްފަހު ގެއަށް އައިއިރު، އަންހެންމީހާ އިނީ ކޮޓަރީގައި ދޮރު ތަޅުލައިގެންނެވެ.

އެތައް ފަހަރަކު ގޮވުމުންވެސް ޖަވާބެއް ނުދިނުމުން، ދޮރު ހަލާކުކޮށްލައިގެން އެތެރެއަށް ވަންއިރު އަންހެންމީހާ އޮތީ ދަންޖެހިފައެވެ. ވަގުތުން ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް، ޑޮކްޓަރުން ވަނީ އޭނާ މަރުވެފައިވާ ކަމަށް ކަނޑައަޅާފައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން މިހާރު ދަނީ ތަހުގީގު ހިންގަމުންނެވެ. އަންހެންމީހާގެ އާއިލާއިން ތުހުމަތުކުރާ ގޮތުގައި، މިއީ ހަމައެކަނި ސަމާސާއަކުން ދިމާވި ކަމެއް ނޫނެވެ.

އެމީހުން ބުނާ ގޮތުގައި އަންހެންމީހާއަށް ފިރިމީހާގެ ފަރާތުން އަބަދުވެސް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އަނިޔާ ދަނީ ލިބެމުންނެވެ. މި ދެމަފިރިން ކައިވެނިކުރިތާ އަދި ވީ އެންމެ ދެ އަހަރެވެ. ފުލުހުން މިހާރު ދަނީ މި ހާދިސާ ހިނގަން މެދުވެރިވި އަސްލު ސަބަބު ދެނެގަތުމަށް އިތުރު ތަހުގީގުތައް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު