އިޒްރޭލުގެ އަސްކަރިއްޔާ
އިޒްރޭލުގެ އަސްކަރިއްޔާ
މިއަހަރު މިހާތަނަށް އިޒްރޭލު އަސްކަރިއްޔާގައި އަމަލީ ގޮތުން ހިދުމަތްކުރަމުންދިޔަ 23 ސިފައިން އަމިއްލައަށް މަރުވެފައިވާ ކަމަށާއި، މިއީ 2010 ވަނަ އަހަރަށްފަހު އެއް އަހަރެއްގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް އިޒްރޭލު ސިފައިން އަމިއްލައަށް މަރުވި އަހަރު ކަމަށް އިޒްރޭލުގެ 'ހާރެޓްޒް' ނޫހުން ހޯމަ ދުވަހު ރިޕޯޓްކޮށްފިއެވެ.

އަސްކަރީ ހިދުމަތުން ވަކިވިތާ މާގިނަ ދުވަހެއް ނުވަނީސް ފާއިތުވި އަހަރުގެ ތެރޭގައި ކުރީގެ 17 ސިފައިން އަމިއްލައަށް މަރުވެފައިވާއިރު، މި އަދަދާއެކު އަމިއްލައަށް މަރުވި އިޒްރޭލުގެ މިހާރުގެ އަދި ކުރީގެ ސިފައިންގެ ޖުމްލަ އަދަދު ވަނީ 40 އަށް އަރާފައެވެ. މީގެ އިތުރުން 2026 ވަނަ އަހަރު އިޒްރޭލުގެ ފަސް ފުލުހުން ވެސް އަމިއްލައަށް މަރުވެފައިވާ ކަމަށް އެ ނޫހުގައި ފާހަގަކޮށްފައިވެއެވެ.

އިޒްރޭލު އަސްކަރިއްޔާގެ ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 އަށްފަހު މިހާތަނަށް 73 އޮފިސަރުންނާއި ސިފައިން އަމިއްލައަށް މަރުވެފައިވާއިރު، ޔުނިވާސިޓީ އޮފް ހައިފާގެ ނަފްސާނީ އިލްމުވެރިއަކު ވިދާޅުވި ގޮތުގައި މި ހަނގުރާމައިގެ ސަބަބުން ސިފައިންނަށް ކުރިމަތިވެފައިވާ ނަފްސާނީ ފިއްތުންތަކާއި ވަރުބަލިކަމުގެ ސަބަބުން ކުރިއަށް އޮތް އަހަރުތަކުގައި އަމިއްލައަށް މަރުވާ ނިސްބަތް އިންތިހާއަށް އިތުރުވެގެންދާނެއެވެ.

ހަމައެއާއެކު، ހިފާފައިވާ ހުޅަނގު އައްސޭރީގައި ފަލަސްތީނު ރައްޔިތުންނަށް އަމާޒުކޮށް ޔަހޫދީ ވަޒަންވެރިން ދެމުންދާ ހަމަލާތަކަކީ ރޭވިގެން ހިންގާ "ޔަހޫދީ ޓެރަރިޒަމް" ގެ އަމަލުތަކެއް ކަމަށާއި، އެކަމުގައި އެތައް ހާސް ބަޔަކު ބައިވެރިވާ ކަމަށް އިޒްރޭލު އަސްކަރިއްޔާގެ އިސް އޮފިސަރަކު އިންޒާރު ދެއްވާފައިވާ ކަމަށް އިޒްރޭލުގެ ޗެނަލް 12 އިން ވަނީ ރިޕޯޓްކޮށްފައެވެ.

'ހިލްޓޮޕް ޔޫތު' ގެ ނަމުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޔަހޫދީ ޖަމާއަތްތަކަށް އިޝާރާތްކުރައްވައި އެ އޮފިސަރު ވިދާޅުވީ، އެއީ އަރަބިން ބޭރުކުރުމުގެ އެޖެންޑާއެއްގައި މަސައްކަތްކުރާ ޓެރަރިސްޓް ޖަމާއަތްތަކެއް ކަމަށާއި، ދައުލަތުން އެ ޖަމާއަތްތަކާ މެދު އަމަލުކުރާ ގޮތް ބަދަލު ނުކޮށްފި ނަމަ އެ ހަމަނުޖެހުންތައް އިޒްރޭލުގެ މެދުތެރެއަށް ފެތުރިގެންދާނެ ކަމަށެވެ.

ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މި ހަމަލާތަކަކީ މަދު ކުދިންކޮޅެއް ކުރާ ކަމެއްގެ ގޮތުގައި ސިފަކުރެއްވި ނަމަވެސް، ހޮނިހިރު ދުވަހު ވެސް ހަތިޔާރުއެޅި ވަޒަންވެރިން ވަނީ ރާމަﷲ ކައިރީގައި ހުރި ފަލަސްތީނުގެ އަވަށްތަކަކަށް އަރައިގަނެ، އުޅަނދުތަކުގައި ހުޅުޖަހައި ގެތަކުގައި ނަސްލީ ތަފާތުކުރުމުގެ ޝިއާރުތައް ލިޔެފައެވެ.

މީގެ އިތުރުން، ޣައްޒާގައި އިޒްރޭލު ސިފައިން ފަލަސްތީނު ރައްޔިތުން "އިންސާނީ އައްޑަނަތަކެއްގެ" ގޮތުގައި ބޭނުންކުރާ މައްސަލައާ ގުޅޭގޮތުން އިޒްރޭލުގެ ދައުލަތުގެ ޓީވީ 'ކާން 11' އިން ގެނެސްދޭން ހަމަޖެހިފައިވާ ތަހުގީގީ ރިޕޯޓް ސެންސަރުކޮށް، އެ ރިޕޯޓް ނުދެއްކުމަށް ކަނާތުފިޔައިގެ ޖަމިއްޔާއެއް ކަމަށްވާ 'ބެޓްސަލްމޯ' އިން ގޮވާލާފައިވާ ކަމަށް ޗެނަލް 14 އިން ރިޕޯޓްކޮށްފައިވެއެވެ.

ބުދަ ދުވަހު ދެއްކުމަށް ހަމަޖެހިފައިވާ މި ރިޕޯޓުގައި، "މޮސްކިޓޯ ޕްރޮޓޮކޯލް" ގެ ނަމުގައި އިޒްރޭލު ސިފައިން ފަލަސްތީނު ރައްޔިތުން އަސްކަރީ ފައުޖުތަކުގެ ކުރިއަށް ނެރެގެން ހަމާސްގެ ހަމަލާތަކަށް ހުށަހަޅާ ގޮތް ދައްކުވައިދޭއިރު، އެ ޖަމިއްޔާއިން ބުނެފައިވަނީ އެ ރިޕޯޓް ދައްކައިފި ނަމަ ބޭރުގެ ފަރާތްތަކުން އެ މައުލޫމާތު ބޭނުންކޮށްގެން އިޒްރޭލު ސިފައިންނާއި ކޮމާންޑަރުން ހައްޔަރުކުރުމުގެ އަމުރު ހޯދުމަށް މަސައްކަތް ކޮށްފާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް