އެމްޓީސީގެ މުވައްޒަފުންތަކެއް
އެމްޓީސީގެ މުވައްޒަފުންތަކެއް
މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީ އަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ މައި އިންޖީނު ކަމުގައި ދެންނެވުމުން އެއީ ކުށަކަށް ނުވާނެކަން ކަށަވަރެވެ. އަދި އެއީ އެފަދަ އެހެން މުއައްސަސާ ތަކަށް ކުރެވޭ ބޭއިންސާފެއް ކަމަކަށް ވެސް ނުވާނެއެވެ. އެމްޓީސީސީއަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ އިންތިޚާބުގެ ވަޢުދުފުޅުތަކާއި އެޖެންޑާ 19ގެ ވަޢުދުތައް ފުއްދުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ މެޝިނެވެ. އިންޖީނެވެ. ކޯވިޑްގެ މި ބަލިމަޑުކަމުގައި ވެސް ސަރުކާރުގެ ކާމިޔާބަކަށްވީ އަދި ރައީސް ޞާލިޙުގެ ވަޢުދުފުޅުތަކުގެ ކާމިޔާބުގެ ސިއްރަކީ އެމްޓީސީސީގެ މައި އިންޖީނު ނުހުއްޓި ހިނގަމުން ދިއުމެވެ.

މީގެ 40 އަހަރު ކުރިން، 1980 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު އުފެދުނު އެމްޓީސީސީ އަކީ ޚާއްޞަކޮށް ރާއްޖޭގެ ރަށްތަކުގެ މުހިންމު ތަރައްގީގެ ބިޔަ މަޝްރޫޢުތައް ހިންގަމުންދާ ސަރުކާރުގެ ކުންފުންޏެވެ. މީގެ އިތުރުން މުޅި ރާއްޖެ ގުޅުވާލަދޭ ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ނިޒާމުގެ ވެސް މުހިންމު ބައިވެރިއަކީ އެމްޓީސީސީއެވެ. ރައްޔިތުންނާއި ސަރުކާރު ހިއްސާވާ ގޮތަށް ވިޔަފާރި ހިންގަން ފެށި ފުރަތަމަ ކުންފުންޏަކީވެސް އެމްޓީސީސީއެވެ. އެހެންކަމުން ބައެއް ފަހަރު ގައުމުގެ ތަރައްގީގެ މަސައްކަތްތައް އެކުންފުނިން ކުރަމުން ގެންދަނީ މާ ބޮޑު ފައިދާއެއް ލިބޭތީއަކީ ވެސް ނޫނެވެ.

މިސަރުކާރުގެ ތަރައްގީގެ ދުވެލި ދައްކައިދޭ އަދި އެދުވެލީގެ ސްޕީޑް އަންގައިދޭ އެންމެ ކަށަވަރު މީޓަރަކީ އެމްޓީސީސީއެވެ. އެކުންފުނީގެ މައި އިންޖީނު ނުހުއްޓި ބާރު ސްޕީޑްގައި ހިނގަމުން ދިއުމުގައި އެކުންފުނީގެ އެންމެ އިސް މޭސްތިރި އެމްޑީ އާދަމް އާޒިމްގެ ދައުރު ވަރަށް ވެސް ބޮޑެވެ. ހަމަ އެފަދައިން އޭނާގެ ތަޖުރިބާގެ އިރުޝާދުގެ ދަށުން މަސައްކަތް ކުރަމުން ގެންދާ މުވައްޒަފުންގެ ހިތްވަރު ގަދަކަމާއި މަސައްކަތަށް ފަރުވާތެރިވުން ވެސް މިކާމިޔާބީގައި އަދާކުރާ ރޯލް ވަކިން ކުޑައެއް ނޫނެވެ.
އެމްޓީސީސީ މިއަދު ވެފައިވަނީ މަސައްކަތްތައް ހަވާލުކޮށް ނިންމަންދޭ ތާރީޚުތަކަށް މަސައްކަތްތައް ނިންމުމުގެ ގާބިލުކަން އިތުރު ކުރެވިފައިވާ ހަލުއި ކުންފުންޏަކަށެވެ. އެކުންފުނި ވަނީ މި ކަމުގައި ސަރުކާރުގެ އިތުބާރު ކަށަވަރުކޮށްފައެވެ. އެކަމުގެ ހެއްކަކީ މިއަހަރު އެކުންފުނިން ހޯދި ބޮޑު ކާމިޔާބީއެވެ. އެއް އަހަރު ދުވަހުގެ ތެރޭގައި 34 ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް ނިންމާ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން އެ ވަނީ ރެކޯޑެއް ހަދާފައެވެ. މިއީ ފާއިތުވި 40 އަހަރުގެ ތެރޭގައި އެ ކުންފުންޏަށް މިހާ ގިނަ ޕްރޮޖެކްޓް ނިންމުނު ފުރަތަމަ ފަހަރެވެ. 2020 ވަނަ އަހަރުގެ ތެރޭގައި އެ ކުންފުނިން ވަނީ 34 މަޝްރޫއެއްގެ ސައްތަ އިންސައްތަ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލާފައެވެ.


ކޯވިޑް-19އާ ގުޅިގެން ދަތިތަކެއް ދިމާވި ނަމަވެސް، މިހާ ކާމިޔާބު ކަމާއެކު އަހަރެއް ނިންމާލެވުމުން، އެމްޓީސީސީގެ އެމްޑީ އާދަމް އާޒިމް ވަނީ މިކަން ފާހަގަކުރަށްވައިފައެވެ. މިކަން ފާހަގަ ކުރަށްވައި އާޒިމް ކުރެއްވި ޓްވީޓްގައި 2020 ވަނަ އަހަރު ނިންމުނު ޕްރޮޖެކްޓްތަކުގެ ތަފްސީލް ވަނީ ހިއްސާކުރަށްވާފައެވެ. ރާއްޖޭގެ އެކި ރަށްރަށުގައި ބަނދަރު ހެދުމާއި ބިންހިއްކުމުގެ މަޝްރޫޢުތަކުގެ އިތުރުން، ގޮނޑުދޮށް ހިމާޔަތް ކުރުމާއި، ޝީޓް ޕައިލިންގ، ނަރުދަމާއާއި ފެނާއި މަގުހެދުމާއި ބޮޑެތި އިމާރަތްތައް ކުރުންފަދަ، އެންމެ ކުދި މަޝްރޫޢުތަކުން ފެށިގެން ތަރައްގީގެ ބިޔަ ބޮޑެތި މަޝްރޫޢުތައް އެމްޓީސީސީން ދަނީ ހިންގަމުންނެވެ. މި މަސައްކަތްތައް ކާމިޔާބު ކަމާއެކު ނިންމާލެވުމުން އާޒިމް ވަނީ އެމްޓީސީސީގެ ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާކުރަށްވާފައެވެ.
މިދިޔަ އަހަރު އެމްޓީސީސީގެ އުސްއަލިތަކަށް ބަލާލާއިރު ކޯވިޑް-19އާ ގުޅިގެން ގައުމަށް ދިމާވެފައިވާ އިގްތިސޯދީ ދަތިތަކާ އެކު ވެސް އެމްޓީސީސީން މި އަހަރު ނިންމާލާނީ ކުންފުނީގެ ހަޔާތުގައި ވެސް އެންމެ މަތިން ސާފު ފައިދާ ލިބުނު އަހަރުގެ ގޮތުގައެވެ. މިދިޔަ އަހަރުގެ ފުރަތަމަ ނުވަ މަހުގެ ނިޔަލަށް ޓެކުހަށް ކެނޑުމުގެ ކުރިން ކުންފުންޏަށް ލިބުނު ފައިދާ 140 މިލިއަން ރުފިޔާއަށް ވުރެ އިތުރުވެފައި ވުމަކީ ކުންފުނީގެ ހިންގުންތެރިކަމާއި މާލީ ރޭވުންތެރިކަން ހަރުދަނާކުރެވިފައިވާ ކަމުގެ ހެއްކެކެވެ. މިދިޔަ އަހަރު އެ ކުންފުނިން ކުރިއަށް ގެންދިޔަ އެންމެ ފާހަގަކޮށްލެވޭ މަޝްރޫއުއަކީ ހޯރަފުށި އެއާޕޯޓުގެ މަސައްކަތެވެ. އެ މަސައްކަތް ކާމިޔާބު ކަމާއެކީ ނިމި، މިހާރު އެބަ ޚިދުމަތް ދެއެވެ. މިި އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 ސްކޮއާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީވޭއެއް ތަރައްގީ ކުރިއެވެ. އެއާޕޯޓު ތަރައްގީ ކުރުމަށް 842،200 ކިއުބިކް މީޓަރުގެ ބިން ވަނީ ހިއްކައިފަ އެވެ. މީގެ އިތުރުން ޓެކްސީވޭއަކާއި ޓާމިނަލް ކުރިމަތީގެ މަގުތައް ތަރައްގީ ކުރުމާއި 9473 އަކަމީޓަރުގެ ޕާކިން އޭރިއާއަކާއި 1718 އަކަމީޓަރުގެ ފަޔާ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސެއް ވެސް މި މަޝްރޫއުގެ ދަށުން ހަދައި ނިންމިއެވެ.

މިދިޔަ އަހަރު އެމްޓީސީސީން ކުރިއަށް ގެންދިޔަ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުތަކުގެ ތެރޭގައި ވ. ކެޔޮދޫ، ގއ. ވިލިނގިލި، އއ. ހިމަންދޫ. ހއ ކެލާ، ގދ. މާވަރުލު، ވ. ފެލިދޫ. ރ. ވަންދޫ، ނ. ހެނބަދޫ، ށ. ކޮމަންޑޫ އަދި ލ. މާވަށު ބަނދަރުގެ މަސައްކަތް ފާހަގަކޮށްލެވެއެވެ. މަގު ހެދުމުގެ މަޝްރޫއުތަކުގެ ތެރޭގައި، ފުވައްމުލަކު ރިންގުރޯޑްގެ މަސައްކަތް ފާހަގަކޮށްލެވެއެވެ. އަދި މި ނޫނަސް އެ ކުންފުނިން ވަނީ އުމްރާނީ ތަރައްގީގެ ބިޔަ ބޮޑު އެތައް މަސައްކަތެއް ވަގުތަށް ނިންމައި އަހަރުގެ އެއް ވަނަ ކުންފުނީގެ ޝަރަފު ހޯދާފައެވެ. މިއީ މި ފަހުގެ ތާރީޚެއްގައި އެ ކުންފުނި މިހާ ކާމިޔާބު ކަމާއެކު ނިންމާލި ފުރަތަމަ އަހަރެވެ.
މީގެއިތުރުން 2020 ވަނަ އަހަރު ސަރުކާރަށް ހާސިލުވި ބޮޑެތި ކާމިޔާބީ ތަކުގެ އެންމެ ބޮޑު ހިއްސާއެއް ވާނެ އެއް ކުންފުންޏަކީ އެމްޓީސީސީކަމާއިމެދަކު އެއްވެސް ޝައްކެއް ނެތެވެ. ސަރުކާރުގެ ތަރައްގީގެ މަޝްރޫޢުތަކުގެ މައި އިންޖީނަކީ ހަގީގަތުގައި ވެސް އެމްޓީސީސީއެވެ. މިއަހަރުވެސް އެމްޓީސީސީ ވެގެންދާނީ ރައީސް ޞާލިޙުގެ ވަޢުދުފުޅުތަކާއި ސަރުކާރުގެ ތަރައްގީގެ މަޝްރޫޢުތަކުގެ މައި އިންޖީނު ކަމުގައެވެ. އެއީ މިހާރު ހަކަތަ ހުރި މަސައްކަތް ހަލުއި އުއްމީދީ ކުންފުންޏެކެވެ. ދިވެހީންގެ އުއްމީދުތައް ފުރިހަމަކޮށްދިނުމުގެ ގާބިލުކަން ލިބިފައިވާ ކުންފުންޏެކެވެ.

ކިޔުންތެރިންގެ ހިޔާލު