ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ހައްގުގައި މަސައްކަތްކުރާ ޖަމްއިއްޔާއެއް
ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ހައްގުގައި މަސައްކަތްކުރާ ޖަމްއިއްޔާއެއް
އަތްފައި ހަރަކާތް ނުކުރެވޭ ނަމަ ބޭނުންވަނީ އެހީތެރިކަމެވެ. ލޮލަށް ނުފެންނަ ނަމަ ހާއްސަ އެހީއަށް ބޭނުންވެއެވެ. އަޑު އެހުމުން މަހުރޫމުވެފައިވާ މީހުންނަށް ހާއްސަ އެހީ ބޭނުންވެއެވެ. އަތް ފައި ނެތް މީހުންނަށް ހާއްސަ އެހީ ބޭނުންވެއެވެ. ވާހަކަ ނުދެއްކޭ ނަމަ ހާއްސަ އެހީ ބޭނުންވެއެވެ. ހަށިގަނޑުގެ ގުނަވަނެއް މަދު ނުވަތަ ގުނަވަންތަކުން ރަނގަޅަށް ހަރަކާތް ނުކުރެވޭ ނުވަތަ ހިއްސަކުން މަހުރޫމުވެފައިވާ ކޮންމެ މީހަކަށް ވެސް އެހެން މީހުންނާއި އެއްޗެހީގެ އެހީ ބޭނުންވެއެވެ. ލޯތްބާއި އަޅާލުން ބޭނުންވެއެވެ. މި އެންމެންނީ ވެސް ހާއްސަ އެހީއަށް ބޭނުންވާ މީހުންނެވެ. ނުކުޅެދޭ މީހުންނޭ ނުބުނާށެވެ. އެއީ އެމީހުންނަށް ލިބޭ އިތުރު ހިތްދަތި ކަމެކެވެ. އެމީހުންނަށް ބުނެވޭ ދެރަ ބަހެކެވެ. އެމީހުން ދަށް ކޮށްލުމެވެ.

ނުކުޅެދޭ މީހުންނަކީ ގުނަވަންތައް ސަލާމަތުން ހުރެމެ، ދިރިއުޅުމަށްޓަކައި މަސައްކަތް ނުކުރާ މީހުންނެވެ. ނުކުޅެދޭ މީހުންނަކީ ގުނަވަންތައް ސަލާމަތުން ހުރެމެ، ވަޒީފާ އަދާކުރުމެއް ނެތި ފައިސާއަށް އެދި ސަލާންޖަހަމުން ދާ ކޮންމެ މީހެކެވެ. ނުކުޅޭ މީހުންނަކީ ތަޢުލީމު ހާސިލުކުރުމުގެ ފުރުސަތު ލިބި، އެ ފުރުސަތުގައި ކޮޅުފައިން ޖަހާ މީހުންނެވެ. ލާޗާރު ބިޗާރުވެ، އަތުން ފައިން ކަމެއް ނުކުރާ މީހުންނަކީ ހަގީގީ ނުކުޅެދޭ މީހުންނެވެ. ނުކުޅެދޭ މީހުންނަކީ މިފަދަ މީހުންނެވެ.

ގުނަވަންތައް ސަލާމަތުން ހުރުމާއެކު ހަށިހެޔޮކަމާއި ސަލާމަތްބުއްދީގެ ނަސީބު ލިބިގެންވާ މީހެއްގެ ގޮތުގައި ދުނިޔެއަށް ފޮނުވުމަކީ އަރަހުށި މާތް اللّه އިންސާނަކަށް ދެއްވާ އަގުނުކުރެވޭ ފަދަ ބޮޑު ނިޢުމަތެކެވެ. އެކަލާނގެ އިޙްސާންވަންތަކަމުގެ ލާމަސީލު ހެތްކެކެވެ. މިދުނިޔޭގައި ލައްވައިފައިވާ މީހުންކުރެ އެތައް ބަޔަކީ ލޮލާއި ކަންފަތާއި ސިކުނޑިޔާއި އަތްފަޔާއި މިނޫންވެސް ގުނަވަންތަކުގެ ތެރެއިން ކޮންމެވެސް ގުނަވަނެއް ސަލާމަތުން ލިބިހުރުމުގެ ނިޢުމަތުން މަޙްރޫމްކުރައްވައިފައިވާ މީހުންނެވެ. އެހެންކަމުން އިސްލާމްދީން ވަނީ މާތް اللّه ގެ ނިޢުމަތްތަކަށް ޝުކުރުވެރިވުމަށް އިންސާނިއްޔަތަށް ދަޢުވަތު ދީފައެވެ. އިމްތިޙާނުތަކުގެ މި ދުނިޔޭގައި، ނިޢުމަތްތަކުން މަޙްރޫމުކުރައްވައިފައިވާ ކޮންމެމީހަކު ކެތްތެރިވުމަށާއި ޝުކުރުވެރިވުމަށް ނަސޭހަތްތެރިވެފައެވެ.

ހަމަ އެއާއެކު އިސްލާމީ ޝަރީޢަތުގައި ވަނީ ޖިސްމާނީ އުނިކަމެއް ހުރި މީހުންނަށް އެބައިމީހުންގެ ޙާލަތާ އެކަށީގެންވާ ރިޢާޔަތްތަކެއް ދީފައެވެ. ސަލާމަތް ޞިއްޙަތާއި ދުޅަހެޔޮކަމާއި ބުއްދީގެ ނަޞީބު ދެއްވައިފައިވާ މީހުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚިދުމަތްކުރުމަށާއި ހިތްވަރުދިނުމަށާއި ހަމްދަރުދީވުމަށް އަންގަވައިފައެވެ. އެކަންކަމަކީ އަރަހުށި މާތް اللّه ޖިސްމާނީ ފުރިހަމަކަމާއި ސަލާމަތްބުއްދީގެ ނަޞީބު ދެއްވައިފައިވާ މީހުންގެ ދީނީ އަދި އަޚްލާޤީ ވާޖިބެއް ކަމުގައި ކަނޑައަޅުއްވާފައިވާ ކަންކަމެވެ.

ޢާންމުކޮށް ހާއްސައެހީއަށް ބޭނުންވާ މީހުންނަށް އެބައިމީހުންގެ ބަލިކަށިކަން ވަރަށްވަރުގަދަޔަށް އިޙްސާސްކުރެވެއެވެ. އެކަމާ ވަރަށްއަވަހަށް މާޔޫސްވެއެވެ. އެބައިމީހުންގެ ކިބައިގައި ޙާލަތާ ކުރިމަތިލުމުގެ ހިތްވަރެއް ނުހުރެއެވެ. މިއީ އެބައިމީހުންނަށް ކެތްތެރިކަން މުހިންމުވާ ސަބަބުތަކެވެ. ކެތްތެރިވުމުން އެބައިމީހުންނަށް ހިތްހަމަޖެހުމާއި ތަސައްލީ ލިބެއެވެ. ކެތްތެރިވުމުން އެބައިމީހުންގެ އިޙްސާސަށް ވެރިވަނީ މިއަދު ތިމާ ނިޢުމަތްތަކުން މަޙްރޫމްވެފައި ވިޔަސް މާތް اللّه ގެ ޙަޟްރަތުން މާދަމާ އޭގެ ހެޔޮބަދަލު ލިބޭނެކަމެވެ. ކެތްތެރިކަން އެބައިމީހުން އިތުރަށް ބަލިކަށިވުމާއި ޝަކުވާކުރުމުން ސަލާމަތްކޮށްދެއެވެ. މުއުމިނުންގެ ކިބައިގައިވާ އެންމެ ފުރިހަމަ އެއްސިފަޔަކީ އަބަދުވެސް މިންވަރަށް އީމާންވުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން