ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށް މިޞްރުގައި ދޮޅު އަހަރު ހޭދަކުރުމަށްފަހު އެނބުރި ޣައްޒާއަށް ދާން އުޅުނު 60 އަހަރުގެ އަމަލް އައް-ރީފީ
ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށް މިޞްރުގައި ދޮޅު އަހަރު ހޭދަކުރުމަށްފަހު އެނބުރި ޣައްޒާއަށް ދާން އުޅުނު 60 އަހަރުގެ އަމަލް އައް-ރީފީ
އިސްރާއީލުގެ އަނިޔާވެރި ޙަމަލާތަކުން ސަލާމަތްވުމަށާއި ޒަރޫރީ ބޭސްފަރުވާއަށް މިޞްރަށް ހިޖުރަކުރި ފަލަސްޠީނުގެ އެތައް ހާސް ރައްޔިތުންނަކަށް، ރަފަޙް ބޯޑަރު ހުރަސްކޮށް އަނބުރާ ވަޒަނަށް ދިއުމަކީ މިހާރު ފުރާނައަށް އޮތް ނުރައްކަލަކަށް ވެއްޖެއެވެ.

ދިގު މުއްދަތަކަށް ބަންދުކޮށްފައި ބޭއްވުމަށްފަހު ރަފަޙް ބޯޑަރު އަލުން ހުޅުވާލި ކަމުގައި ވިޔަސް، އިސްރާއީލުގެ އިސްތިޢުމާރީ ބާރުތަކުން ކުރިމަތިކުރުވާ ދަތި ޝަރުޠުތަކާއި، ކުއްލި ބަންދުކުރުންތަކުގެ އިތުރުން ޤާނޫނާ ޚިލާފަށް ހައްޔަރުކުރުމުގެ ބިރުވެރިކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ. މިގޮތުން، ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށް މިޞްރުގައި ދޮޅު އަހަރު ދުވަސް ހޭދަކުރުމަށްފަހު، އަނބުރާ ޣައްޒާއަށް ދަތުރުކުރި އުމުރުން 60 އަހަރުގެ އަމަލް އައް-ރީފީ އާއި އޭނާގެ ދަރިފުޅު ޔަސްމީން ވަނީ ބޯޑަރު ހުރަސްކުރުމުގެ ތެރޭގައި އިސްރާއީލު ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ފާއިތުވި އޮކްޓޯބަރު މަހު އެކަނިވެސް ބޯޑަރު މަތިން 6 މީހަކު ހައްޔަރުކޮށްފައިވާއިރު، ފެބްރުއަރީ މަހުން ފެށިގެން މިހާތަނަށް 11 މީހަކު ވަނީ މިފަދައިން ހައްޔަރުކޮށްފައެވެ. މިއީ އަމިއްލަ ވަޒަނުގައި ތިބި ޢާއިލާތަކާ ބައްދަލުކުރުމަށް އެދޭ ކުށެއްނެތް ރައްޔިތުންނަށް ކުރިމަތިކުރުވާ ނަފްސާނީ އަދި ޖިސްމާނީ ބޮޑު ހުރަހެކެވެ.

ހައްޔަރުކުރުމުގެ ބިރުވެރިކަމުގެ އިތުރުން، ދަތުރުވެރިން ގެންދާ މުދަލަށްވެސް ޒަޔަނިސްޓު ބާރުތަކުން ވަނީ ހަރުކަށި ހުރަސްތަކެއް އަޅާފައެވެ. ކޮންމެ މީހަކަށްވެސް ގެންދެވޭ މުދަލުގެ ބަރުދަން ކުޑަކޮށް، ލެޕްޓޮޕް ފަދަ ޒަމާނީ އިލެކްޓްރޯނިކް ސާމާނު އެތެރެކުރުން މަނާކުރުމުގެ ސަބަބުން، އޮންލައިންކޮށް މަސައްކަތްކުރާ ޒުވާނުންނާއި ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ ކުރިމަގަށް ވަނީ ހުރަސްއެޅިފައެވެ. ހަމައެއާއެކު، ބޯޑަރު ހުޅުވާފައި ބަހައްޓާ ވަގުތު ކުރުކުރުމާއި، ކުއްލި ގޮތަކަށް ބޯޑަރު ބަންދުކުރުމުގެ ސަބަބުން އެތައް އާއިލާއެއް ވަނީ މަގުމަތިވެ، ޙާލުގައި ޖެހިފައެވެ.

ޣައްޒާގެ ކަމާބެހޭ އިދާރާތަކުން ފާހަގަކުރާ ގޮތުގައި، އިސްރާއީލުން ހިންގާ މި ޖަރީމާތަކަކީ ޣައްޒާގެ ރައްޔިތުންނަށް ނަފްސާނީ ގޮތުން ބިރުދައްކައި، މުޅި މުޖުތަމަޢަށް ޖަމާޢީ އަދަބު ދިނުމުގެ ގޮތުން ރާވައިގެން ހިންގާ ލާއިންސާނީ ޢަމަލުތަކެކެވެ. މި ސަބަބުތަކާ ހުރެ ބޭރުގެ ޤައުމުތަކުން ފަރުވާ ހޯދަން ބޭނުންވާ ބަލިމީހުންނަށް ދަތުރުފަތުރުގެ ފުރުޞަތު ބަންދުވެ، އެތައް ހާސް ބަޔަކު ވަނީ ފަރުވާއިން މަޙްރޫމުވެފައެވެ. އެހެންނަމަވެސް، ފުރާނައަށް ނުރައްކާވެފައިވާ ބައެއް ބަލިމީހުން ބަޔާންކުރާ ގޮތުގައި، ހައްޔަރުކުރުމުގެ ބިރަށްވުރެ ބޮޑަށް އެމީހުން އިސްކަންދެނީ، މަރުގެ ވަގުތު އައުމުގެ ކުރިން އަމިއްލަ ވަޒަނުގައި ޢާއިލާއާއެކު އެންމެ ފަހު ވަގުތުކޮޅު ހޭދަކުރުމަށެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާގެ ކުށެއްނެތް ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ނަސްލުހޭދު ކުރުމުގެ ޢުދުވާނުތަކުގެ ސަބަބުން، 115،000 އަށްވުރެ ގިނަ ރައްޔިތުން ވަނީ ސަލާމަތާއި ފަރުވާ ހޯދުމަށް މިޞްރަށް ހިޖުރަކޮށްފައެވެ. އަދި 2024 ވަނަ އަހަރުގެ މެއި މަހު އިސްރާއީލު ސިފައިން ރަފަޙް ސަރަޙައްދު ހިސާރުކޮށް، އެ ބޯޑަރު ބަންދުކުރުމަށްފަހު އަލުން ހުޅުވާލާފައިވަނީ ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަހުގެ ދިގު މުއްދަތަކަށް ފަހުގައެވެ.

މި ލާއިންސާނީ ޢުދުވާނުގެ ސަބަބުން މުޅި ޣައްޒާ ސުންނާފަތިވެ، ލައްކައިން ރައްޔިތުންގެ ގެދޮރު ގެއްލި، އަދި އެތައް ހާސް ބަޔަކު ޝަހީދުވެފައިވާއިރު، ކާބޯތަކެއްޗާއި ބޭސްފަރުވާގެ އިތުރުން ދިރިއުޅުމުގެ އެންމެ އަސާސީ ޙައްޤުތަކުންވެސް އެ ރައްޔިތުން ވަނީ މަޙްރޫމުކޮށްފައެވެ. މި ހިތްދަތި ދަނޑިވަޅުގައި، ބޯޑަރު ހުރަސްކުރުމަށް އިސްރާއީލުން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަކީ، ނިކަމެތިކޮށްފައިވާ ފަލަސްޠީނު ރައްޔިތުންގެ ވޭނާއި ކެކުޅުން އިތުރަށް ގަދަކުރުމަށް ހިންގާ އަނިޔާވެރި ޢަމަލެކެވެ.



ކިޔުންތެރިންގެ ހިޔާލު