މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ އަދި އެމްޓީސީސީއާ ދެމެދު އެއްބަސްވުންތަކުގައި ސޮއިކުރުން
މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ އަދި އެމްޓީސީސީއާ ދެމެދު އެއްބަސްވުންތަކުގައި ސޮއިކުރުން
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ މުހިންމު 22 މަޝްރޫއެއް ހިންގުމަށް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ދެމެދު އެއްބަސްވުންތަކުގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދެވެ. މި ރަސްމިއްޔާތުގައި މި މަޝްރޫއުތައް ކުރިއަށްދާ ދާއިރާތައް ތަމްސީލު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރަށްރަށުގެ ތަރައްގީއަށް އިސްކަންދެއްވައިގެން ކުރިއަށްގެންދާ މި މަޝްރޫއުތަކުގެ ތެރޭގައި މަގުހެދުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމާއި، ބަނދަރު ހެދުން ފަދަ ރައްޔިތުންގެ ދިރިއުޅުމާ ގުޅިފައިވާ އަސާސީ ޚިދުމަތްތައް ހިމެނެއެވެ.

އެގޮތުން، މަގުހެދުމުގެ މަޝްރޫއުތައް ހިންގުމަށް ހަމަޖެހިފައިވަނީ އދ. ހަންޏާމީދޫ، ބ. ކަމަދޫ، ކ. މާފުށި، ނ. މާޅެންދޫ، ރ. އަނގޮޅިތީމު، ރ. ވާދޫ، ށ. ކޮމަންޑޫ އަދި ތ. ވަންދޫގައެވެ.

ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތައް އއ. މާޅޮސް، ހއ. ތުރާކުނު، ހދ. ނައިވާދޫ، ހއ. ވަށަފަރު އަދި ނ. މިލަދޫގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، ބަނދަރު ހެދުމާއި އަޕްގްރޭޑްކުރުމުގެ މަޝްރޫއުތައް ކ. ތުލުސްދޫ، ގއ. ކަނޑުހުޅުދޫ، ގއ. ނިލަންދޫ، ތ. ކަނޑޫދޫ، ތ. ވިލުފުށި، އަދި ނ. ހޮޅުމީދޫގައި ކުރިއަށްދާނެއެވެ.

އަދި ހދ. ވައިކަރަދޫގައި ސްލިޕްވޭ އަދި ބީޗް ތަރައްގީކުރުމާއި، ރ. ފައިނުގައި ބީޗް ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށްގެންދިއުމަށް އެއްބަސްވެފައިވާއިރު، އިމާރާތްކުރުމުގެ ބޮޑު މަޝްރޫއެއްގެ ގޮތުގައި ޏ. ފުވައްމުލަކުގައި 9 ފަންގިފިލާގެ އޮފިސް ކޮމްޕްލެކްސްއެއް އެޅުމަށް ވެސް ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ.

މި މަޝްރޫއުތަކަކީ ރަށްރަށުގެ އިގްތިސާދީ އަދި އިޖުތިމާއީ ހާލަތު ރަނގަޅުކޮށް، ރައްޔިތުންނަށް ލިބޭ ޚިދުމަތްތައް ފުޅާކުރުމުގެ މަގުސޫދުގައި ސަރުކާރުން ފަށާފައިވާ މުހިންމު މަސައްކަތްތަކެކެވެ.



ކިޔުންތެރިންގެ ހިޔާލު