ބަރުދަން ބަލަނީ-
ބަރުދަން ބަލަނީ-
ބަރުދަން ލުއިކުރުމަކީ މިއަދުގެ މުޖުތަމައުގައި ގިނަ ބަޔަކު ވަރަށް ބޮޑު އިސްކަމެއްދީގެން ކުރަމުން އަންނަ ކަމެކެވެ. ނަމަވެސް، އެއްވެސް މަސައްކަތެއް ނުކޮށް، ކަސްރަތު ނުކޮށް ނުވަތަ ކެއުމަށް ބަދަލެއް ނުގެނެސް ކުއްލިއަކަށް ބަރުދަން ލުއިވާން ފެށުމަކީ ސިއްހީ ގޮތުން ބޮޑު ނުރައްކަލެއްގެ ނިޝާނަކަށް ވެދާނެއެވެ. "ނިއުސް 18" ގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ބަޔާންކޮށްފައިވާ ގޮތުން، މިގޮތަށް ސަބަބެއް ނޭނގި ބަރުދަން ލުއިވުމަކީ ކެންސަރު ބަލީގެ ކުރީކޮޅުގެ އަލާމާތަކަށް ވުމުގެ ފުރުސަތު ބޮޑެވެ.

ސަބަބެއް ނޭނގި ބަރުދަން ލުއިވުން ކަމަށް ބެލެވެނީ، ހަ މަސް ދުވަހާއި އަހަރެއްހާ ދުވަހުގެ ތެރޭގައި ހަށިގަނޑުގެ ބަރުދަނުގެ ފަހެއް އިންސައްތައަށްވުރެ ގިނައިން ލުއިވުމުންނެވެ. މިސާލަކަށް 70 ކިލޯގެ މީހެއްގެ ބަރުދަނުން 3.5 ކިލޯ ނުވަތަ އެއަށްވުރެ ގިނައިން، އެއްވެސް މަސައްކަތަކާ ނުލައި ލުއިވެއްޖެނަމަ އެއީ ސަމާލުކަން ދޭންޖެހޭނެ ކަމެކެވެ.

ކެންސަރު ބަލީގައި ބަރުދަން ލުއިވާން ދިމާވާ މައިގަނޑު ސަބަބަކީ، ކެންސަރު ސެލްތައް ހަށިގަނޑުގައި އުފެދި ބޮޑުވަމުންދާއިރު، އެ ސެލްތަކަށް ބޭނުންވާ ހަކަތަ

ހޯދުމަށްޓަކައި ހަށިގަނޑުގެ ގުނަވަންތަކުގައި ހުންނަ ހަކަތަ ބޭނުންކުރަން ފެށުމެވެ. މީގެ އިތުރުން، ކެންސަރުގެ ސަބަބުން ހަށިގަނޑުގެ މެޓަބޮލިޒަމް ނުވަތަ ކާތަކެތި ހަކަތައަށް ބަދަލުކޮށްދޭ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. މީގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ ޕްރޮޓީންއާއި ކޮލެސްޓްރޯލް ފަދަ މުހިންމު މާއްދާތައް ދަށްވެ، މަސްތައް ދިއުމަށް މެދުވެރިވެއެވެ.

ނިއުސް 18 ގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، ބަރުދަން ލުއިވުމަކީ ހުރިހާ ބާވަތެއްގެ ކެންސަރެއްގައިވެސް ފެނިދާނެ އަލާމާތެކެވެ. ނަމަވެސް ބައެއް ބާވަތްތަކުގެ ކެންސަރުގައި މި އަލާމާތް މާ ބޮޑަށް ފާހަގަކުރެވެއެވެ. އޭގެ ތެރޭގައި ޕެންކްރިއެޓިކް ކެންސަރު، ބަނޑުގެ ކެންސަރު، ކާތަކެތި ހިނގާ ހޮޅީގެ ކެންސަރު އަދި ފުއްޕާމޭގެ ކެންސަރު ހިމެނެއެވެ.

ކެންސަރުގެ ސަބަބުން ބަރުދަން ލުއިވުމުގެ އިތުރުން، ދެން އެންމެ އާންމުކޮށް ފެންނަ އަލާމާތްތަކުގެ ތެރޭގައި އަބަދު ވަރުބަލިވެފައި ހުރުމާއި، ކެއުމަށް އޮންނަ ޝައުގުވެރިކަން ކުޑަވުން ހިމެނެއެވެ. އަދި ހަށިގަނޑުގައި އާދަޔާ ހިލާފު ތަދެއް ހުރުމަކީވެސް މިފަދަ ހާލަތްތަކުގައި ފެނިދާނެ ކަމެކެވެ.

ބަރުދަން ލުއިވުމަކީ ހަމައެކަނި ކެންސަރުގެ އަލާމާތެއް ނޫނެވެ. ތައިރޮއިޑް މައްސަލަތަކާއި، ހަކުރު ބައްޔާއި، ބައެއް ކަހަލަ އިންފެކްޝަންތަކުގެ ސަބަބުންވެސް ބަރުދަން ލުއިވެދާނެއެވެ. އެހެންކަމުން، އެއްވެސް ސަބަބަކާ ނުލައި ބަރުދަން ލުއިވާން ފަށައިފިނަމަ، ލަސްނުކޮށް ޑޮކްޓަރަކަށް ދައްކައި ބަލި ދެނެގަތުމަކީ މުހިންމު ކަމެކެވެ.

ސިއްހަތަށް އަންނަ ކޮންމެ ބަދަލަކީވެސް އޭގެ ފަހަތުގައި ސަބަބެއް އޮންނާނެ ކަމެކެވެ. ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކަކީ ކުރީކޮޅު ދެނެގަނެވިއްޖެނަމަ ފަރުވާކުރުމަށް ފަސޭހަ ބަލިތަކަކަށް ވާތީ، ބަރުދަން ލުއިވުން ފަދަ "ކުދި" އަލާމާތްތަކަށް ފަރުވާކުޑަނުކޮށް، ސިއްހީ މާހިރުންގެ އިރުޝާދު ހޯދުމަކީ ދިގު ދެމިގެންވާ ދުޅަހެޔޮ ސިއްހަތަކަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅެވެ.



ކިޔުންތެރިންގެ ހިޔާލު