މުޞްޠަފާ އަލް-ކަފަރްނާ
މުޞްޠަފާ އަލް-ކަފަރްނާ
ހުޅަނގު ޣައްޒާގައި ގެދޮރު ގެއްލިފައިވާ މީހުން ހިމާޔަތް ހޯދާ ފޭލިގެތަކަށް އަމާޒުކޮށް އިސްރާއީލުގެ އިސްތިއުމާރީ ސިފައިން ދިން ރަހުމުކުޑަ ހަމަލާއެއްގައި، އުމުރުން އެންމެ ދެ އަހަރުގެ ތުއްތު ކުއްޖަކު ވަރަށް ބޮޑަށް ފިހި ޒަޚަމްވެއްޖެއެވެ.

އުތުރު ޣައްޒާއަށް ނިސްބަތްވާ އުމުރުން ދެ އަހަރުގެ މުޞްޠަފާ އަލް-ކަފަރްނާގެ ބޮލާއި ކޮނޑު ފިހިފައިވަނީ، އިސްރާއީލުގެ އުދުވާނުގެ ސަބަބުން އާއިލާއާއެކު އަމިއްލަ ގެދޮރު ދޫކޮށް ހުޅަނގު ޣައްޒާ ސިޓީގެ ވަގުތީ ފޭލިގެއެއްގައި ހިމާޔަތް ހޯދަމުންދަނިކޮށެވެ. އޭނާއަށް މި އަނިޔާ ލިބުނީ އެ އާއިލާ ދިރިއުޅެމުންދިޔަ ފޭލިގެއާ ޖެހިގެން ހުރި އެހެން ފޭލިގެއަކަށް އިސްރާއީލުން ދިން ނުރައްކާތެރި ބޮމުގެ ހަމަލާއަކާ ގުޅިގެންނެވެ.

މި ހިތާމަވެރި ހާދިސާއިން ހާމަވެގެންދަނީ، ގެދޮރު ގެއްލިފައިވާ މީހުން ހިމާޔަތް ހޯދާ ފޭލިގެތަކުގައިވެސް ކުށެއްނެތް ކުޑަކުދިންނަށް އޮތް ބިރުވެރި އަދި ނުރައްކާތެރި ހާލަތެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމާއި ވަރުގަދަ ހަމަލާތަކުގެ ސަބަބުން، ފަލަސްޠީނުގެ އެތައް ލައްކަ ރައްޔިތުންނަކަށް ވަނީ އެތައް ފަހަރެއްގެ މަތިން ރައްކާތެރިކަން ހޯދުމަށްޓަކައި އެއް ތަނުން އަނެއް ތަނަށް ހިޖުރަކުރަން މަޖުބޫރުވެފައެވެ.

ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކާބެހޭ ޖަމާޢަތްތަކުން ފާހަގަކުރާ ގޮތުގައި، މި އަނިޔާވެރި ހަނގުރާމައިގެ އެންމެ ބޮޑު ޝިކާރައަކަށް ވެފައިވަނީ ކުށެއްނެތް މަޢުޞޫމު ކުޑަކުދިންނެވެ. އެގޮތުން މިހާތަނަށް އެތައް ހާސް ކުޑަކުދިންނެއް ޝަހީދުވެ، އެތައް ބަޔަކު ނުކުޅެދޭ ހާލަތަށް ގޮސްފައިވާއިރު، ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް، އާންމުން ރައްކާތެރިކަން ހޯދުމަށް ކަނޑައަޅާފައިވާ "ރައްކާތެރި ސަރަޙައްދުތަކަށާއި" ގެދޮރު ގެއްލިފައިވާ މީހުން ހިމާޔަތް ހޯދާ ފޭލިގެތަކަށްވެސް ޒަޔަނިސްޓު އިސްރާއީލު ސިފައިން ދަނީ މެދުކެނޑުމެއްނެތި ބޮންއަޅަމުންނެވެ.

އިސްރާއީލުގެ މި އަނިޔާވެރި ޢުދުވާނުތަކުގެ ސަބަބުންނާއި އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، ޣައްޒާގެ މުޅި އާބާދީ ވަނީ ބޭސްފަރުވާއާއި، ކާބޯތަކެއްޗާއި، ސާފު ބޯފެނުގެ އިތުރުން ރައްކާތެރި ބޯހިޔާވަހިކަމުން މަޙްރޫމްވެ، ތާރީޚު ނުދެކޭފަދަ ބޮޑު އިންސާނީ ކާރިސާއެއްގެ ތެރެއަށް ވެއްޓިފައެވެ.



ކިޔުންތެރިންގެ ހިޔާލު