ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު
ދިވެހި ރައްޔިތުންގެ ޚިޔާލާއި ކަންބޮޑުވުންތައް ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ހުށަހެޅުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން "ސިޓިޒަންސް ވޮއިސް" ގެ ނަމުގައި ޚާއްޞަ ޕޯޓަލެއް މިއަދު އިފްތިތާހު ކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނީ، މި ޕޯޓަލަކީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ބަލައިގަތުމަށްޓަކައި 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި، އެ އޮފީހުގެ "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" ގެ ދަށުން ޤާއިމުކުރެވުނު ނިޒާމެއް ކަމަށެވެ.

މި ޕޯޓަލަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ރައްޔިތުންގެ މަޖިލިސް އެ ދައުރަށް ހުޅުއްވައިދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްވެވި ރިޔާސީ ބަޔާނުގައި ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް ތަޢާރަފުކުރެވުނު ޚިދުމަތެކެވެ. އެގޮތުން، ރައްޔިތުންގެ އަޑު ގާތުން އެއްސެވުމަށްޓަކައި ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ އުފައްދަވައި، އޭގެ ދަށުން މި ޕޯޓަލް މެދުވެރިކޮށް ރައްޔިތުންގެ ޚިޔާލާއި ކަންބޮޑުވުންތައް ސަރުކާރަށް ހުށަހެޅޭނެ މަގު މިހާރު ވަނީ ތަނަވަސްވެފައެވެ.

ރައީސް އޮފީހުން އިތުރަށް ބުނީ، މި ޕޯޓަލްގެ ޚިދުމަތް މިވަގުތު ވެބްސައިޓް މެދުވެރިކޮށް ފެށި ނަމަވެސް، މާ ލަސްތަކެއް ނުވެ މި ޚިދުމަތަށް ޚާއްޞަ ފޯނު އެޕްލިކޭޝަނެއް ވެސް ތަޢާރަފުކުރެވިގެންދާނެ ކަމަށެވެ.

ޕޯޓަލްގެ އިތުރުން ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ކޯލް ސެންޓަރުގެ ޚިދުމަތް، 1470 މެދުވެރިކޮށް މިހާރުވެސް ރައްޔިތުންނަށް ލިބިވަޑައިގަންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު