ފޮޓޯ: ރައީސް އޮފީސް
ފޮޓޯ: ރައީސް އޮފީސް
އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އަބްދުﷲ އިބްރާހީމް (އަބުޗާ) އަށް ގާނޫނާ ހިލާފަށް ޕެރޯލްގެ ފުރުސަތުދީ، ޖަލުން މިނިވަންކުރި މައްސަލައިގައި ޕެރޯލް ބޯޑުގެ މެންބަރުން ވަކިކުރުމަށްފަހު އެބޯޑު އަލުން އެކުލަވާލައިފިއެވެ.

ރައީސް އޮފީހުން މިދިޔަ ހަފުތާގެ ހޯމަ ދުވަހު ހުރިހާ މެމްބަރުން އައްޔަންކޮށް، ނުވަ މެމްބަރުންގެ ޕެރޯލް ބޯޑު އަލުން އެކުލަވާލި ނަމަވެސް، އެ ބޯޑުގައި ތިބި މެމްބަރުންގެ ތަފްސީލް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ޕެރޯލް ބޯޑު އަލުން އެކުލަވާލާފައިވާއިރު، ޤާނޫނާ ޚިލާފަށް އަބުޗާއަށް ދީފައިވާ ޕެރޯލް ބާތިލުކޮށް، އޭނާ މިހާރު ވަނީ އަނބުރާ ޖަލަށް ގެންގޮސްފައެވެ. ދެ ދައުވާއަކާ ގުޅިގެން ޖުމްލަ 25 އަހަރުގެ ޖަލު ހުކުމެއް (އުމުރު ދުވަހުގެ ހުކުމެއްގެ ގޮތުގައި) އަބުޗާގެ މައްޗަށް އައީ މިދިޔަ އަހަރުގެ މެއި މަހުއެވެ. ނަމަވެސް، ތުހުމަތުކުރެވިގެން އޭނާ ފުރަތަމަ ބަންދުކުރެވުނީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ކަމަށްވާތީ، ޖަލު ބަންދުގައި އަހަރު ވެފައިވެއެވެ.

ޕެރޯލްގެ ޤާނޫނު ބުނާގޮތުން، މަސްތުވާތަކެތީގެ ޚާއްޞަ 3 ބާވަތެއްގެ ކުށް ފިޔަވައި އެހެނިހެން ކުށްތަކުގައި ޖަލު ހުކުމް ތަންފީޒު ކުރަމުންދާ ފަރާތްތަކަށް ޕެރޯލްގެ ފުރުސަތު ލިބެނީ އެ މީހެއްގެ މައްޗަށް އައިސްފައިވާ އެންމެ ދިގު ހުކުމުގެ ތިންބައިކުޅަ އެއްބައި ފުރިހަމަ ކުރުމުންނެވެ. ނަމަވެސް މަސްތުވާތަކެތީގެ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާޙުގައި ވަނީ ޑްރަގް ޓްރެފިކް ކުރާ މީހުންނަށް ޕެރޯލްގެ ފުރުސަތު ނުލިބޭނެ ކަމަށެވެ.

ޕެރޯލް ބޯޑުގައި ތިއްބަވަނީ ބަންޑާރަ ނައިބުގެ އޮފީހުގެ ބޭފުޅަކާއި، ޕޮލިސް އޮފީސް ތަމްސީލު ކުރަށްވާ ބޭފުޅަކާއި، ކަރެކްޝަނަލް ސާވިސްގެ ބޭފުޅަކާއި، އެޑިއުކޭޝަން، ހެލްތު، އިސްލާމިކް މިނިސްޓްރީގެ ބޭފުޅުންނާއި، ސިއްހީ ދާއިރާ ތަމްސީލުކުރާ މެޑިކަލް ޑޮކްޓަރަކާއި، ނަފްސާނީ ބަލިތަކުގެ ދާއިރާ ތަމްސީލްކުރާ ސައިކޭޓްރިސްޓަކާއި، ޖަމިއްޔާތައް ތަމްސީލުކުރާ މެމްބަރެކެވެ.



ކިޔުންތެރިންގެ ހިޔާލު