މުހައްމަދު ނިޔާޒް ( ޓެޑްރީ )
މުހައްމަދު ނިޔާޒް ( ޓެޑްރީ )
ގިނަ ބަޔަކު ގަބޫލުކުރާގޮތުގައި އޭނާއަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ޑައިރެކްޓަރެވެ. އޭނާގެ ފިލްމުތަކަކީ މިހާތަނަށް ނެރުނު އެންމެ މޮޅު ފިލްމުތަކެވެ. އޭނާގެ ޑައިރެކްޓްކުރި ލަވަތަކަކީވެސް ގިނަބަޔަކު "ޖާދޫގައި ޖެހޭނެ" ފަދަ ލަވަތަކެކެވެ.

އާދެ! މުހައްމަދު ނިޔާޒޭ ދެންނެވުމުން އެއީ ކާކުކަން ނޭނގުނަސް، ޓެޑްރީއޭ ބުނުމުން އެއީ ކާކުކަން ނޭނގޭނެ މީހަކު ހަމަ މަދުވާނެއެވެ. 1987 ވަނަ އަހަރު މުނިފޫހިފިލުވުމުގެ ދާއިރާއާ އޭނާ ގުޅުނީ ޓީވީ މޯލްޑިވްސްގެ ވަޒީފާ އަކުންނެވެ. އޭގެފަހުން އެދާއިރާއިން ޓެޑްރީ ހޯދި ކުރިއެރުންތަކާއި ކާމިޔާބީތައް ތާރީހުން ފެންނަން އެހެރީއެވެ. އެ ހިތްގައިމު މަންޒަރު ތަކާ ކުޅަދާނަ އުފެއްދުންތަކާ ލަވަތަކާ ފިލްމު ތަކަކީ ޓެޑްރީގެ މާޒީ ކަމަށް ވެދާނެއެވެ. ނަމަވެސް އެއީ ދުވަހަކުވެސް ދިވެހީންގެ ނަޒަރުން ގެއްލޭނެ މަންޒަރު ތަކެއް ނޫނެވެ. ދިވެހީންގެ ހިތްތަކުން ފިލައިގެންދާނެ މާޒީއެއްނޫނެވެ. ދިވެހީން ކަންފަތްތަކުން ތާއަބަދަށް ފިލައިގެންދާނެ އަޑުތަކެއްވެސް ނޫނެވެ. އެއީ މިފަދަ ލިޔުމަކުން ބުނެދެވޭ ވަރަށްވުރެ، ގެނެސްދެވޭ ވަރަށްވުރެ ދިގު ވާހަކައެކެވެ.

މިފަހަރު ދައްކަން މިއުޅެނީ ޓެޑްރީ ހެދި މޮޅު ފިލްމުތަކާއި "އެމްޓީވީ ސްޓައިލަށް" ހެދި ހިތްގައިމު ލަވަތަކުގެ ވާހަކައެއް ނޫނެވެ. ނޫނީ އޭނާގެ މޮޅު "ސަޅިބައިސާގެ" ވާހަކައެއްވެސް ނޫނެވެ. އަދި ކިއެއްތަ، ޓެޑްރީގެ ފިލްމް އަމާނާތަށް 2007 މާރޗް 3ގައި ބޭއްވި 3 ވަނަ ގައުމީ ދިވެހި ފިލްމް ފެސްޓިވަލްގައި ޖުމްލަ 12 އެވޯޑް ލިބުނު ވާހަކައެއްވެސް ނޫނެވެ. .އެއަށްވުރެ "ފައްކާ" ވާހަކައެކެވެ. އާދެ ޓެޑްރީގެ "ސެކްސީ" ކުކުޅުގެ ވާހަކައެވެ.



ސޯޝަލް މީޑިއާގައި ޕޯސްޓްތައް ހާވަމުންދިޔައިރު "ކުޅު ދިޔާވާ" ކަހަލަ ފޮޓޯއެއް އަޅައިގަތެވެ. ވަރަށް މީރުކޮށް ފިހެލާފައި އޮތް ކުކުޅެކެވެ. ކުކުޅާއެކު މީރު ބަތްގަނޑަކަާއި، ސެލެޑާއި ތިން ވައްތަރެއްގެ ސޯސް އެކެވެ.

އާދެ! މިއީ 2018 ވަނަ އަހަރު "ހަންގްރީ ޓެޑްސް" ބްރޭންޑްގެ ދަށުން ތައްޔާރުކުރަން ފެށި "ޓެޑްސް ސެކްސީ ޗިކަން" އެވެ. ސޯޝަލް މީޑިއާގައި، ހާއްސަކޮށް ޓްވިޓަރގައި މިއީ ވަރަށް މަޝްހޫރު "ޑިޝް"އަކަށްވެއްޖެއެވެ.



ޓެޑްރީގެ "ސެކްސީ ޗިކަން" ރަހަ ބެލި މީހުން ބުނާގޮތުން ފެންނަފެނުމާއި، އެއްވަރަށް އޭގެ ރަހަ ވެސް އެހާމެ މީރެވެ.

ރާއްޖޭގެ މަޝްހޫރު ކުޑަކުދިންގެ ޑޮކްޓަރ، ޑރ. ފައިސަލް ވިދާޅުވާ ގޮތުން އިންޓަރނޭޝަނަލް ފްރެންޗައިޒެއްކަމަށްވާ، ބާސެލޯސްއަށް ވުރެވެސް ޓެޑްގެ "ސެކްސީ ޗިކަން" މާމީރެވެ.



"ސެކްސީ ޗިކަން" އާ ހިސާބުން "ހަންގްރީ ޓެޑްސް" ބްރޭންޑްގެ ވާހަކައެއް ނުނިމެއެވެ. "ހަންގްރީ ޓެޑްސް" ބްރޭންޑްގެ ދަށުން "ކުކުޅު ރިހަ ހަވާދު" ވެސް ހަދައިފިއެވެ. ހަވާދުގެ ރަހަ ބެލި މީހުން ބުނަނީ ހަވާދު ވަރަށް "ފައްކާ" ކަމަށެވެ.



ކުކުޅާއި ހަވާދާއި ހިސާބުންވެސް މިކަން ނިމެން އުޅޭހެނެއް ހިޔެއް ނުވެއެވެ. އެހެން ޑިޝްތަކާއި ސްނެކްތައްވެސް އެކްސްޕެެރިމަންޓް ކުރަނީއެވެ. އިއްޔެވެސް ފެނުނީ ކުޅިކާޖާއާއި ޗީޒް ބޭނުންކޮށްގެން ތަފާތު ސްނެކެއް ހެދި މަންޒަރެވެ. ހީވާ ގޮތުން އެއީ ވެސް "ހަންގްރީ ޓެޑްސް"ގެ ބްރޭންޑަށް އިތުރުވާ ބޮޅެކެވެ.



ޓެޑްރީގެ މިތަފާތު ހުނަރުންވެސް ދިވެހިންނަކީ ތަފާތު ބައެއްކަން ހާމަވެއެވެ. ދިވެހިންނަކީ ހުނަރުވެރި ބައެކެވެ. ތަފާތު ބައެކެވެ. މައްސަލައަކީ ކުޑަކޮށް ފަސްޖެހުމެވެ. ނުކެރުމެވެ. ލަދުގަތުމެވެ. ނޫނީ “ކަންނެތް” ކަމެވެ.

ޓެޑްރީ އެދައްކާ މިސާލުން ދިވެހި ޒުވާނުން ނަމޫނާ ނަގަންޖެހެއެވެ. މިފަދަ ތަދު ދުވަސްވަރެއްގައި އާމްދަނީ ހޯދޭނެ ގޮތްތައް ބައިވަރު އެބަހުއްޓެވެ. "މައިން މަގަށް ލައްގަޅޭ، ރަންފޮއްޓެއްް ލައްގަޅޭ" ކިޔަސް އާމްދަނީއެއް ނުލިބޭނެއެވެ. ކަންނެތްކަން ދޫކޮށްލާފައި، މުރާލިކަމާއެކު މަސައްކަތެއް ކުރަން އުޅެފިނަމަ "ރަންފޮށި" އޮންނާނީ ދުރަކު ނޫނެވެ. ނަސީބަކީ ކަތީބު ދޭ އެއްޗެއް ނޫނެވެ. އެއީ އަމިއްލައަށް ނިންމާ ނިންމުންތަކެއްގެ މައްޗަށް ބިނާވާ އެއްޗެކެވެ.


ކިޔުންތެރިންގެ ހިޔާލު


11

ޖައުފަރު

29-Nov-2020

ހަވާދު ތަންކޮޅެއް އަގުފަލަ



ޓްރެންޑިން