މަރްޔަމް ނަހްދާ ވަޙީދު   17 ނޮވެމްބަރު 2026 - 12:46
ވަރަ އެކްސްޕޯ 2026 ގެ ގޯލްޑް ސްޕޮންސަރަކަށް ބީއެމްއެލް ހަމަޖެއްސުން، ފޮޓޯ: ބީއެމްއެލް
ވަރަ އެކްސްޕޯ 2026 ގެ ގޯލްޑް ސްޕޮންސަރަކަށް ބީއެމްއެލް ހަމަޖެއްސުން، ފޮޓޯ: ބީއެމްއެލް
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީން އިންތިޒާމުކޮށްގެން ބާއްވާ "ނޭޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ" (ވަރަ އެކްސްޕޯ 2026) ގެ ގޯލްޑް ސްޕޮންސަރަކަށް ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައިފިއެވެ.

މި އެކްސްޕޯ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 އިން 28 ގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

މި އެކްސްޕޯގެ މައިގަނޑު ބޭނުމަކީ މަސައްކަތުގެ މައިދާނަށް ނުކުންނަން ތައްޔާރުވާ ދިވެހި ޒުވާނުންނަށް ވަޒީފާގެ ބާޒާރުގައި ހުރި ފުރުސަތުތައް ދައްކުވައިދީ، ވަޒީފާދޭ މުއައްސަސާތަކާއި ކުންފުނިތަކާ ސީދާ ގުޅުވައިދިނުމެވެ. އެގޮތުން، މި ހަރަކާތުގެ ތެރެއިން އެކި ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް ޚާއްސަ ކެރިއަރ ކައުންސެލިންގ ސެޝަންތަކާއި، އަމަލީ ހުނަރު ދަސްކޮށްދޭ މަސައްކަތު ބައްދަލުވުންތައް ކުރިއަށްދާނެއެވެ. އަދި އެކި ދާއިރާތަކުގެ ތަޖުރިބާކާރުންނާ ބައްދަލުކޮށް، މައުލޫމާތާއި އިރުޝާދު ހޯދުމުގެ ފުރުސަތުވެސް ޒުވާނުންނަށް މި އެކްސްޕޯގެ ތެރެއިން ފަހިވެގެންދާނެއެވެ.

ގޯލްޑް ސްޕޮންސަރެއްގެ ގޮތުގައި ބައިވެރިވެ، ބީއެމްއެލްގެ ފަރާތުން މި އެކްސްޕޯގައި ޚާއްސަ ސްޓޯލެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ސްޓޯލް މެދުވެރިކޮށް އެ ބޭންކުގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި، ކިޔަވާ ކުދިންނަށާއި ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ އިންޓާންޝިޕް ޕްރޮގްރާމްތަކުގެ އިތުރުން، މުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށް ހިންގާ ތަމްރީނުތަކާ ގުޅޭ ފުރިހަމަ މައުލޫމާތު ފޯރުކޮށްދޭނެއެވެ. މިއީ ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ގައުމުގެ އިގްތިސާދީ ދުވެލީގައި އެ ފަރާތްތަކުގެ ހިއްސާ އިތުރުކުރުމަށް ބޭންކުން ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެކެވެ.

ދިވެހި ޒުވާނުންގެ ތައުލީމީ ފެންވަރާއި މަސައްކަތުގެ ހުނަރުވެރިކަން ތަރައްގީކޮށް، އަމިއްލަ ފައިމައްޗަށް ތެދުވުމަށް އެހީތެރިވުމުގެ ގޮތުން ބީއެމްއެލްއިން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން 2025 ވަނަ އަހަރު ބޭއްވުނު ވަރަ އެކްސްޕޯގައިވެސް އެ ބޭންކުން ވަނީ މެއިން ސްޕޮންސަރެއްގެ ގޮތުގައި ބައިވެރިވެ، ބޮޑު އެއްބާރުލުމެއް ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު