މުޅި ރާއްޖެއަށް ބޭންކިންގ ޚިދުމަތް ފުޅާކުރުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް އިން ކުރަމުންދާ މަސައްކަތުގެ ދަށުން މިއަހަރުގެ ތެރޭގައި 100 ކޭޝް އޭޖެންޓުން މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި ފައިސާދެއްކުމުގެ ހިދުމަތް ފުޅާކުރުމަށް ނިންމައި އެކަން އެބޭންކުން މިއަދު އާންމުކޮށްފިއެވެ. 

ކޭޝް އޭޖެންޓުން މެދުވެރިކޮށް ކަސްޓަމަރުންނަށް އެކައުންޓުން ފައިސާ ނެގުމުގެ އިތުރުން އެކައުންޓަށް ފައިސާ ޖަމާކުރުމާއި، ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ހިދުމަތް ލިބިދެއެވެ. އަދި މި ޚިދުމަތަކީ އެއްވެސް ފީ އަކާ ނުލާ ބޭންކުން ފޯރުކޮށްދެމުން އަންނަ ޚިދުމަތެކެވެ. 


ބީއެމްއެލުން ތަޢާރަފު ކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި ފައިސާ ދެއްކުމުގެ ޚިދުމަތަކީ ބޭންކުގެ ކަސްޓަމަރުންގެ މެދުގައި ވަރަށް މަގްބޫލް ޚިދުމަތެއް ކަމަށް އެބޭންކުން ފާހަގަ ކުރެއެވެ. މި ގޮތުން ފާއިތުވި އަހަރުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކުރެވިފައިވާ 41 ޑިޕޮސިޓް ކޭޝް އޭޖެންޓުން މެދުވެރިކޮށް ކަސްޓަމަރުން 180 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ވެސް ބޭންކުން މައުލޫމާތު ދީފައި ވެއެވެ. 

ކޭޝް އެޖެންޓްގެ ޚިދުމަތަކީ ކަސްޓަމަރުން ބޭންކްގެ ބްރާންޗް ނުވަތަ އޭޓީއެމް ސެންޓަރެއް ގާއިމްކޮށްފައިވާ ރަށަކަށް ދަރުތު ކުރުމުގެ ބަދަލުގައި އަމިއްލަ ރަށުގައި ތިބެގެން އަސާސީ ބޭންކިންގ ހިދުމަތް ހޯދޭނެ ނިޒާމެކެވެ. މި ހިދުމަތަކީ އެބޭންކުން 2014 ވަނަ އަހަރު ތައާރަފް ކުރި ހިދުމަތެކެވެ. މިހާރުވެސް 200 އަށް ވުރެ ގިނަ ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ނެގުމުގެ ހިދުމަތް ބޭންކުން އަންނަނީ ފޯރޮކޮށްދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު