މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު (މ)
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު (މ)
ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ މައްސަލަ ހައްލުކުރުމަށްޓަކައި، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ކަންމަތީ ފިހާރަތަކަށް އެކަނި ނުގޮސް ރިސޯޓްތައް ވެސް އޮޑިޓްކުރަން ޖެހޭ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގައި ގަވަރުނަރު މުނައްވަރު މިއަދު ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް އަހަރަކު 5.9 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭއިރު، ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއަށް ވަންނަނީ އޭގެ ތެރެއިން އެންމެ 3.8 ބިލިއަން ޑޮލަރު ކަމަށެވެ. މުނައްވަރު ވަނީ، ރާއްޖެއަށް ލިބޭ ކޮންމެ ޑޮލަރަކީ ވެސް ރާއްޖޭގެ ރަސްމީ ބޭންކިން ނިޒާމުގެ ތެރެއަށް ވަންނަންޖެހޭ އެއްޗެއްކަން ފާހަގަކުރަށްވައި، އެކަން އެގޮތަށް ކަށަވަރު ކުރުމަށްޓަކައި ޑޮލަރު ދައުރުވަމުންދާގޮތް މިހާރު ވަރަށް ބޮޑަށް މޮނިޓާ ކުރަމުން ގެންދަވާ ކަމަށް ވިދާޅުވެފައެވެ.

"އޮޑިޓްކުރަން އެބަޖެހޭ އެ ބޭފުޅުންގެ ހިސާބުތައް. އެހެންވީމާ ކަންމަތީ ފިހާރައަށް އެކަންޏެއް ނޫން މީރާ ދާންވީކީ." ރިސޯޓްތައް އޮޑިޓްކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ގަވަރުނަރު ވިދާޅުވިއެވެ.

މީގެއިތުރުން، ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް ހޯދުމަކީ މީރާގެ ޒިންމާއެއް ނަމަވެސް، އެ ޓެކްސް ނުދައްކާ ރިސޯޓްތައް ގިނަކަން މުނައްވަރު ފާހަގަކުރެއްވިއެވެ. އެގޮތުން މީރާއިން ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް އަލިއަޅުއްވާ ލައްވަމުން އޭނާ ވިދާޅުވީ، ރާއްޖޭގައި ހިންގާ 185 ރިސޯޓްގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ ގާތްގަނޑަކަށް 50 ވަރަކަށް ރިސޯޓުން ކަމަށެވެ.

ގަވަރުނަރު އިތުރަށް ވިދާޅުވީ، ރާއްޖެއަށް ވަންނަ ކޮންމެ ޑޮލަރެއް ބޭންކިން ނިޒާމުގެ ތެރެއަށް ވެއްދުމަށްޓަކައި އެމްއެމްއޭއިން ކުރަމުންދާ މަސައްކަތްތައް އަންނަ އަހަރުގެ ތެރޭގައި އިތުރަށް ހަރުކަށި ކުރައްވާނެ ކަމަށެވެ. އަދި މިވަގުތު ޑޮލަރުގެ ރޭޓް ފްލޯޓް ނުކުރެވިގެން އުޅޭ މައިގަނޑު ސަބަބަކީ ބާޒާރުގައި ޑޮލަރުގެ އަގު ކަނޑައަޅާ މައިގަނޑު ވަސީލަތަކަށް ކަޅުބާޒާރު ވެފައި އޮތުން ކަމަށް ވެސް ގަވަރުނަރު ވަނީ ބަޖެޓް ކޮމިޓީގައި ވިދާޅުވެފައެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި، އެމްއެމްއޭއިން ވަނީ، އަންނަ 2027 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 59.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓުގެ ޑެފިސިޓް ފޫބެއްދުމަށް އެތެރޭގެ ދަރަންޏަށް ބަރޯސާވާ މިންވަރު ބޮޑުވެ، ރާއްޖޭގެ މާލީ ނިޒާމަށް އޮތް ހިރާސް އިތުރުވަމުންދާތީ، ބަޖެޓުގައި ހިމަނާފައިވާ ބޭރުގެ ފައިނޭންސިން ދުރާލާ ކަށަވަރުކުރުމަށް ލަފާދީފައެވެ.

އެމްއެމްއޭގެ ލަފާގައި މި އަހަރު ވެސް ބަޖެޓް ޑެފިސިޓްގެ 78 އިންސައްތަ ފައިނޭންސް ކުރާނީ އެތެރޭގެ ބާޒާރުން ދަރަނި ނަގައިގެންކަން ފާހަގަ ކޮށްފައިވެއެވެ. އަދި އޭގެ ނަތީޖާއަކީ ސަރުކާރުން ވިޔަފާރި ބޭންކުތަކަށް ވިއްކާ ޓީ-ބިލާއި ޓީ-ބޮންޑުގެ އަދަދު އިތުރުވެ މިއަހަރުގެ ސެޕްޓެމްބަރު ނިޔަލަށް ރާއްޖޭގެ ވިޔަފާރި ބޭންކުތަކުގެ ރައުސްމާލުގެ 35 ހިއްސާކުރަނީ ސަރުކާރުގެ ޓީ-ބިލާއި ބޮންޑުކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.

ހަމައެއާއެކު 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް މީރާ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހި ނުލިބިވާ ފައިސާގެ އަދަދު 14.5 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށާއި، ކަސްޓަމްސްއަށް ނުލިބިވާ ފައިސާ އިތުރުވެ، ކަސްޓަމްސްގެ އާމްދަނީއާ ގުޅޭ އިދާރީ މަސައްކަތް ބެލެހެއްޓުން މާލީ ވުޒާރާއަށް ބަދަލުކުރަން ބަޖެޓުގައި ހިމަނާފައިވާތީ އެކަމަށް އެމްއެމްއޭން ތާއީދުކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު